17 އޯގަސްޓް 2021 - 18:35

އަފްގާނިސްތާނު ސަރުކާރުގެ އެކި އޮފީސްތަކާއި އިދާރާތަކުގައި މަސައްކަތް ކުރާ އެންމެންނަށް، އެއްވެސް އިސްތިސްނާއެއް ނެތް ގޮތަށް، ތާލިބާން ޖަމާއަތުން މިއަދު އަފޫއާންމެއް އިއުލާން ކޮށްފި އެވެ.

ސަރުކާރުގެ ހުރިހާ މުވައްޒަފުން އެނބުރި ވަޒީފާތަކަށް ނުކުތުމަށް ގޮވާލައި، ތާލިބާނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއްވެސް މުވައްޒަފަކު ބިރުގަންނަން ނުޖެހޭނެ ކަމަށާއި، ފުރިހަމަ އިތުބާރާއެކު ދިރިއުޅުމުގެ އާންމު ހާލަތާއިގެން ކުރިއަށް ދިއުމަށް އެދޭ ކަމަށެވެ. އޭގެ އިތުރުން، އަންހެނުން ވެސް ސަރުކާރުގެ ވަޒީފާތަކާ ގުޅުމަށް އެ ބަޔާނުގައި ގޮވައިލާފައިވެ އެވެ.
ތާލިބާން ޖަމާއަތުން 1996-2001 އަށް އަފްގާނިސްތާނުގައި ވެރިކަން ކުރި އިރު، އަންހެނުން ވަޒީފާ އަދާކުރުމާއި، ފިރިހެނުންނާ އެއް ތަނެއްގައި މަސައްކަތް ކުރަން ނުކުމެ އުޅުމަކީ، މުޅިން މަނާކޮށްފައި ހުރި ކަންކަމެވެ. އޭގެ އިތުރުން އަންހެން ކުދިންނަށް ކިޔަވައިދިނުމާއި ސްކޫލް މަދަރުސާތަކަށް އަންހެން ކުދިން ފޮނުވުމާއި، މަދަރުސާތަކުގައި އިނގިރޭސި ކިޔަވައިދިނުން ވެސް އޮތީ މަނާކޮށްފަ އެވެ.
"އަންހެނުން ޝިކާރައެއްގެ ގޮތުގައި ވެގެން ތިބުމަކަށް، އިސްލާމީ އިމާރާތުން ނޭދެން. އެ ކަނބަލުން ވެސް، އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި އުޅެންވީ،" ތާލިބާން ޖަމާއަތުގެ ސަގާފީ ކޮމިޝަންގެ މެމްބަރު އީމާނުﷲ ސަމަންޖާނީ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
"އަފްގާނިސްތާން"ގެ ބަދަލުގައި ތާލިބާނުން އެ ގައުމަށް ކިޔައި އުޅޭ ނަމަކީ "އިސްލާމީ އިމާރާތު" އެވެ.
އީމާނުﷲގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ އޮނިގަނޑު އޮންނާނެ ގޮތެއް އަދި މުޅިން ސާފެއް ނޫނެވެ. ނަމަވެސް ތަޖުރިބާ އަށް ބަލާއިރު، ސަރުކާރު ބިނާވާނީ ފުރިހަމަ އިސްލާމީ ޒައާމަތެއްގެ މައްޗަށް ކަމަށާއި، ހުރިހާ އެންމެންނަށް ވެސް ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
ތާލިބާނުންގެ ނައިބު ޒައީމް މަލާވީ މުހައްމަދު ޔައުގޫބު މިއަދު ނެރުއްވި ގަރާރެއްގައި، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަންގާފައިވަނީ، ސަރުކާރުގެ އެއްވެސް މުވައްޒަފެއްގެ ގެއަށް ވަނުމާއި، އެއިން މީހެއްގެ ހަތިޔާރެއް ނުވަތަ އުޅަނދެއް ވިޔަސް އަތުލުމުގެ ހުއްދަ އެކަކަށް ވެސް ނޯންނާނެ ކަމަށެވެ.
މިމަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، ސަރުކާރު މުވައްޒަފުން ވަނީ އޮފީސްތައް ބަންދުކޮށްފަ އެވެ. އަދި އިއްޔެ އާއި މިއަދު ވެސް ސަރުކާރުގެ އެއްވެސް އޮފީހެއް ނުހުޅުވަ އެވެ. ވެރިރަށް ކާބުލްގެ ފިހާރަތަކާއި ރެސްޓޮރަންޓްތަކާއި ޝޮޕިން މޯލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
އޭގެ އިތުރުން އެއްވެސް ފުލުހަކު ވެސް އަދި ސިފައިންގެ މީހަކު ވިޔަސް، އެމީހުންގެ ޔުނީފޯމްގައި އުޅޭ މަންޒަރު ނުފެންނަ ކަމަށް ކާބުލްގައި ތިބި ނޫސްވެރިން ބުނެ އެވެ.