މާމެންދޫ އަލުން މޮނިޓަރިންއަށް، ދެ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެ ކްލާސްތައް މެދުކަނޑާލައިފި
މާމެންދޫ އަލުން މޮނިޓަރިންއަށް، ދެ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެ ކްލާސްތައް މެދުކަނޑާލައިފި

ގއ. މާމެންދޫ ސްކޫލުގެ ދެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް ލައި، ސްކޫލުގެ ގިނަ ކްލާސްތަކެއްގެ ކިޔެވުން މެދުކަނޑާލައިފި އެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒު "މިހާރު" އަށް ވިދާޅުވީ އެ ސްކޫލުގެ ގިނަ ކްލާސްތަކެއްގެ ކިޔެވުން މެދުކަނޑާލީ އެލްކޭޖީގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށެވެ.

މި ދެ ކޭސްއާ ގުޅިގެން އެ ސްކޫލުގެ ގްރޭޑް ނުވައެއްގެ އެއް ކްލާސް ފިޔަވައި އެހެން ހުރިހާ ކްލާހެއްގެ ކިޔެވުން ހުއްޓާލާފައިވާ ކަމަށް އަޒީޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކިޔެވުން ކުރިއަށް ގެންދާ ހަމައެކަނި ކްލާހުގެ ކިޔެވުން ކުރިއަށް ގެންދަނީ، އެ ކްލާހުގައި އެއްވެސް ޑައިރެކްޓް ކޮންޓެކްޓެއް ނެތުމުން، ކައުންސިލުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވި ދެ ދަރިވަރުންގެ ތެރެއިން އެލްކޭޖީގައި ކިޔަވަމުން އަންނަ ކުއްޖާގެ މަންމަ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މާމެންދޫން އަލަށް ފެނުނު ތިން ކޭސްއަކީ ވެސް އެއް އާއިލާއަކުން ފެނުނު ތިން ކޭހެވެ.

މާމެންދޫގެ ކޭސްތައް ގުޅިފައިވަނީ އިއްޔެ ގދ. ތިނަދޫން ފެނުނު ކޭސްއަކާ ކަމަށް އަޒީޒު ވިދާޅުވި އެވެ. ތިނަދޫ ވެސް މިހާރު ވަނީ މޮނީޓަރިންއަށް ލައިފަ އެވެ.

މާމެންދޫން ފެނުން ކޭސްތަކާ ގުޅިގެން މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި، ސާމްލަޕް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ އަޒީޒު ވިދާޅުވި އެވެ. ނަމަވެސް އަދި ރަށުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތެއް ނުފަށަ އެވެ.

"މީގެ ކުރިން ވެސް އެތައް ފަހަރަކު ރަށް މޮނީޓަރިންއަށް ލާފައިވޭ. އެންމެ ފަހުން ރަށް މޮނީޓަރިންއަށް ލީ ފަހަރު ވެސް މޮނީޓަރިންގެ ހާލަތުން ނެގީ މަސްދުވަހަށް ފަހު، އޭގެ ފަހުން އަދި މަހެއް ނުވާނެ. އަނެއްކާ ރަށް މޮނީޓަރިންއަށް މި ލީ،" އަޒީޒު ވިދާޅުވިއެވެ.

އަޒީޒު ވިދާޅުވީ، ރަށް މޮނީޓަރިންއަށް ލާ ކޮންމެ ފަހަރަކު ވެސް ރަށުގެ ވިޔަފާރިތަކަށާއި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާކަމަށެވެ. އެހެންވެ އެންމެން ވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަޒީޒު އިލްތިމާސްކުރެއްވި އެވެ.

މާމެންދޫ އާއި ތިނަދޫގެ އިތުރުން އިއްޔެ އދ. ދަނގެތި ވެސް ވަނީ މޮނީޓަރިން އަށް ލައިފަ އެވެ. އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ 16 ރަށެއް އޮތީ މޮނީޓަރިންއަށް ލައިފަ އެވެ.