29 ނޮވެމްބަރ 2016 - 06:12

ކަރަން ޖޯހަރްގެ މަޝްހޫރު ޝޯ "ކޮފީ ވިތު ކަރަން" ގެ މިފަހަރުގެ ސީޒަންގައި މިހާތަނަށް ދެއްކި އެންމެ މަޖާ އެޕިސޯޑަކަށް ވީ ބޮލީވުޑް އެކްޓަރުން ކަމަށްވާ ރަންވީރު ސިންގް އާއި ރަންބީރު ކަޕޫރު އެކުގައި ބައިވެރިވި އެޕިސޯޑެވެ.
މި ޝޯގައި ކަރަން ވަނީ ރަންވީރު އާއި ރަންބީރުގެ ލޯބީގެ ދިރިއުޅުމާއި އެމީހުން މިވަގުތު ތިބީ ސިންގަލްކޮށްތޯ ނުވަތަ މީހަކާ ގުޅިގެންތޯ ވެސް ސުވާލު ކޮށްފަ އެވެ.
މި ސުވާލަށް ޖަވާބު ދޭން ރަންވީރު ވަނީ ދެކޮޅުހަދާފަ އެވެ. އޭނާ ބުނީ އެ ސުވާލުތަކުގެ ޖަވާބު ދެވެން ނެތް ކަމަށެވެ. ނަމަވެސް ރަންބީރު ބުނީ އޭނާ ހުރީ ސިންގަލްކޮށް ކަމަށާއި ނަމަވެސް އެއީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ލޯބިވެރިއަކު ނެތުމަކީ ވަރަށް ފޫހި އެހާމެ އެކަނިވެރިކަން އިހްސާސްކުރެވޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ލޯތްބަކީ ދެ މީހުން ވެސް ކޮންމެވެސް ވަރަކަށް ގޮތްދޫކޮށްގެން ނޫނީ ކުރިއަށް ގެންދެވޭނެ ގުޅުމެއް ނޫނެވެ. އަދި ވަރަށް އަވަހަށް އެހެން ލޯބިވެރިޔަކު ހޯދާނެ ކަމަށް ވެސް ބުންޏެވެ.
އަނެއްކޮޅުން ރަންވީރު ގަބޫލުކުރާ ގޮތުގައި އޭނާއަކީ މި ދުނިޔޭގައި ވެސް ހުރި އެންމެ ބަރާބަރު ލޯބިވެރިޔާ އެވެ. އަދި އެހެން މީހަކަށް އެހާ ފަސޭހައިން ހަސަދަނުލާނެ ކަމަށް ވެސް ބުންޏެވެ.
ލޯބީގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ނުދައްކަން ޝޯ ފެށުނުއިރު ބުނި ރަންވީރު ފަހުން ވަރަށް ދިގުކޮށް އެ މައުލޫއަށް ވާހަކަ ދެއްކިތަން ފެނުނެވެ.
ރަންބީރު ބުނި ގޮތުގައި ދީޕިކާ އާއި ރަންވީރުގެ ގުޅުމާ މެދު އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. ރަންބީރު އާއި ދީޕިކާ ރުޅިވިތާ މިހާރު ހަތް އަހަރު ވެއްޖެ އެވެ. އަދި ދީޕިކާގެ ހަޔާތަށް އެހެން މީހަކު އައުމަކީ މައްސަލައެއް ނޫން ކަމަށް ރަންބީރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އުއްމީދަކީ ރަންވީރާއި ދީޕިކާ ކައިވެނިކޮށްގެން ލޯބި ދަރިންތަކެއް ހޯދުމެވެ.
ރަންވީރު ބުނީ އެކަކާ ރައްޓެހިވިޔޭ ކިޔާފައި ރަންބީރާއި އޭނާއާ ދެމެދު އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ.
ރަންބީރުގެ އެކްޓިން ހުނަރަށް ރަންވީރު ވަނީ ތައުރީފުކޮށްފަ އެވެ. އޭނާ ބުނީ ރަންބީރަކީ ޒުވާން އެކްޓަރުންނަށް ބެންޗްމާކެއް ކަމަށެވެ.