17 އޯގަސްޓް 2021 - 12:20

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ނިންމުމަކީ އެ ޕާޓީން ވަކާލާތުކުރި، އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާ އިދިކޮޅު އަދި ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފު ނިންމުމެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލަ އޮތުމުން، މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ނިންމައި، ކެންޑިޑޭޓުންގެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިނުވާ ކަމަށް އެމްޑީޕީން ވަނީ އަންގައިފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މީގެ ކުރިން ވަނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި ތުހުމަތުތަކުން ބަރީއަވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތާއި ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނެވެ.
އެކަމާ ގުޅިގެން މަހުލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި މަޖިލިސް މެމްބަރުކަން އަދި ކައުންސިލް އިންތިހާބަށް ވެސް އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ. މިނިސްޓަރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި ބައިވެރިވެވި، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީީ މަޖިލީހުގެ ގަވައިދު ބުނާގޮތުން، އެ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުކަމުގައި ތިއްބަވާ ބޭފުޅުންނާއި އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިހާބުވެފައިވާ މެމްބަރުން ގައުމީ މަޖިލީހުގައި ތިއްބަވާނެ އެވެ. އެ އުސޫލުން، މަހުލޫފު ވެސް މިނިސްޓަރުކަމުގައި ހުންނެވީ އެމްޑީޕީގެ ސްލޮޓުގައި ކަމަށްވާތީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވަ އެވެ.
"ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވެންވާނެ. މި ހައްގު ހޯދަން އަޅުގަނޑު މަސައްކަތްކުރާނަން. މިއީ އެމްޑީޕީން އަބަދު ވަކާލާތުކުރި، އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާ ދިމާ އިދިކޮޅު އަދި ޑިމޮކްރެސީގެ ރޫހާ ވެސް ހިލާފު ނިންމުމެއް،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދުވަސްވަރު މި ހިނގާ ކަންތައްތަކަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ކަމެއް ނޫނެވެ. އެއީ ސިޔާސީ ކަމެއް ކަމަށް މަހުލޫފު ތުހުމަތުކުރައްވަ އެވެ.
"އެކަމަކު މި ބޭފުޅުންނަށްޓަކައި އެތައް ގުރުނާބީއެއްވެދީ އަދި މިހާރު ވެސް ސަރުކާރުގައި ވަރަށް ރަނގަޅު ނަތީޖާ ނެރެދީފައިވާއިރު ވެގެން މި އުޅޭގޮތް އެއްގޮތަކަށް ވެސް ނުވިސްނޭ،" ދައުވާކުރަން ފޮނުވުމާ ގުޅިގެން ވަޒީރުކަމުން ސަސްޕެންޑުކޮށްފައިވާ މަހުލޫފު ސުވާލު އުފެއްދެވި އެވެ.
މަހުލޫފުގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނަށް ވެސް ދާއިރާގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ވަނީ އަންގައިފަ އެވެ. ނަމަވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން މިހާތަނަށް ދައުވާކުރަން ފޮނުވާފައިވަނީ މަހުލޫފުގެ މައްޗަށް އެކަންޏެވެ.
އޭސީސީން މަހްލޫފުގެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވިޔަސް އެ މައްސަލައިގައި އަދި ވެސް ގޮތެއް ނުނިންމަ އެވެ.