22 އޯގަސްޓް 2021 - 08:30

ރާއްޖޭގެ ޓޫރިޒަމަކީ ވަކި އުސޫލަކުން، ވަކި ގޮތަކަށް ބައްޓަން ވަމުން އަންނަ ޓޫރިޒަމެކެވެ. ވަރަށް ވިސްނުންތެރިކަމާ އެކު، އަދި ޕްލޭންތަކަކާއި މެހުމާންދާރީގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓަމުން އަންނަ އިންޑަސްޓްރީ އެކެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ކޮށްފައިވާ ގޮތެވެ. އެކަމަކު ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބައެއް ޓްރެވެލް އެޖެންޓުންގެ ފަރާތުން ފެނިގެން ދިޔަ ކަންކަމާ ހެދި ރާއްޖޭގެ "އަގުބޮޑު" ޓޫރިޒަމް ވަނީ ލަދުގަންނުވާލައިފަ އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިންޑިއާއިން 27 ޓޫރިސްޓުން ގެނެސް މަގުމަތި ކުރި ހާދިސާއަކީ ވެސް މީގެ ތެރެއިން އެއް ހާދިސާ އެވެ. މިއީ މިކަން ވެގެން ވާނެ ގޮތެއް ނޫން ކަމަށް ޓޫރިޒަމް ދާއިރާގެ އިސް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ގެސްޓް ހައުސްތައް ފުރިގެން ބައެއް ރަށްރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ކޮޓަރިތަކުގައި ވެސް ޓޫރިސްޓުން ވަނީ ބައިތިއްބައިފަ އެވެ. ސަރުކާރުން އެކަން ސިފަކޮށްފައިވަނީ ހިއުމަން ޓްރެފިކިންގެ ގޮތުގަ އެވެ. މިއީ ވެސް ހިތާމަ ހުރި، އަދި ވަރަށް ބޮޑު އޮޅުވާލުމެކެވެ.

އިންޑިއާ ވިޔަސް، ކަރަންޓީނު ވާން ވިޔަސް، އަދި އެ ނޫން ބޭނުމެއްގައި ވިޔަސް ކޮންމެ ގައުމަކުން ވެސް ޓޫރިސްޓް ވިސާގައި އަންނަ ކޮންމެ މީހަކީ ޓޫރިސްޓެކެވެ.
ޓޫރިސްޓުން ރާއްޖެ އަށް އަންނަނީ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ބުކިންތައް ހައްދައިގެންނެވެ. މިގޮތަށް ބުކިންތައް ހައްދާއިރު ހުރިހާ އެޖެންޓުން ވެސް ދައްކަނީ ފައިވް ސްޓާގެ ރީތި ކޮޓަރިތަކެކެވެ. ނަމަވެސް ބައެއް ޓޫރިސްޓުންނަށް ރާއްޖެ އައުމުން ފައިވް ސްޓާގެ ނަމުގައި ގެންދަނީ ކުދި ކޮޓަރިތަކަކަށެވެ. އަދި ގިނަ ޓޫރިސްޓުން އެއްފަހަރާ ބުކިން ހައްދާ ނަމަ އެ މީހުންނަށް ދެނީ ބަންކު ބެޑުތައް ހުންނަ ކޮޓަރިތަކެވެ.
ހުޅުމާލޭގެ ނިއު ޓައުން އިން ގެސްޓުހައުސްގެ ވެރިޔާ އަހުމަދު ދީދީ (ޕަޓޭލް) "މިހާރު" އަށް ބުނީ އޭނާގެ ގެސްޓުހައުސް އަށް އަންނަ ބައެއް ޓޫރިސްޓުންނަކީ މާލޭގެ ގެސްޓުހައުސްތަކުގައި ތިބެފައި ސްޓޭ ބަދަލު ކުރާ ޓޫރިސްޓުން ކަމަށެވެ. އެ ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް ދަށް ކަމަށާއި ބުކިން ހައްދާއިރު އޮޅުވާލާ ކަމުގެ ވާހަކަތައް އެ ޓޫރިސްޓުން ދައްކާ ކަމަށް އޭނާ ބުންޏެވެ.
