ޢާޝޫރާ ދުވަސް ފާހަގަ ކުރާނީ ރޯދަ ހިފައިގެން
ޢާޝޫރާ ދުވަސް ފާހަގަ ކުރާނީ ރޯދަ ހިފައިގެން

ދުވަސްތަކާއި ރޭތަކުގެ ތެރޭގައި މާތް ﷲ ޚާއްޞަ ދުވަސްތަކާއި ރޭތައް ލައްވާފައިވެ އެވެ. ހުކުރު ދުވަހާއި ޢަރަފާތު ދުވަހާއި ލައިލަތުލްޤަދްރި އާއި ޢާޝޫރާ ފަދަ ދުވަސްތަކާއި ރޭތަކެވެ. މިފަދަ ދުވަސްތަކުގެ މަތިން ހަނދުމަ ކުރުމަކީ މުސްލިމުންގެ މައްޗަށް ލާޒިމު ކަމެކެވެ. އެއީ އެފަދަ ދުވަސްތަކުގެ މަތިން މީސްތަކުންނަށް ހަނދުމަކޮށްދިނުމަށް ﷲ އަންގަވާފައިވާތީ އެވެ. (އިބްރާހީމް 5). މިދެންނެވި ފަދަ ދުވަސްތައް އެއީ "ﷲ ގެ ދުވަސްތަކެއް" ގެ ގޮތުގައި ޤުރްއާނުގައި ސިފަކުރެވިފައި ވަނީ އެ ދުވަސްތަކުގައި ﷲ ގެ ނިޢުމަތްތަކާއި ކާމިޔާބާއި ނަޞްރާއި ރަޙުމަތާއި ޢިނާޔަތް ލިބޭ ޚާއްޞަ ދުވަސްތަކަކަށް ވާތީ އެވެ. ވީމާ އެ ދުވަސްތައް ހަނދާން ކުރަނީ އެ ދުވަސްތަކުން ޢިބްރަތް ޙާޞިލު ކުރުމެވެ. ނިޢުމަތްތަކަށް ޝުކްރު އަދާކުރުމެވެ. ﷲ ގެ މަންހަޖަށް ތަބާވެ އެކަލާނގެ ހިދާޔަތުގެ މަތީގައި ދެމިތިބުމެވެ.

މިދެންނެވި ފަދަ ދުވަސްތަކުގެ ތެރެއިން އެއް ދުވަހަކީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. ނުވަތަ ޢާޝޫރާ ދުވަހެވެ. ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި، ޒިކުރާތަކާއި، ޢިބްރަތްތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. ތަފްސީރު ފޮތްތަކުން އެނގޭ ގޮތުގައި ޢާޝޫރާ ދުވަހު ވަރަށް ގިނަ ޚާއްޞަ ކަންކަން ހިނގާފައި ވެ އެވެ. އޭގެ ތެރޭގައި އާދަމުގެފާނުގެ ތައުބާ ޤަބޫލު ކުރެއްވުމާއި، ނޫޙުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ޠޫފާނުން ސަލާމަތް ކުރެއްވުމާއި، އިބްރާހީމުގެފާނު އަލިފާންގަނޑުން ސަލާމަތް ކުރެއްވުމާއި، ޔޫސުފުގެފާނު، ޔަޢުޤޫބުގެފާނާ އަލުން ބައްދަލުވެވަޑައިގަތުމާއި، ޔޫނުސުގެފާނު މަހެއްގެ ބަނޑު ތެރެއިން ސަލާމަތްވެ ވަޑައިގަތުން ފަދަ ކަންކަން ދިމާވެފައި ވަނީ ޢާޝޫރާ ދުވަހާ އެވެ. (އަލްއަޒްރަޤީ).

