16 އޯގަސްޓް 2021 - 22:34

އޮޅުވާލައިގެން ރާއްޖެ އަށް ޓޫރިސްޓުން ގެނެސް މަގުމަތި ކޮށްލި މައްސަލާގައި ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރާއްޖެއަށް އިއްޔެ އައި އިންޑިޔާ ޓޫރިސްޓުންތަކެއްގެ އަތުން ހޮޓަލް ބުކިން ފީގެ ނަމުގައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އެ މީހުން މާލެ މަގުމައްޗަށް ވަނީ ދޫކޮށްލައިފަ އެވެ. ގޮތް ހުސްވެގެން ހެންވޭރުގެ މަގެއްގައި، ކުޑަކުދިންތަކާ އެކު ލަގެޖާއި ދަބަސްތައް އަޅުވައިގެން މަގުމަތީ ތިއްބާ ފުލުހުންނާއި އާންމުން ވަނީ އެ މީހުންނަށް އެހީތެރިވެ ދީފަ އެވެ.
އެ މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮޅުވާލައިގެން ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ދިނުމުގެ ސަބަބުން މަގުމަތިވި 27 ޓޫރިސްޓުންގެ މައްސަލާގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ރޭ މެންދަމު 2:00 ހާއިރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަންހެނުންނާއި ކުޑަކުދިން ހިމެނޭ މި ޓޫރިސްޓުންގެ ގްރޫޕަށް، އިމިގްރޭޝަނާއި، ޕޮލިހާއި، ރެޑް ކްރެސެންޓު އަދި ހެޔޮ އެދޭ ފަރާތްތައް ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އޭނާގެ އަނބިކަނބަލުން ވެސް އެހީތެރިވެދެއްވާފައިވާ ކަމަށް ހަނަފީ ވިދާޅުވި އެވެ.
މި ޓޫރިސްޓުންނަކީ ސައުދީ އަރަބިއްޔާއަށް ދިޔުމަށްޓަކައި ރާއްޖޭގައި ކަރަންޓީންގެ ވުމަށް އައި ޓޫރިސްޓުންތަކެކެވެ. އަދި އެ މީހުން ފައިސާ ދައްކާފައި ވަނީ ވެސް މާފުށީ ގެސްޓް ހައުސްއެއްގައި ތިބުމަށެވެ.
އެނގިފައިވާ ގޮތުގައި މިހާރު އެ މީހުންނާ ސަރުކާރުން ހަވާލުވެ، ބޯހިޔާވަހިކަމެއް ވަނީ ދީފަ އެވެ.