18 އޯގަސްޓް 2021 - 08:21

ހަގީގަތާ ކުރިމަތިލުމަށް ޓަކައި ހަގީގަތް ސިއްރުކުރަން ޖެހިދާނެ ހެއްޔެވެ؟ މި ހާދިސާ ހިނގީ، ކައިވެނިކޮށްގެން އަމާނާގެ ރަށަށް އަހަރެން ދިޔަ ފުރަތަމަ ދަތުރުގެ، ފުރަތަމަ ދުވަހުއެވެ. އެ ރަށަށް އުފަންވި ނަމަވެސް، އުމުރުން ހަތް އަހަރުއްސުރެ އަމާނާ އުޅުނީ މާލޭގައެވެ. ފާއިތުވި އަހަރުތަކުގައި ރަށަށް އައި ބަދަލުތަކާއި، ރަށުގައި ހިނގި ހުރިހާ ކަންކަމެއް އަމާނާއަކަށް ނޭނގެއެވެ. ރަށުގައި ނާމާން ސަރަހައްދެއް އޮންނަކަމެއް ވެސް ނޭނގެއެވެ.
އަހަރުމެން ދެމަފިރިން ހިނގާލަން ނުކުތް އިރު މަގުރިބު ނަމާދަށް ބަންގި ގޮވަނީއެވެ. އިރުއޮއްސޭ ވަގުތަކީ ނާމާން ވަގުތެކޭ މީހުން ކިޔައެވެ. އެއީ، ޖިންނިސައިތާނުން ބިމުގައި ފެތުރިގަންނަ ވަގުތޭ ވެސް ކިޔައެވެ. ޖިންނީންނަކީ އުޅޭ ބަޔެއްކަމަށް އަހަރެން ގަބޫލުކުރަމެވެ. ޝައްކެއް ނެތް މިންވަރަށް ފޮތްތަކުގައި އެ ވާހަކަތައް ލިޔެވިފައި އެބަ ހުއްޓެވެ. ޖިންނިއަކީ ހަގީގަތެކެވެ. އެކަމަކު، ޖިންނިއަވަލަވާކަމަކަށް އަހަރެން ގަބޫލެއްނުކުރަމެވެ. އަހަރެންގެ ނަޒަރުގައި ޖިންނީންނަކީ ރޫހާނީ އެހެން ފަށަލައެއްގައި ދިރިއުޅޭ މަހުލޫގެކެވެ. އިންސާނުންނަކީ އެހެން ފަށަލައެއްގައި ދިރިއުޅޭ ބައެކެވެ. އަހަރުމެން ދެބައިމީހުން ދިމައެއް ނުވާނެއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ގޯނާކޮށް، ކައިވެނިކޮށް، އެހީއަކަށް ނޭދެވޭނެއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، އެއީ އަހަރެން ދެކޭ ގޮތެވެ. އަހަރެން ފަސް ވަގުތު ނަމާދުކުރަމެވެ. އެ ރޭ ނަމާދު ފަސްކޮށްލެވުނު އެންމެ ބޮޑު ސަބަބަކީ، އަމާނާއަށް ނަމާދު ނުކުރެވޭތީއެވެ. އެހެން ނޫން ނަމަ، ބަންގިގޮވުމުން އަހަރެން ދާނީ މިސްކިތަށެވެ.