"އެހެން ތަންތަނުގައި ތިބެފައި މިތަނަށް ބަދަލުވާ އިންޑިއާ ޓޫރިސްޓުން ބުނޭ ހަމަ ނިދަން އެއްވެސް އެރޭންޖްމަންޓެއް ނުހުރެއޭ. ފައިވް ސްޓާ ހިދުމަތް ލިބޭ ތަނެކޭ ކިޔާފައި ބަންކު ބެޑުތަކުގައޭ ބައިތިއްބަނީ. ބާލީހެއް ނުދެޔޯ، ބެޑްޝީޓެއް ނުދެޔޯ، އޭސީއެއް ނުހުރެޔޯ."
ޕަޓޭލް ބުނިގޮތުގައި އެ ހާލަތުގައި ވެސް އެ ތަންތަނުގައި ޓޫރިސްޓުން ތިބެނީ ހުރިހާ ގެސްޓު ހައުސްތައް ފުރިފައި ހުރުމުންނެވެ. މިގޮތަށް ޓޫރިސްޓުންނަށް އޮޅުވާލަނީ ރާއްޖޭގެ ބައެއް ގެސްޓު ހައުސްތަކުގެ މީހުންނާއި އިންޑިއާގެ ޓްރެވަލް އެޖެންޓުން ގުޅިގެން ކަމަށް ވެސް ޕަޓޭލް ބުންޏެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހާލުގައި ޖެހުނު އިންޑިއާ ޓޫރިސްޓުންނަށް ވެސް ވީ މިހެންނެވެ. އެ ޓޫރިސްޓުން ވެސް އައީ ފައިވް ސްޓާ ގެސްޓު ހައުސްއެއްގައި ބައިތިއްބާނެ ކަމަށް ބުނެގެންނެވެ. ނަމަވެސް އެ މީހުން ގެނެސް ވެއްދީ ފަޅު ގެއަކަށެވެ.
ބައެއް ރަށްރަށުގައި ގެސްޓު ހައުސްތައް ފުރުމުން މިހާރު ޓޫރިސްޓުން ބައިތިއްބަނީ އާއްމުން ދިރިއުޅޭ ގެތަކުގަ އެވެ. މިކަން ފުލުހުންނަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ޓޫރިސްޓް ޕޮލިސް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މިގޮތަށް ޓޫރިސްޓުން ބައިތިއްބާ ރަށްތަކުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ ރަށްތަކާއި އެއާޕޯޓް ހުންނަ ރަށްތައް ހިމެނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރާ މާފުށީގެ މީހަކު "މިހާރު" އަށް ބުނީ ޓޫރިސްޓުން އެ ރަށަށް ގެންގޮސް އާއްމުން ދިރިއުޅޭ ގެތަކާއި ފަޅު ގެތަކުގައި ބައިތިއްބަނީ ބައެއް ގެސްޓް ހައުސްތަކުގެ ވެރިން ވެސް ގުޅިގެން ކަމަށެވެ. އެގޮތުން، ގެސްޓު ހައުސް ބުކިންތައް ފުރުމުން އިތުރަށް ބުކިން ނަގައި ލިބެން ހުންނަ ހުސް ކޮޓަރިތަކަށް އެ މީހުން ވައްދަނީ ކަމަށް ވެސް އޭނާ ބުންޏެވެ.
"ވަރަށް ގިނައިން އެގޮތަށް އެބަ ގެނޭ. ގިނައީ އިންޑިއާ ޓޫރިސްޓުން. ބުކިންތައް ހައްދާ ވަރަކަށް ބައެއް ތަންތަނުން ރޫމް ނެތަސް ބުކިން ނަގަނީ. މީހުން އުޅޭ ގެތަކުގައި އެބަތިބޭ ޓޫރިސްޓުން،" ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން މީހަކު ބުންޏެވެ.
