ރައީސް، އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން މެމްބަރުންގެ ގާތަށް
ރައީސް، އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން މެމްބަރުންގެ ގާތަށް

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފާޅުގައި ފުރަތަމަ ފަހަރަށް ރޭ އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފި އެވެ.

ރައީސް، އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން މެމްބަރުންގެ ގާތަށް
ރައީސް، އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން މެމްބަރުންގެ ގާތަށް

ރައީސް، ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ މެމްބަރުންނާ މީގެ ކުރިން ވަކިން ބައްދަލުކުރައްވާފައިވީ ނަމަވެސް ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ތިމަރަފުށީގައި އެ ޕާޓީގެ މެމްބަރުންނާ އެކު ރޭ އޮތް ބައްދަލުވުމުގެ ތަފާތަކީ ފަހަތުން ފެނުނު ބެނާ އެވެ.

ރައީސް، އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން މެމްބަރުންގެ ގާތަށް
ރައީސް، އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން މެމްބަރުންގެ ގާތަށް

ރީނދޫ ކުލައިގެ އެ ބެނާގައި "ޕާޓީގެ އިސް ލީޑަރ މެމްބަރުންނާއި ބައްދަލުކުރެއްވުން" ޖަހާފައިވާއިރު، މިއީ މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ފެނުނު މަންޒަރެއް ނޫނެވެ.

މިއީ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ގޮތުން އުފެދިފައިވާ ކޯޅުމާއި އަރައިރުމުގެ ތެރެއިން ރައީސް މިހާ ފާޅުގައި، އަދި އެމްޑީޕީގައި އެހާ "ބާރުގަދަކޮށް" އުޅުއްވާ ތަން ފެންނަން ފެށި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެ ޕާޓީ ވެރިކަމުގައި އޮންނަ އިރެއްގައި، އެ ޕާޓީގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާ ނަމަ އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ އެ މަނިކުފާނެވެ. ޕާޓީގެ ރައީސް އެންމެ އިސްބޭފުޅަކަށް ވަނީ އަސާސީ ގަވައިދުގައިވާ ގޮތުން އެމްޑީޕީ އިދިކޮޅުގައި އޮންނައިރެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުން ވަނީ އެ ޕާޓީގެ އެންމެ އިސް ލީޑަރަށް ބޮޑެތި ބާރުތަކެއް ވެސް ދީފަ އެވެ. އޭގެ ތެރޭގައި ޕާޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އަދި ޕާޓީގެ އެއްބައިވަންތަކަށް ގާއިމްކޮށް، ދެމެހެއްޓުމަށްޓަކައި އަސާސީ ގަވައިދުގެ ހުދޫދުގެ ތެރެއިން ޕާޓީގެ ގުނަންތަކާ މަޝްވަރާ ކުރައްވައި އެ މީހުންނާ އެކު މަސައްކަތް ކުރެއްވުން ހިމެނެ އެވެ.

އެމްޑީޕީގެ އިސް ލީޑަރަށް އަސާސީ ގަވައިދުން ދެން ދީފައި އޮތް އެންމެ ބޮޑު ބާރު އަދި ވާޖިބަކީ ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީ އާއި ޕާލަމެންޓްރީ ގުރޫޕްގެ މަޝްވަރާގެ މަތިން އެމްޑީޕީގެ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމެވެ.

ނަމަވެސް މިހާތަނަށް އެ ބާރުތައް އެމްޑީޕީގެ މަގާމުގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޅުގައި ބޭނުންފުޅު ކުރެއްވި ކަމެއް މީޑިއާއާ ހަމައަކަށް ތިލައެއް ނުވެ އެވެ. އެކަމަކު، މިދިޔަ ހަފުތާގައި ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ވަނީ އެ މަނިކުފާނަކީ އެމްޑީޕީގެ "އެންމެ އިސް ލީޑަރު" ކަމަށް ވިދާޅުވެ، އެ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި އޮތް އެ މަނިކުފާނުގެ ޒިންމާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

..."އެގޮތުން، ޕާޓީގެ އެންމެ އިސް ލީޑަރެއްގެ ގޮތުން، އަޅުގަނޑު ޕާޓީ އެކަތިގަނޑަކަށް ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އަޅުގަނޑު ކުރަމުން މި ގެންދަނީ. އެގޮތުން، އަޅުގަނޑު ހަސަން އަަފީފާ ވެސް އެ ވާހަކަ ދެއްކިން. ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ޕީޖީ ލީޑަރު އާޒިމާ ވެސް އަޅުގަނޑު އެ ވާހަކަ ދެއްކިން،" ރައީސާ ގުޅޭ ގޮތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ދެއްކެވި ވާހަކައަކާ ގުޅިގެން އެކަން ޕާޓީގެ ތެރެއިން ބަލަން ހަވާލު ކުރެއްވި ކުރެއްވުމާ މެދު ރައީސް ވިދާޅުވެފައި ވެ އެވެ.

"އަޅުގަނޑު ދެންނެވިން، މިހެން އޮތީމާ، މިކަން ވީގޮތަކާ އެއްޗެހި ބައްލަވާށޭ. ބައްލަވާފައި، މިކަން ނުވާނެގޮތަކަށް ހަދާށޭ."

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ތިމަރަފުށީގެ އެ ޕާޓީގެ މެމްބަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލެއްވީ ހަތަރު ނުކުތާއަކަށް ކަމަށެވެ. އެއީ އެ މަނިކުފާނު އަބަދުވެސް ހުންނަވާނީ އެމްޑީޕީގައި ކަމަށާއި އެ ޕާޓީ ހަލާކުވެދިޔަ ނުދެއްވާނެ ކަމާއި ޕާޓީގެ ކުރިއެރުވުމަށް ހަރަކާތްތައް އިތުރު ކުރަން ޖެހޭނެ ކަން އަދި ތިމަރަފުށީގައި އެމްޑީޕީގެ އޮފީސް ހެދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީ އުފެއްދުމަށް ފުރަތަމަ ސޮއިކުރި މީހުންގެ ތެރެއިން ދެވަނަ އަށް ސޮއިކުރައްވައި، ފެށުނީއްސުރެ އެ ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.