ވަރަށް ހަމަޖެހިލައިގެން ހިނގަމުންހިނގަމުން އަހަރުމެން ފޭބީ އަތިރިމައްޗަށެވެ. ހަނދުވަރު ރީތި ރެޔެކެވެ. މަޑުމަޑު ރޯޅިއެއް ޖެހެމުންދިޔަ ވަގުތެކެވެ. މީހެއްގެ ހިލަމެއް ނެތެވެ. ބީއްސަމުންދިޔަ ރާޅުގެ އަޑު ފިޔަވައި އެހެން އަޑެއް ނެތެވެ. ފައިވާން އަތަށް ނަގައިގެން، ދެމަފިރިން އަތުގުޅުވައިލައިގެން، ދިޔަރެހުގައި ހިނގަމުންދިޔައީމެވެ. ދައްކާނެ ވާހަކައެއް ނެތެވެ. އެހެން ފިކުރެއް ވެސް ނެތެވެ. ރަށުގައި މީހުން އާބާދުވެފައިވާ ހިސާބު ފަހަނައަޅައި، ފުއްޓަރުފަރާތަށް ދެވުނު އިރު ވެސް އަހަރުމެން ތިބީ އަތްގުޅައިލައިގެންނެވެ. ކުއްލިއަަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އެ ތަނުގައި ހުރި ގަހެކެވެ. އެހެން ގަސްތަކަށް ވުރެ އެ ގަހުގެ ފެހިކުލަ އަލިހެން ހީވިއެވެ. އަމާނާ ވެސް އެ ގަހަށް ބަލައިލިއެވެ. ގަސް ކައިރިއަށް އަހަރުމެން ދިޔައީމެވެ. ގަހުގެ އިސްކޮޅު ހުރީ އަހަރުމެންގެ މެޔާ ހަމައަށެވެ. ފަތް ކުދި، ފެތުރިފައިވާ ގަހެކެވެ. އެ ތަނުގައި އޭގެ ދެ ގަސް ހުއްޓެވެ. އެއް ގަހުގެ ފަތްތަކުގެ ތަނޑާ ކައިރީގައި، ރަތްކުލައިގެ ޒާތެއްގެ ކުރެހުމެއް ހުއްޓެވެ. ހީވަނީ ފިނިފެންމަލެއްގެ ފިޔަހެންނެވެ. ފަތްތައް ހުންނަ ގޮތުން އެއީ މާތަކެއްހެން ވެސް، ބައެއް ފަހަރު ހީވެއެވެ. ފަތް ރީތިކަމުން އަމާނާ އެ ގަހުން ފަތް ބިނެވެ. އަހަރުމެން އެ ގަހުގެ ފަތްތައް ފޮޓޯ ވެސް ނެގީމެވެ. އެކަމަކު ފޮޓޯ ހުންނަނީ ފޯކަސް ނުވެ، ފުސްވެފައެވެ. އަނދިރީގައި ހުންނަ އެއްޗެހި ފުލޭޝްކޮށްގެން ނެގީމައި އެހެން ހުރެއެވެ. އަހަރުމެން ރާޅުޖަހާ ހިސާބަށް ވެސް ފޭބީމެވެ. ރިނދައްޔާއި ބޮލި ހޮވީމެވެ. ފެނުނު ރީތި ގާކޮޅުތައް ވެސް ނެގީމެވެ.
ގެއަށް އާދެވުނު އިރު ހަތްގަޑި ބައިވެއްޖެއެވެ. އޭރު އަހަރުމެން ތިބީ ވަރަށް ބޮޑަށް ކަރުހިއްކައިފައެވެ. ވަރަށް ގިނައިން ފެން ބުއީމެވެ. ފެންބުއިލެއް ގިނަކަމުން އެ ރެޔަކު ނުވެސް ކެވުނެވެ. އެކަމަކު ކަރުހިއްކުން އެއްކޮށް ފިލާ ގޮތެއް ނުވިއެވެ. އަހަރުމެން ދެ މީހުން ވެސް ބޭނުންވީ އޮށޯވެލާށެވެ. އަމާނާ އެނދުގައި ޖެހުނު ގޮތަށް ނިދީއެވެ. ފޯނާ ކުޅެން ދެ ގަޑިއެއްހާ އިރު އިނުމަށް ފަހު އަހަރެން އެރީ ނަމާދަށެވެ. އޭރު އަމާނާ މަޑުމަޑުން ގުގުރިދަމާ އަޑު އަހަންނަށް އިވެއެވެ. އެ ކޮޓަރީގައި ނަމާދަށް ހުރެވެނީ އެނދަށް ފުރަގަސްދީގެންނެވެ. އަހަރެން ނަމާދަށް ހުއްޓައި، ދެ ފަހަރަކު އަމާނާ ގޮވައިލި އަޑު އިވުނުހެން ހީވިއެވެ. އާންމުކޮށް ގޮވާ ވަރަށް ވުރެ ތަންކޮޅެއް މަޑުންނެވެ. އަމާނާގެ އަޑަކު ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ދެވަނަ ފަހަރު ގޮވައިލައިފައި އަމާނާ ހީނލި އަޑު ވެސް އިވުނުހެން ހީވިއެވެ. އެ އަޑު ވަރަށް ތުއިވެފައި ތޫއްޔެވެ. ދުވަހަކު ވެސް އަމާނާ އެ ގޮތަކަށް ނެހެއެވެ. ކޮންމެވެސް އެއްޗެއް ވެސް ބުންޏެވެ. ބުނި އެތި އޭރަކު ސާފެއް ނުވިއެވެ. އަމާނާ ދުވަހަކު ވެސް ނިދީގައި ވާހަކައެއް ނުދައްކައެވެ. އަހަރެން ނަމާދުން އަވަދިވެގެން ބަލައިލި އިރު އަމާނާ އޮތީ ނިދައި މަރުވެފައެވެ.
