17 އޯގަސްޓް 2021 - 14:54

އޭއެފްސީ ކަޕުގައި މިހާރު ރާއްޖެ އިން ވާދަކުރާ ހަމައެކަނި ޓީމުގެ ގޮތުގައި މާޒިޔާ އޮތުމުން އެ ޓީމު ނުކުންނާނީ ރާއްޖޭގެ ފުޓްބޯޅަ ދިފާއު ކޮށްދޭން ކަމަށް ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

އޭއެފްސީ ކަޕް ކޮލިފައިންގައި ރާއްޖޭގެ އީގަލްސް ވާދަކުރި އެވެ. ޕްލޭއޮފް މެޗުގައި މިދިޔާ އާދިއްތަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ބަލިވެ އީގަލްސް އަށް ގުރޫޕް ސްޓޭޖަށް ނުވަދެވުނެވެ. މާދަމާ ރާއްޖޭގައި ފަށާ ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބޮށުންދަރާ ކިންގްސްއާ ދެކޮޅަށެވެ.

މާދަމާ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގައި މާޒިޔާގެ ޒިންމާ ދިވެހި ފުޓްބޯޅަ އަށް ޓަކައި ބޮޑުވާނެ ކަމަށް ސާބިއާ އަށް އުފަން ކޯޗު ރިސްޓޯ ސިފަކުރި އެވެ.

