16 އޯގަސްޓް 2021 - 19:30

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިނގިރޭސިވިލާތުގައި ނުރަސްމީ ބައްދަލުވުމެއް ބާއްވަވައިފި އެވެ.
މިއީ މެއި 6، 2021 ގެ ޓެރަރިސްޓް ހަމަލާއަށް ފަހު ބޭސް ފަރުވާއަށް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތް ފަހުން މި ސަރުކާރުގެ ވަޒީރަކާ ބައްދަލުވި ފުރަތަމަ ފަހަރެވެ.
އެ ބައްދަލުވުމުގެ ފޮޓޯއެއް ޓުވީޓު ކުރައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ރަހުމަތްތެރިޔާ އަދި އދ. ގެ ޖެނަރަލް އެސެމްބްލީގެ ވެސް ރައީސް، ޝާހިދު އާ ބައްދަލު ކުރެއްވުމަކީ ލިބިވަޑައިގަތް އުފަލެއް ކަމަށެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ޝާހިދު ވެސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ނަޝީދު ފަރާތްޕުޅުން ދައްކަވާ ހިތްވަރާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް، ކާރުކޮޅު ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ބަޔަކު ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު މޭ 13 ވަނަ ދުވަހުން ފެށިގެން އެ މަނިކުފާނު އުޅުއްވީ ޖަރުމަނުގަ އެވެ. އޭގެ ފަހުން ގިނަ ޒަހަމްތަކުން ފަސޭހަވުމަށް ފަހު މިދިޔަ މަހު ވަނީ އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ފުރައިވަޑައިގެންފަ އެވެ.
އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް ރާއްޖެއަށް އެނބުރި ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު މިއަދު މަޖިލީހަށް ފޮނުވި ސިޓީއެއް މެދުވެރިކޮށް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވާ ވަޒީރަކާ ނަޝީދު މިއަދު ބައްދަލު ކުރެއްވިއިރު، އެމަނިކުފާނު ވަނީ ރައީސް އާއެކު ސިޔާސީ މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީޕީއެމް އާއެކު ކޯލިޝަނެއް ހަދައިގެން ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅު ވަނީ ނަޝީދު ވީހާ ވެސް އަވަހަކަށް ރާއްޖެ ވަޑައިގަނެވޭނެ ގޮތެއް ވުމެވެ. އަދި ނަޝީދުގެ ހަމަލާއާ ގުޅިގެން 241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓުގައި ފާހަގަ ކުރި ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.