ގެސްޓް ހައުސްތަކުގައި އިންޑިއާގެ ކޮންމެ ޓޫރިސްޓަކު މަދުވެގެން 2000 ޑޮލަރު ހޭދަކުރޭ
ގެސްޓް ހައުސްތަކުގައި އިންޑިއާގެ ކޮންމެ ޓޫރިސްޓަކު މަދުވެގެން 2000 ޑޮލަރު ހޭދަކުރޭ

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްއެއް ފުރިފައި އޮތް ދުވަސްވަރެކެވެ. އިންޑިއާގެ ޓޫރިސްޓުންނާ އެކު ގެސްޓް ހައުސްތައް މިހާރު ދެކެމުން އަންނަނީ "ރަންޒަަމާނެ"ވެ.

ގެސްޓް ހައުސްތަކުގައި އިންޑިއާގެ ކޮންމެ ޓޫރިސްޓަކު މަދުވެގެން 2000 ޑޮލަރު ހޭދަކުރޭ
ގެސްޓް ހައުސްތަކުގައި އިންޑިއާގެ ކޮންމެ ޓޫރިސްޓަކު މަދުވެގެން 2000 ޑޮލަރު ހޭދަކުރޭ

ރާއްޖޭގެ ޓޫރިޒަމަކީ އިންޑިއާގައި މަގުބޫލު ޓޫރިޒަމެކެވެ. އެކަމަކު ކުއްލިއަކަށް މިހާ ގިނަ އަދަދަކަށް އިންޑިއާގެ ޓޫރިސްޓުން އިތުރުވެފައި މި ވަނީ މެދުއިރުމައްޗަށް ދާ އިންޑިއާ މީހުންގެ ޓްރާންސިޓް މަންޒިލެއްގެ ގޮތުގަ އެވެ. ރާއްޖެ އަކީ، އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަޒީފާ އަދާކޮށް އަދި ދިރިއުޅެމުން ވެސް ގެންދާ ޔޫއޭއީ އަށް ކަރަންޓީންވުމަކާ ނުލައި ދަތުރުކުރެވޭ ގައުމެކެވެ. އެކަމަކު މިއަދުން ފެށިގެން އެކަން ބަދަލުވާނެ އެވެ.

ގެސްޓް ހައުސްތަކުގައި އިންޑިއާގެ ކޮންމެ ޓޫރިސްޓަކު މަދުވެގެން 2000 ޑޮލަރު ހޭދަކުރޭ
ގެސްޓް ހައުސްތަކުގައި އިންޑިއާގެ ކޮންމެ ޓޫރިސްޓަކު މަދުވެގެން 2000 ޑޮލަރު ހޭދަކުރޭ

ހުޅުމާލޭ ކޮރަލް ގްރޭންޑް ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިންޑިއާގެ ރައްޔިތެއް ކަމަށްވާ މުހަންމަދު ބުނި ގޮތުގައި ރާއްޖެ އަކީ ޗުއްޓީ އަށާއި މެދުއިރުމައްޗަށް ދާން ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ބަރާބަރު ގައުމެކެވެ.

ގެސްޓް ހައުސްތަކުގައި އިންޑިއާގެ ކޮންމެ ޓޫރިސްޓަކު މަދުވެގެން 2000 ޑޮލަރު ހޭދަކުރޭ
ގެސްޓް ހައުސްތަކުގައި އިންޑިއާގެ ކޮންމެ ޓޫރިސްޓަކު މަދުވެގެން 2000 ޑޮލަރު ހޭދަކުރޭ

އޭނާ ބުނީ ރާއްޖެ އަކީ ވަރަށް ހިތްގައިމު މަންޒިލެއް ކަމަށާއި މިއީ ޓްރާންސިޓްވާން މި ވަގުތު ދާން އޮތް ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޗޮއިސް ކަމަށެވެ. ރާއްޖޭގެ އިތުރުން މި ވަގުތު ސާބިިއާ އާއި ގަތަރު ފަދަ ގައުމުތަކުގައި ވެސް ކަރަންޓީނު ވާން އިންޑިއާގެ ރައްޔިތުން ދެ އެވެ. އެހެން ނަމަވެސް އެ ގައުމުތަކުގައި ކަރަންޓީނުވާން މާ ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ.

"ރާއްޖޭގައި 160،000 ރުޕީސް [2،100 ޑޮލަރު] ހޭދަކޮށްގެން ކަރަންޓީނުވެވޭނެ. އެއިން ހުރިހާ ކަމެއް ކުރެވޭނެ. އެއާޕޯޓަށް ދިއުމާއި ކެއުމާއި ޕީސީއާރް ޓެސްޓް ވެސް ހެދޭނެ،" އޭނާ ބުންޏެވެ.

