29 ނޮވެމްބަރ 2016 - 09:02

ލަންޑަން (ނޮވެމްބަރު 29) - މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރަން ޗެލްސީން ބޭނުންނަމަ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބަލިކުރަންޖެހޭ ކަމަށް ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑް ބުނެފި އެވެ.
ޗެލްސީ ލީގުގެ އެއް ވަނައިގައި އޮތީ 13 މެޗުން 31 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނައިގައި އޮތް ލިވަޕޫލާއި ސިޓީ އަށް ވަނީ 13 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން މޮޅުވެފަ އެވެ. މިއީ 2010 ވަނަ އަހަރަށް ފަހު ޗެލްސީން ޖެހިޖެހިގެން ލީގުގައި ހަތް މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
ޗެލްސީގެ ތަރި ހަޒާޑް ބުނީ ޗެލްސީ އަށް ލީގުގައި އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވާނީ ލިވަޕޫލާއި ސިޓީގެ ފަރާތުން ކަމަށެވެ.
"ލީގުގައި މިހާތަނަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ސިޓީ އާއި ލިވަޕޫލަކީ ކޮންމެ ޓީމެއް ވެސް ޖެހިލުންވާނެ ދެ ޓީމު. ލީގުގެ ޗެމްޕިއަންކަން ބޭނުންނަމަ ކޮންމެހެނެއްވެސް މިދެ ޓީމު ބަލިކުރަން ޖެހޭ،" ހަޒާޑް ބުންޏެވެ.
މި ފަހަރު ލީގުގައި ލިވަޕޫލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު މެޗުން ވަނީ 2-1 އިން ބަލިވެފަ އެވެ. ލީގުގައި ދެން ޗެލްސީ އެންމެ އަވަހަަށް ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ރަށުންބޭރުގައި ސިޓީއާ ދެކޮޅަށެވެ.
ހަޒާޑް ބުނީ މިއީ ޗެލްސީން ފަހަކަށް އައިސް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ހަގީގީ ފެންވަރު ސާބިތު ކޮށްދޭންވީ މެޗު ކަމަށެވެ.
"ސިޓީގައި އޮތް ސްކޮޑަށް ބަލާއިރު އެ ޓީމުގެ ދަނޑުގައި މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު ފަހަކަށް އައިސް ޗެލްސީން ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ލީގުގެ ފޭވަރިޓުންނަށް ޗެލްސީ ވެއްޖެ. އެ ހުރިހާ ކަމަކަށް ބަލާއިރު ސިޓީ މެޗަކީ ޗެލްސީ އަށް ޓެސްޓެއް،" ހަޒާޑް ބުންޏެވެ.
އޭނާ ބުނީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އަދި ގިނަ ކުޅުންތެރިންގެ ކުޅުން ވެސް ރަނގަޅުވެފައިވާކަން ހަޒާޑް ފާހަގަކުރި އެވެ.