05 ޖޫން 2016 - 09:32

"ހައުސްފުލް"ގެ ނަމުގައި އުފައްދާ ފިލްމުތަކުގެ ސިލްސިލާގެ ތިން ވަނަ ފިލްމު "ހައުސްފުލް 3" އަށް ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު ކާމިޔާބެއް ފުރިހަމަ ދުވަހު ހޯދިއްޖެ އެވެ.
ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމުގެ ފުރަތަމަ ދުވަހުގެ ހެނދުނުގެ ޝޯތަކުގެ އޮކިއުޕަންސީ 35 ޕަސެންޓްގައި އެވްރެޖްކޮށް ހުއްޓެވެ. ނަމަވެސް މެންދުރު ފަހާއި ރޭގަނޑުގެ ޝޯތައް ބަލަން ގިނަ އަދަދެއްގެ ބަޔަކު ވަދެފައިވެ އެވެ.
އަކްޝޭ ކުމާރު، ޖެކްލީން ފެނާންޑިސް، ރިތޭޝް ދޭޝްމުކް، ލީސާ ހޭޑްން، ނަރްގިސް ފަޚުރީ އަދި އަބީޝެކް ބައްޗަން މުހިއްމު ބައިތައް ކުޅުނު މިފިލްމަށް ފުރަތަމަ ދުވަހު 152 މިލިއަން ރުޕީޒް ލިބިފައިވެ އެވެ. އެއާ އެކު މި ފިލްމު ވަނީ އަހަރުގެ މިހާތަނަށް ފުރަތަމަ ދުވަހު އެންމެ ރަނގަޅު ވިޔަފާރިއެއް ކުރެވުނު ފިލްމުތަކުގެ ދެ ވަނަ ހޯދާފަ އެވެ. ކުރިން މި މަގާމު އޮތީ ވެސް އަކްޝޭގެ ފިލްމަށެވެ. އެއީ 123 މިލިއަން ރުޕީޒް ހޯދި "އެއާލިފްޓް" އެވެ. ތިން ވަނައިގައި އޭރު އޮތީ ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރުގެ "ބާޣީ" އެވެ. މި ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ ރިލީޒްކުރި ދުވަހު 192 މިލިއަން ރުޕީޒް ހޯދައިގެން ޝާހްރުކް ޚާންގެ "ފޭން" އެވެ.
"ހައުސްފުލް 3" އާ ބެހޭ ގޮތުން ކްރިޓިކްސްގެ ވެސް މާބޮޑު ޝަކުވާއެއް ނެތެވެ. ގިނަ ރިވިއުތަކުގައި ބުނެފައިވަނީ "ހައުސްފުލް"ގެ ކުރީގެ ދެ ފިލްމަށް ވުރެ މި ފިލްމު މާ މަޖާ ކަމަށެވެ.
"ހައުސްފުލް 3" އާ ވާދަކުރާނެ ފިލްމުތަކެއް ސިނަމާތަކުގައި ނެތުމަކީ ވެސް މި ފިލްމަށް ރަނގަޅު ކާމިޔާބެއް ލިބެން މެދުވެރިވި ސަބަބެކެވެ.