18 އޯގަސްޓް 2021 - 13:19

މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ3 އިން ސީއޭއޭ1 އަށް ދަށްކޮށްފި އެވެ.
މޫޑީސް އިން މިދިޔަ އަހަރު ރާއްޖޭގެ ރޭޓިން ބީ3 އަށް ދަށްކުރީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓީފައި އޮތުމުންނެވެ. ނަމަވެސް އެ އެޖެންސީން ބުނެފައިވާގޮތުގައި ޓޫރިޒަމް ރަނގަޅުވި ނަމަވެސް ރޭޓިން މި އަހަރު ދަށްކުރަން ޖެހުނީ ހީކުރި ވަރަށް ވުރެ ރާއްޖޭގެ ދަރަނި ބޮޑުވެފައިވާތީ އެވެ.
އެ އެޖެންސީން ބުނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު ކުރިއަށް އޮތްތާނގައި ދައުލަތުގެ އާމްދަނީ އަށް ވުރެ ހަރަދުތައް ބޮޑުވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް މިހާރު ރަނގަޅު ނަމަވެސް ދަރަނި ކުޑަވާން ވަގުތު ނަގާނެ ކަމަށް ވެސް އެ އެޖެންސީން ލަފާ ކުރެ އެވެ.
މޫޑީސް އިން ލަފާ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަން (ޖީޑީޕީ) މި އަހަރު 19 ޕަސެންޓް އަދި އަންނަ އަހަރު 14 ޕަސެންޓް އިތުރުވާނެ އެވެ. ނަމަވެސް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 107 ޕަސެންޓަށް ވެއްޓޭނީ 2024ގައި ކަމަށް އެ އެޖެންސީން ވަނީ ލަފާކޮށްފަ އެވެ. މިހާރު ރާއްޖޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 117 ޕަސެންޓުގަ އެވެ.
އެ އެޖެންސީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ދަރަނި ދެއްކުން ލަސްވާނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރަން ޖެހޭ އިންވެެސްޓްމަންޓުތައް ގިނަވުމުންނެވެ. އެގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމުން ލިބޭ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ކުރަން ޖެހޭ ހަރަދުތަކާ އެކު ބޭރު ގައުމުތަކުގެ އެހީ ހޯދަން ޖެހޭ މިންވަރު އިތުރުވާނެ ކަމަށް ވެސް މޫޑީސް އިން ބުނެ އެވެ.
މޫޑީސް އިން ބުނީ، ބޭރު ދުނިޔޭގައި ރާއްޖޭގެ ހާލަތު ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ގޯސްވެ، ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ އެއްކޮށް ނުދެއްކި، އެކްސްޗޭންޖް ރޭޓް މަތިވެދާނެ ކަމަށެވެ.
ރާއްޖޭގެ ރޭޓިން މޫޑީސް އިން ސީއޭއޭ1 އަށް ދަށްކޮށްފައިވާއިރު ރޭޓިންގެ އައުޓްލުކް މިހާރު ވަނީ ނެގެޓިވް އިން "ސްޓޭބަލް" އަށް ބަދަލުކޮށްފަ އެވެ.