އަމީތާބާ ނުލައި ބަލްކީ އަށް ފިލްމެއް ނުހެދޭނެ
އަމީތާބާ ނުލައި ބަލްކީ އަށް ފިލްމެއް ނުހެދޭނެ

ޑައިރެކްޓްކުރާ ކޮންމެ ފިލްމެއްގައި ވެސް އަމީތާބް ބައްޗަން ކޮންމެވެސް ގޮތަކުން ބައިވެރިކޮށްގެން ނޫނީ ފިލްމެއް ހަދަން ވަރަށް އުނދަގޫ ކަމަށް އާރް ބަލްކީ ބުނެފި އެވެ.

މިދިޔަ ހަފުތާގައި ކާސްޓުން އިއުލާންކުރި އޭނާގެ ފުރަތަމަ ތުރިލާ އިން ވެސް އަމީތާބްގެ ރޯލެއް ފެންނާނެކަން ކަށަވަރުކޮށް ދެމުން ބަލްކީ ބުނީ ނަން އަދި ހާމަނުކުރާ ފިލްމުގައި އަމީތާބް ކުޅޭ ކެރެކްޓާ އަންނާނީ ވާހަކައިގެ ވަރަށް މުހިއްމު ހިސާބަކުން ކަމަށެވެ.

"މާ ބޮޑު ރޯލަކަށް ނުވިޔަސް، އަމީތާބްގެ ވަރަށް ފާހަގަކޮށްލެވޭ ކެރެކްޓާ ރޯލެއް ފިލްމުން ފެންނާނެ. އަހަންނަށް ހަމަ އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫން އޭނާއާ ނުލައި ފިލްމެއް ހެދުމަކީ،" އަމީތާބަކީ ލަކީ ޗާމިންއެއްގެ ގޮތުގައި ދެކޭ ޑައިރެކްޓަރު ބުންޏެވެ.

އަމީތާބާ އެކު ބަލްކީ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2007 ގެ "ޗީނީ ކަމް" އާއި 2009 ގެ "ޕާ" އަދި 2015 ގެ "ޝަމީތާބް" ހިމެނެ އެވެ. އަދި އަކްޝޭ ކުމާރާ އެކު ގެނެސްދިން 2018 ގެ "ޕެޑްމޭން" ގައި އަމީތާބްގެ ހާއްސަ ފެނިލުމެއް ހިމެނި އިރު، ކަރީނާ ކަޕޫރާއި އަރުޖުން ކަޕޫރާ އެކު 2016 ގައި ގެނެސްދިން "ކީ އެންޑް ކާ" ގައި އަމީތާބާއި އަންހެނުން ބައްޗަންގެ ހާއްސަ ފެނިލުމެއް ހިމަނާފައިވެ އެވެ.

"އަހަރެން އަމީތާބް ކާސްޓްގައި ހިމަނަނީ ހަމަ ކާސްޓްގައި އޭނާ ހިމަނަން ބޭނުންވެގެން އެކަންޏެއް ނޫން. އަހަރެންގެ ފިލްމެއް ފުރިހަމަ ވަނީ އޭނަގެ ބައިވެރިވުމެއް އޮތީމަ ކަމަށްވާތީ. އެހެންވީމާ އަހަރެން ޑައިރެކްޓްކުރާ ކޮންމެ ފިލްމަކުން އަމީތާބު ކޮންމެވެސް ގޮތަކަށް ނުފެނިއެއް ނުދާނެ." ބަލްކީ ބުންޏެވެ.

މުޅިން އަލަށް ތުރިލާ ޖޯންރާގެ ފިލްމެއް ހަދަން އޭނާ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މީގެ މައިގަނޑު ކާސްޓުންނަކީ ސަނީ ޑިއޯލް އާއި ޕޫޖާ ބަޓާއި އިންޑިއާގެ ދެކުނުގެ މަޝްހޫރު އެކްޓަރު ދަލްގޫރް ސަލްމާންގެ އިތުރުން އަރަމުން އަންނަ ބަތަލާ ޝްރެޔާ ދަންވަންތަރީ އެވެ.