""އަމިއްލަ ދަނޑުގައި ކުޅޭނީ މި ދަނޑާއި ރާއްޖޭގެ ފުޓްބޯޅަ ދިފާއު ކުރަން. އެކަމަށްޓަކައި އަހަރެމެންގެ މުޅި ޓީމު 100 ޕަސެންޓް ދޭނެ،" ރިސްޓޯ ބުންޏެވެ.
މާޒިޔާގެ ކޯޗްކަމާ ރިސްޓޯ ހަވާލުވީ މި އަހަރު ޖެނައަރީ މަހު އެވެ. ރިސްޓޯ ބުނީ އޭނާ ހަވާލުވިއިރަށް ވުރެ މިހާރު މާޒިޔާ ކުޅޭ ގޭމު ތަފާތު ވާނެ ކަމަށެވެ. އަދި ސައުދީ އަރަބިއާގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ޓްރެއިނިން ކޭމްޕުގައި އެކަމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ވާދަވެރި މެޗެއް ނުކުޅެ އެހާ ގިނަ ދުވަސް ފަހު ކުޅޭ ފުރަތަމަ މެޗުގައި އުނދަގޫތަކެއް ހުންނާނެކަން އޭނާ ފާހަގަކުރި އެވެ.
"އެކަމަކު ފިޒިކަލީ އަދި މެންޓަލީ އަހަރެމެން މި ތިބީ ތައްޔާރަށް،" ރިސްޓޯ ބުންޏެވެ.
އޭއެފްސީ ކަޕަށް ބޮށުންދަރާ، ރާއްޖެ އައީ ބަންގްލަދޭޝްގެ ލީގުގައި ވާދަވެރި މެޗުތަކެއް ކުޅެފަ އެވެ. މިފަހަރު ވެސް ބަންގްލަދޭޝް ލީގުގެ ޗެމްޕިއަންކަން އެ ޓީމުން ވަނީ މި މަހު ހޯދައިފަ އެވެ. ރިސްޓޯ ބުނީ ބޮށުންދަރާ އަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ލޯކަލް ލީގުގައި ވާދަވެރި މެޗުތަކެއް ކުޅެފައި އޭއެފްސީ ކަޕު ކުޅެން އައުން ކަމަށެވެ. މިދިޔަ ހަފުތާގައި ވެސް އެ ޓީމުން ވަނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ޝައިހް ޖަމާލްއާ ދެކޮޅަށް ކުޅެފަ އެވެ. ސައުދީގެ ޓްރޭނިން ކޭމްޕްގައި މާޒިޔާ އިން ވެސް ތިން މެޗު ކުޅުނެވެ.
މެޗުތަކެއް ކުޅެފައި އައުމުން އެ އެޑްވާންޓޭޖް މާޒިޔާ އަށް ވެސް އޮންނާނެ ނޫންތޯ، ސުވާލު ކުރުމުން ރިސްޓޯ ބުނީ އެކުވެރި ކަމުގެ މެޗުތަކަކާއި ވާދަވެރި މެޗުތަކަކާ ވަރަށް ބޮޑު ތާފާތެއް ހުންނާނެ ކަމަށެވެ.
"ސައުދީ އަރަބިއާގައި އަހަރެމެން ކުޅުނު މެޗުތަކުގައި ޓީމުން ރަނގަޅު ކުޅުމެއް ދެއްކި. އެކަމަކު އެއީ އެކުވެރި ކަމުގެ މެޗުތަކެއް. މުޅިން ތަފާތު ވާނެ،" ރިސްޓޯ ބުންޏެވެ. "އޭއެފްސީ ކަޕުގައި އޮންނާނީ ތަފާތު މޯޓިވޭޝަނެއް އަދި ޕްރެޝަރު ވެސް ތަފާތު ވާނެ. އަހަރެމެން މި އައީ ރަނގަޅު ޕްރީ ސީޒަނެއް ހަދާފައި. އެކަމަކު އަހަރެމެން މިއައީ ވާދަވެރި މެޗުތަކެއް ނުކުޅެ. މިދިޔަ ތިން މަސް ތެރޭ ވާދަވެރި އެއްވެސް މެޗެއް ނުކުޅެން. އެކަމަކު އަހަންނަށް 100 ޕަސެންޓް ޔަގީން އަހަރެންގެ ޓީމު މެޗުގައި 100 ޕަސެންޓް ނެރޭނެ."
މާޒިޔާ އިން އެންމެ ފަހުން ވާދަވެރި މެޗެއް ކުޅުނީ މެއި 5 ގައި، އީގަލްސްއާ ދެކޮޅަށެވެ. އޭގެ ފަހުން ލީގު ހުއްޓާލި އެވެ. އޭރު އޮތީ ދެ ވަނަ ބުރު ކުޅެ ނިމިފަ އެވެ. ތިން ބުރު ކުޅެން އޮތް ލީގު އިތުރަށް ކުރިއަށް ނުގެންދަން ނިންމައި އެފްއޭއެމުން ވަނީ ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތުމުން އެ ޓީމަކީ ލީގު ޗެމްޕިއަން ކަމަށް ހަމަޖައްސައިފަ އެވެ.
ބޮށުންދަރާ ކިންގްސްގެ ކޯޗް، އޮސްކާ ބުރުޒޮން ބަރާރަސް އަކީ، ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗު ކޮށްދީ ކާމިޔާބު ހޯދާފައިވާ ކޯޗެކެވެ. ނިއު ރޭޑިއަންޓުގައި އޭނާ މަސައްކަތް ކުރި އިރު އެ ކްލަބުގެ އެންމެ ބޮޑު ވާދަވެރިޔަކަށް އޮތީ މާޒިޔާ އެވެ. މާޒިޔާގެ މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕް) އާއި ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) ފޯވަޑް މުހައްމަދު އުމޭރު އަކީ އޮސްކާއާ އެކު ނިއުގައި މަސައްކަތް ކުރި ކުޅުންތެރިންނެވެ.
ކުރިން ރާއްޖޭގައި އޮސްކާ މަސައްކަތް ކޮށްފައި ވިއަސް އެއީ ބޮށުންދަރާ އާއި އޮސްކާ އަށް އޮތް ކުޑަ އެޑްވާންޓޭޖެއް ކަމަށް ރިސްޓޯ ސިފަކުރި އެވެ.
"ކުރިން ރާއްޖޭގައި މަސައްކަތް ކޮށްފައި ވުމުން އޮސްކާ އަށް މި ކުޅުންތެރިން އެނގިދާނެ އެކަމަކު އެއީ ކުޑަކުޑަ އެޑްވްނާޓޭޖު،" ރިސްޓޯ ބުންޏެވެ. "އޮތް އެޑްވާންޓޭޖަކީ އެ ޓީމު ވާދަވެރި މެޗުތަކެއް ކުޅުމަށް ފަހުގައި އައިކަން. އެންމެ ފަހުން މިދިޔަ ހަފުތާގައި އެ ޓީމު ކުޅުނީ. އަހަންނަށް ހީވަނި އެއީހެން އެ ޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ.
ބަންގްލަދޭޝް ލީގުގައި ބޮށުންދަރާ ކުޅުނު ބައެއް މެޗުތަކުގައި ބޮޑު ބޯޅަ ޖަހައިގެން ވެސް ބޮށުންދަރާ ކިންގްސް ކުޅެފައި ވުމުން، ކޮންމެ ސްޓައިލަކަށް ކުޅެން ވެސް މާޒިޔާ ތައްޔާރުވެ ތިބެން ޖެހޭނެ ކަމަށް ރިސްޓޯ ބުންޏެވެ.
"އަހަންނަށް އެނގޭ އޮސްކާ އޭނާ އަކީ ރަނގަޅު ގޭމެއް ކުޅެން މަސައްކަތް ކުރާ ކޯޗެއް. އަހަރެން އުންމީދު ކުރަން އެ ޓީމު މާދަމާ ރޭގެ މެޗުގައި ވެސް ރަނގަޅު ގޭމް ކުޅެން މަސައްކަތް ކުރާނެ ކަމަށް. ދެ ޓީމަކީ ވެސް އެޓޭކިން ފުޓްބޯޅައެއް ކުޅޭ ޓީމެއް އަހަރެން އުންމީދު ކުރަނީ ބަލާ ހިތްވާނެ މެޗަކަށް ވާނެ ކަމަށް."
މާޒިޔާ އާއި ބޮށުންދަރާ ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9 ޖާހައިރު އެވެ. އެ މެޗުގެ ކުރިން މާދަމާ ހަވީރު އިންޑިއާގެ ގަދަ ދެ ބާރު ކަމަށްވާ، އޭޓީކޭ މޯހަން ބަގާން އާއި ބެންގަލޫރު އެފްސީ ވާދަކުރާނެ އެވެ.