އަހަރެން ނިދަން އޮށޯތް އިރު އެގާރަ ޖަހައިފިއެވެ. އެނދުގައި ރަނގަޅަށް ހަމަޖެހިލި ވަގުތު، "އަމާނާ" ކުރިން ބުނި އެތި ހަނދާންވިއެވެ. ނުވަތަ ބުނީ ކީކޭކަން އޮޅުންފިލިއެވެ.
"ކީއްވެ ގަހުން ފަތް ބިނީ؟" ލާނެތް ރާގެއްގައި އޭނަ ކުރީ އެ ސުވާލެވެ.
އަހަރެންގެ އަތުން ހީބިހިނަގައިގެންދިޔައެވެ. ފުރަތަމަ ހިތަށްއެރީ އަމާނާއަށް ގޮވައިފައި އެ ވާހަކަ ބުނާށެވެ. ދެން ހިތަށްއެރިއެވެ. އޭރުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަމާނާ ވަރަށް ބިރުގަންނާނެއެވެ. މުޅި ދަތުރަށް އޭގެ ހިޔަނި އެޅޭނެއެވެ. އަހަރެން ފޯނުން ފޮޓޯތައް ބަލައިލީމެވެ. ގަސް އެކަންޏެއް ނޫނެވެ. ހަނދުވަރުގެ އަލީގައި ނެގި އެއްވެސް ފޮޓޯއެއް ސާފެއް ނޫނެވެ. ހުންނަނީ ފާޑަކަށް އަލި ގަދަވެފައެވެ. ނޫނީ ފޯނު ހެލިގެން ފޮޓޯ ފުސްވެފައެވެ. ކުއްލިއަކަށް އަމާނާ ފުންމައިގެން ތެދުވިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަތުން ފޯނު ދޫވިއެވެ. އަހަރެން ހީކުރީ އަމާނާއަށް ބިރުގަންނަ ހުވަފެނެއް ފެނުނީކަމަށެވެ. ސިހުނު ގޮތަށް އަމާނާއަށް ހުރެވުނީ އެނދުމައްޗަށް ކޮޅަށް ތެދުވެވިފައެވެ. އެއީ ވެސް އަމާނާ ކުރިން ކުރި ކަމެއް ނޫނެވެ. ނިދީގައި އަމާނާ ސިހެއެވެ. އެކަަމަކު އެ ވަރެއް ނުވެއެވެ.
"ކިހިނެއްވީ އަނާ؟" އަހަރެން އެހީމެވެ. "ނައިޓްމެއަރއެއް ފެނުނީތަ؟"
އަމާނާ ޖަވާބެއް ނުދިނެވެ. އޭނަ ހުންނަނީ ކޮޓަރީގެ ހުޅަނގުދެކުނު ފަރާތުގެ ތިރީ ކަނަށް ބަލަހައްޓައިގެންނެވެ. އޭނަގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ހީވަނީ ބިރުގަންނަ އެއްޗެއް ފެންނަހެންނެވެ.
"އަނާ!" ވަރަށް ހަމަޖެހޭ ގޮތް ދައްކަމުން އަހަރެން ގޮވައިލީމެވެ.