ޢާޝޫރާ ދުވަހެއްގައި ހިނގާފައިވާ އެންމެ ފާހަގަ ކުރެވޭ ކަމަކީ ފިރްޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކޮށް ދެއްވުމެވެ. އެއީ ފިރްޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަޤުކުރެއްވި ދުވަހެވެ. ފިރްޢައުނުގެ ބޮޑާކަމާއި ޖައްބާރުކަމުގެ ވާހަކަ ކީރިތި ޤުރްއާނުގައި ވަރަށް ގިނައިން ބަޔާންކުރައްވާފައިވެ އެވެ. މިގޮތުގައި ދެމިހުރުމުގެ ސަބަބުން އެންމެ ފަހުން، ﷲ މޫސާގެފާނަށް ވަޙީ ކުރެއްވީ ބަނީ އިސްރާއީލު ބާގައިގެ މީހުން ގޮވައިގެން މިޞްރުން ފައިބައިވަޑައިގަތުމަށެވެ. ސިއްރިއްޔާތުގައި މިގޮތުން ނުކުތުމުން ފިރްޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅިން ނައްތައިލުމަށް ނުކުތެވެ. މޫސާގެފާނުގެ ޤައުމުގެ މީހުންނަށް ފިރްޢައުނުގެ ބޮޑު ލަޝްކަރު ފެނުމުން ބުނީ "ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ." ނަމަވެސް އެހިނދު ވަރަށް އިތުބާރާއެކު މޫސާގެފާނު ވިދާޅުވީ "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާ އެކު (ނަޞްރު ދެއްވުމުގައި) ވޮޑިގެންވެ އެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ." (އައްޝުޢަރާއު 62).

ފިރްޢައުނުގެ ލަޝްކަރު މޫސާގެފާނާ ވަރަށް ކައިރި ވުމުން، ﷲ އެކަލޭގެފާނަށް ވަޙީ ކުރެއްވީ އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށެވެ. އެހިނދު ﷲ ގެ އަމުރުފުޅަށް ބާރަ ބަޔަށް އެ ކަނޑު އިރައިގެން ދިޔަ އެވެ. އެހިނދު ބަނީ އިސްރާއީލު ބާގައިގެ ބާރަ ޤަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ޚާއްޞަ ކުރެއްވިގެންވާ މަގުން ލައިފައި ކަނޑު ހުރަސްކޮށް ސީނާ އަށް ދިޔައެވެ. ފިރުޢައުނުގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް މާތް ﷲ އެ ކަނޑު ކުރީގެ ގޮތަށް ބަދަލު ކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤުވެގެން ދިޔަ އެވެ. (އައްޝުޢަރާއު 63-66).

މި ކާމިޔާބާ ގުޅިގެން މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން ރޯދަހިފަމުން އަ އެވެ. ކީރިތި ރަސޫލު ﷺ މަދީނާ އަށް ހިޖްރަ ކުރެއްވި އިރު އެރަށުގެ ޔަހޫދީން ޢާޝޫރާ ދުވަހުގައި ރޯދަ ހިފާތީ އެމީހުންނާ ސުވާލު ކުރެއްވި އެވެ. އެމީހުން ރޯދަ ހިފަނީ އެ ދުވަހުގައި މާތް ﷲ މޫސާގެފާނު ސަލާމަތް ކުރައްވާފައި ވާތީ ކަމަށް ދެންނެވުމުން ޙަދީޘް ކުރެއްވީ "ތިޔަބައިމީހުންނަށް ވުރެ މޫސާގެފާނަށް ޓަކައި ރޯދަ ހިފުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ." މިހެންވެ ޢާޝޫރާ ދުވަހުގައި ރޯދަ ހިފުން އެކަލޭގެފާނު ވަނީ ސުންނަތެއް ކަމުގައި ލައްވައިފަ އެވެ. އަދި ޔަހޫދީން އެ ދުވަހު ރޯދަހިފާ ގޮތާ ޚިލާފު ވުމުގެ ގޮތުން އެ ދުވަހުގެ ރޯދައާ އެކު އޭގެ ކުރީ ދުވަހު ނުވަތަ އޭގެ ފަހު ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އިރުޝާދު ދެއްވި އެވެ.

