ޔާމީންގެ މަރުގެ މައްސަލަ: އިސްމާއިލް ރަޝީދު ޖަލު ބަންދަށް ލުޔެއް ނުދިން
ޔާމީންގެ މަރުގެ މައްސަލަ: އިސްމާއިލް ރަޝީދު ޖަލު ބަންދަށް ލުޔެއް ނުދިން

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ބަންދަށް ލުޔެއް ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އިސްމާއިލް ރަޝީދަށް ޑޮކްޓަރުގެ ލަފައާ އެއްގޮތަށް ޖަލުގައި އެކަށީގެންވާ ފަރުވާ ނުދިނުމާއި އަނިޔާ ކުރުމުގެ އިތުރުން އޭނާގެ އަމިއްލަ ތަކެެތި ކަރެކްޝަންސްއިން އަތުލާފައިވާ ކަމަށް އޭނާ މީގެ ކުރިން ވަނީ ކޯޓުގައި ބުނެފަ އެވެ. އެ މައްސަލައިގައި ކަރެކްޝަންސްގެ ފަރާތުން ކޯޓަށް ގެނެސް އެތަނުގެ ބަހެއް ވެސް ކޯޓުން އެކަމުގައި ހޯދި އެވެ.

ހަ މަސް ފަހުން މިއަދު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބޭއްވި އިރު، ޔާމީންގެ ދައްތަ އާއި އޭނާގެ އެކުވެރިޔާ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ދައްތަ ވެސް އަޑުއެހުމަށް އައިސް ތިއްބެވެ. އަދި އިސްމާއިލް ރަޝީދުގެ ބައްޕަ ވެސް ހުއްޓެވެ. މިއަދު އެންމެ ފުރަތަމަ އޮތީ އިސްމާއިލް ރަޝީދުގެ ބަންދާ މެދު ގޮތެއް ނިންމުމެވެ.

އިސްމާއިލް ރަޝީދުގެ ފަރާތުން މީގެ ކުރިން ކޯޓުގައި ބުނެފައި ވަނީ ކަރެކްޝަންސްގެ އޮފިސަރުން އޭނާއަށް އަނިޔާކުރި ކަމަށާއި ކަންފަތަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ކަރެކްޝަންސްގެ އޮފިސަރުން ކުރި ރެއިޑެއްގައި އޭނާގެ އަންނައުނާއި މައްސަލައާ ގުޅޭ ލިޔުންތަކާއި އޭނާގެ ނޯޓުތައް ކަޅު ޑަސްޓްބިން ކޮތަޅަކަށް ލައިގެން ގެންދިޔަ ގޮތަށް އަނބުރާ ނުދޭ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން އޭނާގެ ލޮލުގެ މައްސަލައެއް ޖެހި ދެ ފަހަރެއްގެ މަތިން އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި އޮޕަރޭޝަންގެ ފަހުން ދޭންޖެހޭ ފަރުވާ ވެސް އެކަށީގެންވާ ވަރަށް ނުދޭ ކަމަށް ބުންޏެވެ. އަދި ޑޮކްޓަރުން ދީފައިވާ ޑައިޓާ އެއްގޮތަށް އޭނާ އަށް ކާން ނުދިނުމުގެ އިތުރުން އެކަނި ޖަލުގައި އޮންނަން ޖެހޭތީ ހަމުގެ މައްސަލައަކަށް ފަރުވާ ހޯދަން ބުރަކަށީގައި ބޭސް ހާކާނެ ގޮތެއް ނެތުމުގެ ޝަކުވާ ވެސް ކުރި އެވެ. މި ސަބަބުތަކާ ހެދި އޭނާ އެދިފައި ވަނީ ގޭބަންދަށް ބަދަލުކުރަން ނުވަތަ ބަންދަށް އެހެން ލުޔެއް ދިނުމަށެވެ.