ރާއްޖެ އަށް އައި އެހެން ޓޫރިސްޓަކު ކަށްވާ ބީއެސް ރާނާއަކީ ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތެކެވެ. އޭނާ ބުނީ ރާއްޖެ އައީ ގާތް ރައްޓެއްސެއްގެ ތަޖުރިބާ ރާއްޖޭގައި ރަނގަޅުވުމުންނެވެ. އޭނާ ބުނީ ދިވެހިންގެ މެހެމާންދާރީ ވަރަށް ފުރިހަމަ ކަމަށާއި އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ.

"އެއްވެސް މައްސަލައެއް ނުޖެހޭ. ގެސްޓްހައުސްތަކުން ދޭ ހިދުމަތްތައް ވަރަށް ފުރިހަމަ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ބީޗް ސަހައްދުން ދިމާވި އިންޑިއާގެ ޓޫރިސްޓް ޝަރަބައްޕަ ބުނީ ރާއްޖެ އައީ ޗުއްޓީ ހޭދަކޮށްލަން ކަމަށެވެ. އޭނާ އެންމެ ފުރަތަމަ ހުރީ ހޮޓެލް ޖެންގައި އެވެ. އެއަށް ފަހު މިހާރު ހުންނަނީ ހުޅުމާލޭގެ ގެސްޓްހައުސްއެއްގަ އެވެ.

"ކޮވިޑްގެ ހާލަތުން ބްރޭކެއް ނަގާލަން ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލް. ކިތަންމެ އަގު ބޮޑުވިޔަސް މި ލިބޭ ހިތްހަމަޖެހުމާ އެކު އަގު ވޯތު،" އޭނާ ބުންޏެވެ.

މިދިޔަ ހަފްތާއެއްގެ ތެރޭ ކަޅު ބާޒާރުގައި 19ރ. އަށް ލިބެން ހުރި ޑޮލަރު މިހާރު ވަނީ 17ރ. އަށް ވެއްޓިފަ އެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހަކު ބުނީ، ޑޮލަރުގެ އަގު އެހާ ބޮޑަށް ދަށްވީ ގެސްޓްހައުސްތަކަށް ޑޮލަރު ލިބޭ ވަރު ވަރަށް ބޮޑަށް އިތުރުވުމުން ކަމަށެވެ.

"މިހާރު ގެސްޓްހައުސްތަކުގައި އުޅޭ މީހުން އަތުގައި ވެސް ޑޮލަރު އެބަހުރި. އެހެންވެ މާކެޓުގައި ޑޮލަރު ވަނީ އިތުރުވެފައި،" އޭނާ ބުންޏެެވެ.

ގެސްޓްހައުސްތަކަށް ގިނައިން ޑޮލަރު ވަންނަން ފެށުމުން، ކުދި ވިޔަފާރިތަކަށް ޑޮލަރު ހޯދަން ވަރަށް ބޮޑަށް ފަސޭހަވެ އެވެ. އަދި ޑޮލަރު ގަންނަން ކަޅުު ބާޒާރަށްދާ މީހުން މަދުވެ އެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓުނީ ގެސްޓްހައުސްތަކުގެ ވިޔަފާރި ފުޅާވުމުގެ ސަބަބުންނެވެ. ގެސްޓްހައުސްތަކާ އެކު ރަށްރަށުގައި އުޅޭ ވިޔަފާރިވެރިންނަށް ޑޮލަރު ހޯދަން ވަރަށް ބޮޑަށް ފަސޭހަވެގެންދެ އެވެ.

ކޮވިޑާ ގުޅިގެން ގެސްޓްހައުސް ވިޔަފާރި ހުއްޓިފައި އޮތުމަށްފަހު، އަނެއްކާ ވެސް ޓޫރިސްޓުން މިވަނީ އަންނަން ފަށައިފަ އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ސެކްރެޓަރީ ޖެނެރަލްގެ ސައުދުﷲ އަހުމަދު ވިދާޅުވީ، ގެސްޓްހައުސްތައް ބަނގުރޫޓުވުމުން ސަލާމަތްވީ ސައުތު އޭޝިއާއިން ޓޫރިސްޓުން އައުމަށް މިދިޔަ މަހުން ފެށިގެން ފުރުސަތު ލިބުމުން ކަމަށެވެ.