އަމާނާ ރޯންފެށިއެވެ. ކޮންމެވެސް ނުބައެއް ހިނގައިފިކަން، އެ ހިސާބުން އަހަންނަށް ޔަގީންވިއެވެ. އަމާނާ ކުއްލިއަކަށް އިސްޖަހައިލިއެވެ. ހީވަނީ ތަނެއް ނުބަލަން އުޅޭހެންނެވެ. މަޑުމަޑުން އައިސް އަހަރެންގެ މޭގައި ބޯއަޅައިލިއެވެ. އޭރު ވެސް ރުއިމެއް ނުހުއްޓެވެ.
"އަނާ!" ވަރަށް އޯގާތެރިކޮށް އަހަރެން ބުނީމެވެ. "ކިހިނެއްވީތަ؟"
"އަހަންނަށް ފެންނަނީ!" ބިރުގެންފައިވާ އަޑަކުން، މަޑުމަޑުން އަމާނާ ޖަވާބުދިނެވެ.
"ކޯޗެއް ފެންނަނީ؟" އަމާނާ ބެލި ދިމާއަށް ބަލައިލަމުން އަހަރެން އެހީމެވެ. "އެ ތާކު ނެތޭ އެއްޗެއް."
"އެއްޗެއް ނޫނޭ!" އަނެއްކާ ވެސް މަޑުމަޑުން އަމާނާ ބުންޏެވެ. "ފުއްޓަރުފަރާތް. ވަރަށް ބިރުވެރި ގޮތަކަށް އެ ތަން ފެންނަނީ."
އަމާނާ ހުއްޓައެއް ނުލިއެވެ. ސިއްސަސިއްސައިގެންދާން ފެށިއެވެ. ސިއްސައިގެންދާ ކޮންމެ ފަހަރަކު އަހަންނަށް ގޮވައެވެ. ހަދާނެ ގޮތެއް އަހަންނަކަށް ނޭނގުނެވެ.
"އަންނާނަން މަންމަ ގޮވައިގެން." އަހަރެން ތެދުވަމުން ބުނީމެވެ.
"ނޫން ނުދާތި!" ދެއަތުން އަހަރެންގެ ގައިގައި ހިފައިގަންނަމުން އަމާނާ ބުންޏެވެ.
ބަފައިބެ ރަށަކު ނެތެވެ. އަހަރެން ފޯނު ނަގައިފައި މައިދައިތައަށް ގުޅީމެވެ. ނަސީބަކުން މައިދައިތަ ފޯނު ނެގިއެވެ. ވީ ގޮތް ކުރުކޮށް ކިޔައިދިނުމުން އޭނަ އައިސް ދޮރުގައި ޓަކިޖެހިއެވެ. އެ އަޑަށް ވެސް އަމާނާ ސިއްސައިގެންދިޔައެވެ. އަހަރެން ތެދުވަން އުޅުމުން އަނެއްކާ ވެސް ހިފޭއްޓިއެވެ.
"އެއީ މަންމައޭ! ދޮރު ހުޅުވީމަތާ މަންމައަށް ވަދެވޭނީ." އަހަރެން ބުނީމެވެ.
އަހަރެން ގައިން އަމާނާ ދޫކޮށްލިއެވެ. އެކަމަކު އޮންނަނީ ބަންޑުން އޮށޯވެގެން ބާލީހުގައި މޫނުއަޅައިގެންނެވެ. އަހަރެން ދޮރުހުޅުވުމުން މަންމަ ވަނެވެ. އޭރު ވެސް އަމާނާ ހުއްޓައެއް ނުލައެވެ.
"ކިހިނެއްވީ ދަރިފުޅާ؟" މައިދައިތަ އެހިއެވެ.
އަހަރެން ވީ ގޮތް ތަފުސީލުކޮށް ކިޔައިދިނީމެވެ. އެކަމަކު، އަހަންނަށް އިވުނު އަޑުގެ ވާހަކައެއް ނުކިޔައިދެމެވެ. މައިދައިތަ އައިސް ކޮންމެވެސް އެއްޗެއް ކިޔަވައިފައި އަމާނާގެ ގަޔަށް ފުމެލިއެވެ. އެއަކުން ވީ އެއްވެސް ކަމެއް ނެތެވެ.
