ޝާހްރުކްގެ ފިލްމުން ސާނިއާ އަށް ވެސް ރޯލެއް
ޝާހްރުކްގެ ފިލްމުން ސާނިއާ އަށް ވެސް ރޯލެއް

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނާ އެކު ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ ފިލްމުގެ ރޯލަކަށް ސާނިއާ މަލްއުތުރާ ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަން އަދި ހާމަނުކުރާ މި ފިލްމަށް ދެވަނަ ބަތަލާ އަކު ސޮއިކުރި ކަމަށް މީޑިއާތަކުން ބުނެފައި މި ވަނީ ފިލްމުގެ ލީޑް ބަތަލާ އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްްޓްރީގެ ބަތަލާ ނަޔަންތަރާ ކަމަށް ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެޓްލީ އެންމެ ފަހުން ގެނެސްދިން 2018 ގެ "ބިޖިލް" ގެ ބަތަލާ އަކީ ވެސް ނަޔަންތަރާ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޝާހްރުކާ އެކީ އެޓްލީ ހަދާ ފިލްމަކީ ފުދޭ ވަރެއްގެ ބޮޑު ކާސްޓެއް ފެންނާނެ ފިލްމެކެވެ. އެގޮތުން ސާނިއާގެ ރޯލަކީ ވެސް ފިލްމުގެ ވަރަށް ހާއްސަ ރޯލެއް ކަމަށް ބުންޏެވެ. ޝާހްރުކާ އެކީ އެއް ފިލްމެއްގައި މަސައްކަތްކުރަން ޒުވާން ބަތަލާ އަށް ލިބުނު އިރު، އޭނާގެ ފިލްމު ކުންފުންޏާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ނިންމާފައިވާ "ލަވް ހޯސްޓެލް" ގެ ބަތަލާ އަކީ ސާނިއާ އެވެ. އެ ފިލްމުގެ ބަތަލުންނަކީ ބޮބީ ޑިއޯލް އާއި ވިކްރާންތު މަސީ އެވެ.

ސާނިއާ، 29، އަކީ އާމިރު ޚާންގެ "ޑަންގަލް" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ. މި ފަހުން ސާނިއާ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ޕަގްލައިޓް" އާއި "ލޫޑޯ" އަދި "ބަދާއީ ހޯ" ހިމެނެ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނެޓްފްލިކްސްގެ "މީނާކްޝީ ސުންދަރޭޝްވަރް" ހިމެނެ އެވެ.

ފިލްމީ ޚަބަރުތައް ބުނާ ގޮތުން އެޓްލީގެ ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރުގައި ފަށަން ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ. މީގައި ޝާހްރުކް ކުޅޭނީ ޑަބަލް ރޯލެކެވެ.

އޭނާ މިހާރު އަންނަނީ ޑައިރެކްޓަރު ސިދާތު އާނަންދުގެ "ޕަތާން" ގެ މަސައްކަތްކުރަމުންނެވެ.