ބަންދާ މެދު ގޮތެއް ނިންމަވަމުން ގާޒީ އާދަމް މުހައްމަދު ހައި ކޯޓުގެ ކުރީގެ ނިންމުންތަކާ ހަވާލާދެއްވައި ވިދާޅުވީ އެންމެ އެކަށީގެންވާ ވަރަށް ފަރުވާ ނުދޭކަން އެނގެން އޮތަސް އެއީ އެކަމުގެ މައްޗަށް ބުރަވެ ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ބަންދުން ދޫކޮށްލެވޭނީ ފުރާނައަށް ނުރައްކަލެއް އޮތް ހާލަތެއްގައިކަން ފާހަގަކުރައްވައި، އިސްމާއިލް ރަޝީދުގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، އޭނާއަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުން ދީފައިވާ ޑައިޓުގައި ކާން ލިބެންޖެހޭނެ ކަމަށާއި ބޭސްފަރުވާ ވެސް އެކަށީގެންވާ ވަރަށް ލިބެން ޖެހޭނެ ކަމަށް ގާޒީ އާދަމް ވިދާޅުވި އެވެ.

އަދި ކަރެކްޝަންސް އިން ނެގި އޭނާގެ ތަކެތި 30 ދުވަހުގެ ތެރޭގައި އަނބުރާ ރައްދުކުރަން އަމުރުކުރެއްވި އެވެ. އެގޮތަށް އަމަލުނުކޮށްފި ނަމަ އެޗްއާރްސީއެމްއަށް މައްސަލަ ހުށަހެޅުމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

އިސްމާއިލް ރަޝީދު ވަނީ އޭނާއަށް އަނިޔާ ކުރި ކަމަށް ބުނާ ވީޑީއޯތައް ފެންނަން ހުންނާނެ ކަމަށް ބުނެ އެ ވީޑިއޯތައް ބެލުމަށް އެދިފަ އެވެ. މިއަދު ގާޒީ އާދަމް މުހައްމަދު ވަނީ އަޑުއެހުމަށް ފަހު ދައުލަތުގެ ވަކީލުންނާ އެކު ވީޑިއޯތައް ބަލަން ހަމަޖައްސަވައިފަ އެވެ.

އެ މައްސަލައިގައި މީގެ ކުރިން އަޑުއެހުމެއް ބޭއްވި ނަމަވެސް، އޭނާގެ ބަންދާ މެދު ގޮތެއް ނުނިންމައި ގިނަ ދުވަސްތަކެއް ހޭދަވި އެވެ. މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ގޮތެއް ނުނިމި ލަސްވީ އޮންލައިންކޮށް ބޭއްވުމުގެ ބަދަލުގައި ކޯޓުގައި އަޑުއެހުންތައް ބާއްވައިދޭން އިސްމާއިލް އެދިފައި ވުމުން، ކޮވިޑާ ހެދި ޖަލުން ކޯޓަށް މީހުން ގެންދިޔުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

ޔާމީން ރަޝީދު މަރާލިތާ މިހާރު ހަތަރު އަހަރު ވެފައިވާއިރު ކްރިމިނަލް ކޯޓުގައި މައްސަލަ ނިންމަން ކުރިން މައްސަލަ ބެއްލެވި ގާޒީން ދެތިން ފަހަރަކު ތާވަލުތައް ވެސް ހެއްދެވި އެވެ. މިހާރު މައްސަލަ ބައްލަވާ ގާޒީ މިއަދު ނިންމެވީ ނޮވެމްބަރު 18 ގައި ހުލާސާ ބަޔާން އިއްވައި އަޑުއެހުން ބާއްވާށެވެ. އެހެންވެ ޑިސެމްބަރު 18ގެ ކުރިން މައްސަލައިގެ ހުކުމް އިއްވަން ޖެހޭނެ އެވެ.

މިހާރު މައްސަލައިގައި ބާކީ އޮތީ ދިފާއުން ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ. މިއަދު ބައެއް ވަކީލުން ތައްޔާރުވެފައި ނުވުމުން މައްސަލައިގެ ތާވަލު ހަދާފައި އަޑުއެހުން ނިންމާލީ އެވެ.

ޔާމީން މަރާލީ އޭޕްރީލް، 2017 ގައި އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ މ. ތާއިފް އިސްމާއިލް ރަޝީދުގެ އިތުރުން ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.