ޢާޝޫރާ ދުވަހު ރޯދަހިފުން މާތްވެގެންވާ އެތައް ސަބަބެއް ވެ އެވެ. އެއްކަމަކީ، ޢާޝޫރާ ދުވަސް މުޙައްރަމު މަހުގެ ތެރޭގައި އައުމެވެ. މުޙައްރަމު މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރުގެ ތެރެއިން ހިމެނޭ މައްސަރެކެވެ. ޙުރުމަތްތެރި މަސްތަކަކީ އެ މަސްތަކުގައި ހަނގުރާމަ ކުރުން ނަހީ ކުރެވިފައިވާ މަސްތަކެކެވެ. އަދި އެމަހަކީ މާތް ﷲ ގެ މައްސަރެއްގެ ގޮތުގައި އެކަލޭގެފާނު ނިސްބަތްކުރައްވާފައިވާ މަހެކެވެ. އެހެންވެ ރަމަޟާން މަހަށް ފަހުގައި ސުންނަތް ރޯދަ ހިފުން އެންމެ މޮޅު އިތުރުވެގެން ވަނީ މުޙައްރަމް މަހުގައިކަން އެކަލޭގެފާނު ބަޔާންކުރައްވާފައި ވެ އެވެ. ދެވަނަ ކަމަކީ، ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ކީރިތި ރަސޫލު ﷺ އަންގަވާފައިވުމާއި އެ ދުވަހުގެ ރޯދައިގެ މާތްކަން ބަޔާން ކުރައްވާފައި ވުމެވެ. މިގޮތުން ޢާޝޫރާ ދުވަހުގެ ރޯދައަކީ ފާއިތުވި އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވަނިވި މަތިވެރި އަޅުކަމެކެވެ. (މުސްލިމް). ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ ކުރީގައި ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް އަމުރު ކުރެއްވި އެވެ. (މުސްލިމް).

އިބްނު ޢައްބާސް ވިދާޅުވެފައިވަނީ ރަމަޟާން މަސް ފިޔަވައި އެހެން މަހެއްގެ ދުވަހެއްގައި ރޯދަފުޅު ހިއްޕެވުމަށް ރަސޫލު ﷺ އެންމެ ސަމާލުކަން ދެއްވި ދުވަހަކީ ޢާޝޫރާ ދުވަސް ކަމުގަ އެވެ. ނަމަވެސް ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވާޖިބުކަމެއް ނޫނެވެ. އެހެނީ ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައި ވަނީ ބޭނުން މީހަކު އެދުވަހު ރޯދަ ހިފުމަށެވެ. އަދި ބޭނުން މީހަކު އެދުވަހު ރޯދަ ނުހިފައި ދޫކޮށްލުމަށެވެ. (މުސްލިމް).
ޢާޝޫރާ ދުވަސް ފާހަގަ ކުރުމަށްޓަކައި އެދުވަހާއި އޭގެ ކުރިން ނުވަތަ ފަހުން އިތުރު ދުވަހަކު ރޯދަ ހިފުން ފިޔަވައި އެހެންކަމެއް ޝަރުޢު ކުރެވިފައެއް ނުވެ އެވެ. ވީމާ އެދުވަހު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވާރުތަވަމުން އައިސްފައިވާ ކަންކަމަކީ ޝަރުޢު ކުރެވިފައިވާ ކަންކަމެއް ނޫންކަން ދެނެގަންނަން ޖެހެ އެވެ.

