ފްލެޓްގެ ފިނިޝިން ނިންމަން ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތްކުރެވޭނެ: އެޗްޑީސީ
ފްލެޓްގެ ފިނިޝިން ނިންމަން ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތްކުރެވޭނެ: އެޗްޑީސީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގެ ފިނިޝިން މަސައްކަތް ނިންމުމަށް ދީފައިވާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތްކުރުމުގެ ހުއްދަ ދީ، ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކުރި އުސޫލުގައި ބުނީ ކުލި ނުނަގައި ފްލެޓްގެ ފިނިޝިން މަސައްކަތް ނިންމަން ލިބޭ މުއްދަތުގައި އެއްވެސް ހުއްޓުމެއް ނެތި ހަފްތާގެ ހަތް ދުވަހު 24 ގަޑިއިރަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އެކަމަކު އެ މުއްދަތު ހަމަވާއިރު ފްލެޓް އެތެރޭގެ މަސައްކަތްތައް ނުނިމޭ ނަމަ ނުވަތަަ ނުފަށާ ނަމަ، މަަސައްކަތް ނިންމުމުގެ މުއްދަތު އިތުރުކުރުމަށް ހިޔާ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެޗްޑީސީ ރިސެޕްޝަނަށް ފޯމު ހުށަހަޅައިގެން ހުއްދަ ހޯދޭނެ ކަމަށާއި އެކަމަކު އޭގެ ފަހުން ކުލި ހިނގާނެ ކަމަށް އުސޫލުގައިވެ އެވެ.

ހިޔާ ފްލެޓްގެ ކުއްޔަކީ ސާވިސް ފީގެ ގޮތުގައި ނަގާ، 1،000ރ. އާ އެކު 8،500ރ. އެވެ.

ފްލެޓްގެ މަސައްކަތްކުރަން ޖެހޭނީ އެމީހަކަށް ލިބިފައިވާ ފްލެޓެއްގެ އެތެރޭގަ އެވެ. އެއްމެދު އިމާރާތުގެ އިތުރުން ކޮރިޑޯ ނުވަތަ އިމާރާތުގެ ހުސްބިމުގައި މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އަދި މަސައްކަތްކުރާ ވަގުތު އެންމެން ވެސް ތިބެންވާނީ އެ މީހުންނަށް ދީފައިވާ ފާސް އަޅައިގެންނެވެ.

ފްލެޓުގެ ފިނިޝިން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުގައި ބުނެފައިވާ ގޮތުން، ފްލެޓްގެ މަސައްކަތް ކުރުމަށް އަދި އެއްވެސް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެކަމުގެ ހުއްދައަށް އެޗްޑީސީގައި އެދެން ޖެހެ އެވެ. މިގޮތަށް ހުއްދައަށް އެދޭއިރު ކުރެހުން ބޭނުންވާ ބަދަލެއް ނަމަ، ފޯމާ އެކު ކުރެހުން ވެސް ހުށަހަޅަން ޖެހެ އެވެ.

ހިޔާ ފްލެޓްގެ ސްޓްރަކްޗާއަަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާ ކަމެކެވެ. ފްލެޓްގެ އެތެރޭގައި ޕާޓިޝަނެއް ހަރުކުރާ ނަމަ، އިމާރާތުގެ އެތެރޭގެ ވައިދައުރުވުމަށް ހުރަސް ނޭޅޭ ގޮތަށް އަދި ޓަވަރަށް ލޯޑް ބޮޑުނުވާނެ ގޮތަށް އެކަން ކުރެވިދާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. ކޮންކްރީޓް ޝީޓަށް އިސްކޫރެއް ނުވަތަ އެޒާތުގެ އެއްވެސް އެއްޗެއް ޖަހާ ނަމަ އެތެރެއަށް 1 އިންޗިއަށް ވުރެ ފުންކޮށް ތޮރުފުން މަނަލެވެ.

އެޗްޑީސީން އިލްތިމާސްކުރަނީ ފްލެޓުގައި "މަލްޓި ސްޕްލިޓްް" އޭސީ ޔުނިޓް ހަރުކުރުމަށެވެ. ސްޕްލިޓް އޭސީ ހަރުކުރާ ނަމަ ދެ ކޮޓަރީގެ ފާހާނާއާ ގުޅިފައިވާ ވޮއިޑްގައި ހަރުކުރެވޭނީ އެއް އޭސީ އައުޓްޑޯ ޔުނިޓެވެ. އެކަމަކު އޭސީ އައުޓްޑޯ ޔުނިޓް ހަރުކުރެވޭނެ އިތުރު ތަންތަން ހިޔާ ޕޯޓަލުން ބެލޭނެ އެވެ. އެޗްޑީސީން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި އޭސީ އައުޓްޑޯ ޔުނިޓް ހަރުކުރުން މަނަ އެވެ.