ކެލިފޯނިއާގެ މިސްކިތްތަކަށް އިންޒާރުގެ ސިޓީތަކެއް ފޮނުވައިފި
ކެލިފޯނިއާގެ މިސްކިތްތަކަށް އިންޒާރުގެ ސިޓީތަކެއް ފޮނުވައިފި

ކެލިފޯނިއާ (ނޮވެމްބަރު 28) - އެމެރިކާގެ މިސްކިތްތަކަށް އިންޒާރުދީ ސިޓީތަކެއް ފޮނުވައިފި އެވެ.

ކެލިފޯނިއާގެ މިސްކިތްތަކަށް އިންޒާރުގެ ސިޓީތަކެއް ފޮނުވައިފި
ކެލިފޯނިއާގެ މިސްކިތްތަކަށް އިންޒާރުގެ ސިޓީތަކެއް ފޮނުވައިފި

ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އިން ބުނީ އަތުން ލިޔެ ފޮޓޯކޮޕީ ހައްދާފައިވާ އެ ސިޓީތަކުގައި ވަނީ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އަދި އެޑޮލްފް ހިޓްލަރު ޔަހޫދީންނާ މެދު ކަންކުރި ގޮތަށް މުސްލިމުންނާ މެދު ޓްރަމްޕް ކަންކުރައްވާނެ ކަމަށް ވެސް ސިޓީތަކުގައި ވަނީ އިންޒާރު ދީފަ އެވެ. މުސްލިމުންނަކީ "ޝައިތާނުންގެ ދަރިން" ކަމަށް ބުނެ އެޑްރެސްކޮށް ލިޔެފައިވާ އެ ސިޓީތަކުގައި ވަނީ އެމެރިކާގެ މުސްލިމް އާބާދީ ފޮހެލާ، އެމެރިކާ ސާފު ކޮށްލުމަށް ފަހު އަލުން ވިދާ ބެބުޅުން ގެނުވާނެ ކަމަށް ވެސް ބުނެފަ އެވެ. ސިޓީ ނިންމާލާފައި ވަނީ ޓްރަމްޕަށް ތައުރީފް ކުރަމުންނެވެ.

"އެމެރިކަންސް ފޯ ބެޓާ ވޭ" ކަމަށް ބުނާ ބަޔަކު މެއިލްކޮށްފައިވާ ސިޓީތަކުގެ މައްސަލަ ފުލުހުން މިހާރު ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.

ކެލިފޯނިއާގެ މިސްކިތްތަކަށް ދިން އިންޒާރާ ޓްރަމްޕާ ގުޅުމެއް ހުރި ކަމުގެ ހެއްކެއް އަދި ފެންނާކަށް ނެތެވެ. އަދި މި ސިޓީތަކާ ގުޅިގެން ޓްރަމްޕުގެ ފަރާތުން ރަސްމީ ކޮމެންޓެއް ވެސް ކޮށްފައެއް ނުވެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާ އަށް ވަންނަ މުސްލިމުން މަނާކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެފްބީއައި އިން މި މަހު ބުނެފައި ވަނީ އެމެރިކާގެ މުސްލިމުންނާ ދެކޮޅު ކުށްތައް، ސެޕްޓެމްބަރު 11، 2001 އަށް ފަހު އެންމެ ބޮޑަށް އިތުރުވެފައި ވަނީ މިދިޔަ އަހަރު ކަމަށެވެ. އެފްބީއައިގެ ޑޭޓާ ދައްކާ ގޮތުން މުސްލިމުންނާ ދެކޮޅަށް މިދިޔަ އަހަރު ވަނީ 257 ކުށެއް ރިޕޯޓްކޮށްފަ އެވެ. މިއީ އޭގެ ކުރީ އަހަރާ ބަލާއިރު 67 ޕަސެންޓް އިތުރު އަދަދެކެވެ.

މުސްލިމް ކައުންސިލުން ބުނީ ރިޔާސީ އިންތިޚާބަށް ފަހު މުސްލިމުންނާ ދެކޮޅަށް 100 އަށް ވުރެ ހާދިސާ ހިންގާފައިވާ ކަމަށެވެ.