"ދަރިފުޅަކަށް ނޭނގޭތަ އެއީ ކިހާ ނާމާން ހިސާބެއްކަމެއް؟" މައިދައިތަ ސުވާލުކުރިއެވެ. "އިރު އޮއްސުނީމަ އެކަކު ވެސް އެ ހިސާބަކަށް ނުދާނެ. ކުރީ ފަހަރު މި ރަށަށް އައި ބަޔަކު މޮޔަ ވެސް ވި. ނޫހުގަ ވެސް އެ ވާހަކަޖެހި!"
މައިދައިތަ އެ ބުނާ ވާހަކައެއް އަހަންނެއް ނޫހަކުން ނުދެކެމެވެ. އަމާނާއަށް ވެސް ފެނިފައި އޮތް ނަމަ ބުނީސްކަން އަހަންނަށް ޔަގީނެވެ. މައިދައިތަ ކޮންމެވެސް މީހަކަށް ގުޅިއެވެ. އެ މީހާ އައިސް، ކިޔަވާ އެއްޗެއް ކިޔަވައިފައި، އަމާނާ ގަޔަށް ފެން ބުރުވައިފައި، ތަށީގައި ބާކީ ހުރި ފެން ބުއިމަށް އެދުނެވެ. އަމާނާއަށް އެ ފެންތަށި ބޮވުނީ ފަސް ވަރަކަށް މިނެޓުންނެވެ. އޭގެ ފަހުން ރުއިން ހުއްޓުނެވެ. އެކަމަކު ބިރެއް ނުފިލިއެވެ.
ގެއަށް ގެނައި ފަތްތަކާއި ބޮލިތަކުގެ މަތިން ހަނދާންވީ އަނެއް ދުވަހުއެވެ. މުޅި ގެ ހާވައިގެން ވެސް އެ ސާމާނުތައް ލެވުނު ތަނެއް ނޭނގުނެވެ. ދުވާލު ގަޑީގައި މައިދައިތަ ތަވީދެއް ގެނެސްދިނެވެ. ތަވީދު އެޅުމުން އަމާނާގެ ބިރުފިލިއެވެ. އެކަމަކު އިރުއޮއްސޭ ވަގުތު އަމާނާއަށް އުނދަގޫތަކެއްވެއެވެ. ބައެއް ފަހަރަކަށް ގައި ހިރުވައެވެ. އަނެއްބައި ފަހަރަކަށް ހީކަރުވައެވެ. ހަމައަކަށް އެޅެނީ އިޝާނަމާދަށް ބަންގިގޮވީމައެވެ. ރަށުގައި އަހަރުމެން ދިހަ ދުވަސް ވަންދެން ތިބި އިރު ވެސް، އިރުއޮއްސެންވާ އިރަށް އަމާނާ ގެއަށް ވަދެއެވެ. ދެން ބޭރަކަށް ނުނިކުމެއެވެ.
ކަމުގެ ބިރުވެރިކަމާއި ނާމާންކަން އަހަންނަށް ވިސްނައިދޭން އަމާނާ ލައްކަ މަސައްކަތްކުރިއެވެ. އޭނައަށް ފެނުނު މަންޒަރު ސިފަކޮށްދޭން ވެސް އެތައް މަސައްކަތެއް ކުރިއެވެ. އަހަރެން ގަބޫލުނުކުރާތީ، އެންމެ ފަހުން އެ ވާހަކަ ހުއްޓައިލީއެވެ. ނަސީބަކުން މިހާރު އަމާނާ އެއްކޮށް ރަނގަޅުވެއްޖެއެވެ. އެކަމަކު އަހަރެން ރަނގަޅެއް ނުވެއެވެ. ގަހުން ފަތް ބިނީ ކީއްވެގެން ހެއްޔެވެ؟ ހަފުތާއަކު އެތައް ފަހަރަކު އަހަންނަށް އެ ސުވާލު ކުރިމަތިކުރެއެވެ. ފުއްޓަރުފަރާތް އަހަރެން ހަނދާންނެތުނަކަ ނުދެއެވެ. ތޮށިގަނޑު މައްޗަށް ބިންދި ރާޅުގެ އަޑުފަށްގަނޑު އަހަންނާ ވަތްކެއް ނުވިއެވެ. އެކަކަށް ވެސް އެ ކަމެއް ނޭނގޭނެއެވެ.
ނިމުނީ