"މިހާރު ކުރިން 50 ޑޮލަރު ރޫމަކުން ހޯދި ތަންތަނުން 100 ޑޮލަރު ލިބޭ. މިހާރު މި އަންނަ ޓޫރިސްޓުންނާ އެކު [އިންޑިއާ ޓޫރިސްޓުންނާ އެކު] ގެސްޓްހައުސްތަކުގެ ހަރަދުތައް ހަމަޖައްސާލެވޭ،" އޭނާ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވީ، ރާއްޖެ އަށް އަންނަނީ ކަރަންޓީނު ޓޫރިސްޓުން ނޫން ކަމަށާއި އިންޑިއާއިން އަންނަ ޓޫރިސްޓުން ވެސް އަންނަނީ ޓޫރިސްޓް ވިސާގައި ކަމަށެވެ. އެހެންކަމުން އެހެން ޓޫރިސްޓުންނޭ އިންޑިޔާ އިން އަންނަ ޓޫރިސްޓުންނެކޭ ހިދުމަތް ދިނުމުގައި އެއްވެސް ތަފާތެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ގައުމެއްގެ ޓޫރިސްޓުންނަށް ބަލައިގެނެއް ނޫން އަޅުގަނޑުމެން ހިދުމަތް ދެނީ. އަންނަ ހުރިހާ ޓޫރިސްޓުންނަށް ވެސް ހިދުމަތްތައް ދެނީ އެއް ހަމައެއްގައި. ތަފާތު ކުރުމެއް ނުގެންގުޅެން،" އޭނާ ވިދާޅުވި އެވެ.

އެހެން ގައުމުތަކަށް ދާން ރާއްޖެ އަށް އަންނަ މީހުން ވެސް އަންނަނީ ޓޫރިސްޓު ވިސާގަ އެވެ. ރާއްޖެ އައިސް އެ މީހުން އިތުރަށް ކަރަންޓީނުވެ، ހޮޓަލުން ނުނިކުމެ ތިބޭކަށް ނުޖެހެ އެވެ. ޓޫރިސްޓް ވިސާގައި އަންނަ ހުރިހާ އެންމެން ވެސް ރާއްޖެ އަންނަނީ ޕީސީއާރް ނެގެޓިވް ޓެސްޓްގަ އެވެ.

ސައުދުﷲ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ގެސްޓްހައުސްތައް ވެސް ހުރީ ފުލްވެފައި ކަމަށެވެ. އޭނާ ހިންގަވާ ތްރީ އިން ގެސްޓްހައުސް ވެސް ހުރީ އޯވާބުކް ވެފަ އެވެ. އެ ހޮޓަލުގައި ހުރުމަށް 14 ދުވަހުގެ ޕެކޭޖެއް ދެނީ 2،000 ޑޮލަރަށެވެ.

ފުވައްމުލަކާއި އައްޑޫ ގެސްޓްހައުސްތައް ވެސް ފުލް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ގެސްޓްހައުސް ވިޔަފާރި އަށާއި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގެސްޓްހައުސްތަކާ އެކު ރަށްރަށުގެ ރެސްޓޯރެންޓާއި ފިހާރަތަކަށް ވެސް ބޮޑު އާމްދަނީއެއް ލިބެމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް ހިނގާ "ބީޗް ކްލަބް"ގެ ވެރިޔާ އަލީ ރިޔާޒް ވިދާޅުވީ، ދުވާލެއްގެ މައްޗަށް ވިއްސަކަށް ވަރަކަށް ޓޫރިސްޓުން އަންނަ ކަމަށެވެ.

"ގަޑިއިރަކަށް ވޯޓާ ސްޕޯޓްސް ނަގާ ނަމަ 100 ޑޮލަރު ހޭދަކުރަން ޖެހޭނެ. ވަރަށް ގިނަ އިންޑިއާ ޓޫރިސްޓުން އާދޭ ވޯޓާ ސްޕޯޓްސް ކުޅިވަރުތައް ކުޅެން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް ފަޅުވެފައި އޮތުމަށް ފަހު ގެސްޓްހައުސްތައް މިހާރު މިއޮތީ ފުރި ބާރުވެފަ އެވެ. ގެސްޓްހައުސްތަކުން ގަބޫލުކުރާ ގޮތުން މި ޕީކްގައި މިކަން ދެމިގެން ނުދިޔަ ނަމަވެސް އިންޑިއާގެ ޓޫރިސްޓުން ސެޕްޓެމްބަރާ ހަމައަށް އަންނާނެ އެވެ.