17 އޯގަސްޓް 2021 - 12:15

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުތަކާ ހަމަ އަށް ވަދެވޭ ގޮތަށް އެ ސަރަހައްދު ހުޅުވާލައިފި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އާންމުންނަށް ވަދެވޭ ގޮތަށް ކުރިން ހުޅުވާލައިފައި އޮތީ ކުޑަ ތަންކޮޅެކެވެ. އެއީ ނިރޮޅުމަގު އެންމެ އިރުމަތީ ބްރިޖުން ވަދެގެން އަމިއްލަ ގެތަކުގައި މީހުން ދިރިއުޅޭ ހިސާބަށް އެކަންޏެވެ. ފްލެޓްތައް އަޅާފައިވާ ހިސާބަކަށް ދެވެނީ ހުއްދަ ހޯދައިގެންނެވެ.
އެޗްޑީސީން މިއަދު ބުނީ ހިޔާ ފުލެޓްތަކާ ހަމަ އަށް އާންމުންނަށް ވަދެވޭ ގޮތަށް، ވަކި ހިސާބަކަށް ހުޅުވާލައިފައިވާ ކަމަށާއި، އާންމުންނަށް ވަދެވޭ ހިސާބުތަކުގެ މެޕެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އާންމުންނަށް ވަދެވޭ ގޮތަށް އެންމެ ފުރަތަމަ ހުޅުވާލީ، މިދިޔަ އަހަރު އޮކްޓޫބަރު އެކެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެންމެ އިރުމަތީ ސަރަހައްދުގައި އަމިއްލަ މީހުން އަޅާފައިވާ ބައެއް ގެތަކުގައި މީހުން ދިރިއުޅެއް ފެށުމުންނެވެ.
ހިޔާ ފުލެޓުތަކާ ހަމަ އަށް އާންމުންނަށް ވަދެވޭ ގޮތަށް މި ހުޅުވާލީ އެ ފްލެޓްތަކަށް ކަރަންޓު ދީ، އެ ތަންތަން ލިބުނު މީހުންނާ ތަން ހަވާލުކުރުން ކުރިއަށް ދަނިކޮށެވެ.
މިއަދު އެންމެ ފުރަތަމަ ކަރަންޓު ދޭން ނިންމާފައި ވަނީ އެޗް16 އާއި އެޗް15 ޓަވަރަށެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ކަރަންޓު ދޭން ފެށުމާ އެކު، ފްލެޓަށް ބަދަލުވާ މީހުން މުދާ އުފުލުމުގައި އަމަލުކުރަން ޖެހޭ ހާއްސަ އުސޫލެއް ވެސް އާންމުކޮށްފަ އެވެ.
މި ޓަވަރުތަކުގައި ބަހައްޓާފައިވާ ލިފްޓްތަކުގެ ތެރެއިން 16 އެޕާޓްމަންޓެއްގެ ޓަވަރެއްގައިވާ ތިން ލިފްޓުން ދެ ލިފްޓް އަދި 20 އެޕާޓްމަންޓުގެ ޓަވަރުގައިވާ ހަތަރު ލިފްޓުން ތިން ލިފްޓް ތަކެތި އުފުލުމަށް ބޭނުން ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ޓަވަރުތަކުގައި މަސައްކަތް ކުރިއަށް ގެންދާ ގޮތަކަށް ބެލުމަށް ފަހު، އެ ކުންފުނީގެ މުވައްޒަފުން މިކަމާ ގުޅޭ އިރުޝާދުތައް ދެމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.