18 އޯގަސްޓް 2021 - 11:03

މިހާރު އަފްގާނިސްތާނުގައި އޮތީ، މީގެ 20 އަހަރު ކުރިން ވެރިކަން ކުރި ތާލިބާން ޖަމާއަތް ނޫން ކަމަށާއި، މިހާރުގެ ތާލިބާން ޖަމާއަތް ވަރަށް ތަފާތުވާނެ ކަމަށް، އެ ޖަމާއަތުން ބުނެފި އެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނި ގޮތުގައި، 1996-2001 އަށް ތާލިބާނުން ވެރިކަން ކުރި އިރު ހިނގި ކަންތައް، މީގެ ފަހުން ދެން ތަކުރާރެއް ނުވާނެ އެވެ. އަދި އެ ޖަމާއަތުގެ ވެރިކަމެއް އިސްލާމީ އިމާރާތު (އަފްގާނިސްތާނު) ގައި ގާއިމުވާ އިރު، ވަރަށް ބޮޑެތި ތަފާތުތައް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

އަފްގާނިސްތާނުގައި އޮތް ސަރުކާރު މިދިޔަ ހޯމަ ދުވަހު ވައްޓާލައި، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އަފްގާނިސްތާނު ހިފީ، 20 އަހަރު ވަންދެން އެމެރިކާ އާއި ނޭޓޯގެ ލަޝްކަރުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު އެވެ. ހަނގުރާމައެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް، ތާލިބާން ހަނގުރާމަވެރިންގެ މައްޗަށް ކާމިޔާބު ހޯދޭނެ މިންވަރަށް، އަފްގާނިސްތާނުގެ އަސްކަރިއްޔާ ތަމްރީންކޮށް ތައްޔާރުކޮށްދިނުމަށް ފަހު، އެމެރިކާ ސިފައިން އެ ގައުމުން ފައިބަން ނިންނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަން ފެށުމާ އެކު، ތާލިބާނުންގެ ހަމަލާތައް ވަރުގަދަކޮށް، ރަށްފުށު ސަރަހައްދުތައް ހިފަމުން ގޮސް، އެންމެ ފަހުން ޕްރޮވިންސްތަކުގެ ވެރިރަށްތައް ހިފަން ފެށި އެވެ. އެކަމުގައި ވެސް މާ ބޮޑު ގޮންޖެހުންތަކެއް ކުރިމަތި ނުވެ، ވެރިރަށް ކާބުލް ވަށައިލީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ތާލިބާނުންގެ ތަރުޖަމާނު ބުނި ގޮތުގައި، މީގެ ކުރިން ތާލިބާން ޖަމާއަތުގެ ވެރިކަމުގައި ކަންކުރި ގޮތާ ހިލާފަށް، އަންހެނުންގެ ހައްގުތަކާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކޮށްދޭނެ އެވެ.
"އަންހެނުން ވަޒީފާ އަދާކުރުމަށާއި ކިޔެވުމަށް ވެސް އަހަރެމެން ފުރުސަތު ދޭނަން. އެކަންކަން ކުރުމުގައި ވެސް އަހަރެމެންގެ އޮނިގަނޑުތަކެއް އެބަހުރި. މުޖްތަމައުގެ ތެރޭގައި އަންހެނުން ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރާނެ، އެކަމަކު އެއީ އިސްލާމް ދީނުގެ އޮނިގަނޑުގެ ތެރޭގައި،" ވެރިރަށް ކާބުލްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަބީހުﷲ ބުންޏެވެ.
ވެރިރަށް ކާބުލް ހިފުމަށް ފަހު މިހާތަނަށް ތާލިބާން ހަނގުރާމަވެރިންގެ ފަރާތުން ލާއިންސާނީ އަމަލުތަކެއް ފެނުނު ކަމަށް ބައިނަލްއަގުވާމީ އެއްވެސް މީޑިއާއަކުން އަދި ނުބުނެ އެވެ. އަދި ތާލިބާނުންގެ ފަރާތުން މިހާތަނަށް އާންމު ކުރި ވާހަކަތަކާއި ނޫސްބަޔާންތަކުން ވެސް ފެންނަނީ، މީގެ ކުރިއާ އަޅައި ބަލާއިރު ވަރަށް މެދުމިނު ސިޔާސަތެއްގެ އިޝާރާތްތަކެކެވެ.
"އަންހެނުންނާ ދެކޮޅަށް އަހަރެމެން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނަން. އެމީހުން ވެސް އަހަރެމެންނާ ކޮނޑާއި ކޮނޑު ޖެހޭ ފަދައިން މުޖްތަމައުގައި މަސައްކަތް ކުރަމުން ދާނެ. އަހަރެމެންގެ ސަގާފީ ގިއުގަނޑުގެ ތެރެއިން، މީޑިއާތަކަށް ވެސް އަހަރެމެން މިނިވަންކަން ދޭނަން. މިނިވަންކަމާ އެކު ޕްރައިވެޓް މީޑިއާތައް ވެސް ކުރިއަށް ދާންވީ. އެ މީހުންގެ މަސައްކަތާއިގެން ކުރިއަށް ދެވޭނެ. އަހަރެމެންގެ ވެރިކަން ހިނގައިގަތުމުން، (ކުރިއާ އަޅައި ބަލާއިރު) ވަރަށް ބޮޑު ތަފާތެއް ފެންނާނެ."
ތަރުޖަމާނު ބުނި ގޮތުގައި ކުރީގެ ސަރުކާރުގައި މަސައްކަތް ކުރި މީހުން ނުވަތަ އަސްކަރިއްޔާގައި މަސައްކަތް ކުރި ސިފައިންނާއި ބިދޭސީ ލަޝްކަރުތަކަށް އެހީތެރިކަން ފޯރުކޮށްދިން މީހުން ހޯދަން ގޭގެއަށް ވަދެ ބަލައި ފާސްކޮށް، އެ މީހުންގެ ފަރާތުން ބަދަލު ހިފުމަށް އެއްވެސް އަމަލެއް ނުހިންގާނެ އެވެ. --އަލް ޖަޒީރާ