ނ. އަތޮޅަކީ ވެސް ގިނަ ޓޫރިސްޓުން ދާ އަތޮޅަކަށްވާއިރު އެ އަތޮޅުގެ ބައެއް ރަށްތަކުގައި ވެސް ގަވާއިދާ ހިލާފަށް ޓޫރިސްޓުން ބައިތިއްބާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެ އަތޮޅު މާފަރުގެ މީހަކު ބުނިގޮތުގައި އެ ރަށުގެ ގެތަކުގައި ޓޫރިސްޓުން ބައިތިއްބަން ކައުންސިލުން ވެސް ހުއްދަ ދެ އެވެ. ނަމަވެސް ކައުންސިލުން ހުއްދަ ދެނީ ޓޫރިސްޓުން އެ މީހުންގެ އެކޮމޮޑޭޝަންތަކަށް ދެވެންދެން ގެތަކުގައި ބައިތިއްބަން ކަމަށް އޭނާ ބުންޏެވެ.
"މި ރަށުގެ ގެތަކުގައި ވެސް އެބަތިބި ޓޫރިސްޓުން. އެ މީހުން ބައިތިއްބަން ކައުންސިލުން ވެސް ހުއްދަ ދޭކަމަށް ވަނީ. މިހެން ބައިތިއްބަނީ އެކޮމޮޑޭޝަން ހަމަޖެހެންދެން،" އޭނާ ބުންޏެވެ.
ގެސްޓު ހައުސް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް ސައުދުﷲ އަހުމަދު ހަސަން (ސައުދު) ވިދާޅުވީ މިފަދަ ކަންކަން ކުރަނީ ގާނޫނާ ހިލާފަށް ޓޫރިސްޓުން ގެންނަ ބައެއް މީހުން ކަމަށެވެ. މިކަމުގައި، ރަޖިސްޓްރީ ކޮށްގެން ހިންގާ ގެސްޓު ހައުސްތައް ބައިވެރި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ރީތި ނަން ކިލަނބު ވާނެ ކަމަށާއި މިކަން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
"އެ ތިބެނީ ގޭގޭގައި ވެސް ޓޫރިސްޓުން ބައިތިއްބާފައި. ރަޖިސްޓްރީ ކޮށްގެން ހިންގާތަނަކުން މިގޮތަށް އޮޅުވާލައިގެން ގެންނާނެ ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭ. ގާނޫނާ ހިލާފަށް ޓޫރިސްޓުން ގެންނަ މީހުން މިހެން އޮޅުވާލައިގެން ވެސް އުޅޭނީ،" ސައުދު ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ޓޫރިސްޓުން ބައިތިއްބާކަން ފާހަގަ ކުރެވިފައިވާތީ އެޗްޕީއޭއިން ވަނީ އިންސްޕެކްޝަނެއް ވެސް ފަށައިފަ އެވެ. މިގޮތަށް ޓޫރިސްޓުން ބައިތިއްބާކަން ފާހަގަ ކުރެވޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
ރާއްޖެ އަށް އަންނަ އިންޑިއާ ޓޫރިސްޓުން އެވްރެޖުކޮށް 14 ދުވަސް ރާއްޖޭގައި ހޭދަ ކުރެ އެވެ. ގިނަ ޓޫރިސްޓުން ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ އަންނަނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު މި ދުވަސްވަރު ރާއްޖެ އަގު ހެޔޮވުމުންނެވެ. އަދި ކަރަންޓީންގެ މުއްދަތުގައި ޗުއްޓީ ހޭދަ ކުރެވުމަކީ ވެސް ގިނަ ޓޫރިސްޓުން ރާއްޖެ އަންނަން ބޭނުންވާ ސަބަބެކެވެ.