މިގޮތުން ޢާޝޫރާ ދުވަހު ކަނދި ކެއްކުމާއި، ކަންޖާ އަޅައި ކުޑަކުދިން ކިރުމާއި، ޢާޝޫރާ ވިލޭރޭގައި "ޢާޝޫރާ ދުޢާ" ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި އެ ރެއާއި އެ ދުވަހުގައި ވަކި އަޅުކަންތަކެއް ކުރުމާއި އެކަމުގެ މާތްކަމާ ބެހޭ ގޮތުން ދެކެވޭ ވާހަކަ ތަކަކީ ލޮބުވެތި ރަސޫލާ ﷺ ގެ އެއްވެސް ބަސްފުޅަކުން ނުވަތަ ޢަމަލުފުޅަކުން ސާބިތުވާ ކަންކަމެއް ނޫނެވެ. އަދި ޢާޝޫރާ ރޭގައި ޢާޝޫރާ ދުޢާ ކީ މީހަކު އެ އަހަރު މަރު ނުވާނެ ކަމަށާއި، އެރޭ އަޅުކަން ކުރާ އިރު މޫސާގެފާނުގެ ވާހަކަ އައިސްފައިވާ ޤުރްއާނުގެ ސޫރަތްތައް ކިޔަވަން ޖެހޭނެ ކަމަށާއި، ޢާޝޫރާ ދުވަހު ފެންވަރައި އަނދުން އެޅި މީހާ އެ އަހަރުގެ ތެރޭގައި ލޮލު ރޯގާއެއް ނުޖެހޭނެކަމަށާއި، އެ ދުވަހު ހީނާފަތް އެޅުމާއި އެ ދުވަހު ބައްދަލުވާހައި ބަޔަކާ ސަލާންގަލާން ކުރުމަކީ މާތްކަމެއްކަމަށް ބުނާ ވާހަކަ ތަކަކީ ދީނުގެ ނައްޞުތަކުން ސާބިތުވާ ކަންކަމެއް ނޫނެވެ.

ވީމާ މިފަދަ ކަންކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޢާޝޫރާ ދުވަހާއި އެދުވަހުގެ ކުރިން ތާސޫޢާ (ނުވަވަނަ) ދުވަހު ނުވަތަ ޢާޝޫރާ ދުވަހާއި އެދުވަހުގެ ފަހުން އެގާރަވަނަ ދުވަހު ރޯދަ ހިފުމަށް ކޮންމެ މުސްލިމަކު ވެސް ސަމާލުކަން ދިނުމަކީ އެންމެ މޮޅު ގޮތެވެ. މީގެ މާނައަކީ ދީނުގައި އާންމުކޮށް ހުއްދަ ކުރެވިފައިވާ ކަމެއް އާދަކާދައެއްގެ ގޮތުގައި އެ ދުވަހު ކުރުން މަނާވާނެއެކޭ ނޫނެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުމުގައި މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ ކޮބައިކަން ކަނޑައަޅާނީ ހަމަ ރަމަޟާން މަހުގައި ވެސް ފެށޭދުވަހާއި ނިމޭ ދުވަސް ކަނޑައަޅާ ފަދައިން ޤުރްއާނާއި ސުންނަތުން ލިބޭ ދަލީލު ތަކަށް ބަލައިގެންނެވެ. ނަމަވެސް މިކަމުގައި ޢިލްމުވެރިންގެ މެދުގައި އިޚުތިލާފު ވެވޭ ބައެއް ކަންކަން ހުރުމާ އެކު މުސްލިމުންގެ މެދުގައި ދެބަސްވުންތައް އުފެދި ފިތުނައަށް މަގުހުޅުވެ އެވެ. މިއީ މި ދަރަޖައަށް ދާން ޖެހޭވަރުގެ ކަމެއް ނޫނެވެ. އިޚްތިލާފީ މައްސަލަތަކުގައި ތަޢައްޞުބު ކަމެއް ނެތި ކޮންމެ ރައުޔަކަށް ވެސް ތަބާވެވިދާނެ އެވެ. އެކަމަކު ތަބާވާ މައްސަލައަކީ ވަކިވަކި ފަރުދުންނާ ގުޅޭ ކަމަކަށް ވުރެ ބޮޑަށް މުޅި ޖަމާޢަތާ ގުޅޭ ކަމެއް ނަމަ އެކަމުގައި ޙާކިމު (ވެރިމީހާ) ގެ ފަރާތުން ވަކި ގޮތެއް ނިންމައިފި ނަމަ އެ ނިންމާ ގޮތަށް އެންމެން ތަބާވާން ޖެހޭނެ އެވެ.