16 އޯގަސްޓް 2021 - 16:46

ކުއާލަ ލަމްޕޫރު (އޮގަސްޓް 16) - މެލޭޝިއާގެ ބޮޑުވަޒީރާއި ސަރުކާރު 17 މަސް ދުވަހަށް ފަހު އެންމެ ފަހުން މިއަދު އިސްތިއުފާ ދީފި އެވެ.
ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ސަރުކާރު އިސްތިއުފާ ދޭން ޖެހުނީ ކޯލީޝަނުގެ ބައިވެރިންގެ ތާއީދު އަނބުރާ ގެންދިއުމުންނެވެ. މުހްޔިއްދީން ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ސަރުކާރު ސަލާމަތް ކުރެވޭތޯ މަސައްކަތްކުރައްވައިފަ އެވެ. ބޮޑުވަޒީރު ޔާސީން އަކީ މެލޭޝިއާގެ ތާރީޚުގައި ވެސް އެންމެ ކުރު މުއްދަތެއްގައި ވެރިކަން ކުރެއްވި ބޭފުޅާ އެވެ.
ކެބިނެޓުގެ ބައްދަލުވުމަކަށް ފަހު އުމުރުނ 74 އަހަރުގެ ބޮޑުވަޒީރު ވަނީ އިސްތިއުފާގެ ސިޓީ ރަސްގެފާނަށް ހުށަހެޅުމަށް ގަނޑުވަރަށް ވަޑައިގެންފަ އެވެ. މި ބައްދަލުވުމަށް ފަހު ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރަސްގެފާނު މިހާރު ވަނީ މުހްޔިއްދީންގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވައިފަ އެވެ. އެހެން ނަމަވެސް، ކޮވިޑް ވަބާގެ ތެރޭގައި ގައުމު އޮތް މިދަނޑިވަޅުގައި އާންމު އިންތިހާބެއް ބޭއްވުމަކީ އެހާ ބުއްދިވެރި ކަމެއް ނޫން ކަމަށް ރަސްގެފާނު ދެކެވަޑައިގަންނަވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސައެންސް މިނިސްޓަރު ޚައިރީ ޖަމާލުއްދީން ވަނީ މުޅި ކެބިނެޓް އިސްތިއުފާ ދެއްވިކަން ޔަގީން ކޮށްދެއްވައިފަ އެވެ.
ބޮޑުވަޒީރު އިސްތިއުފާ ދެއްވި ނަމަވެސް ގައުމުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން އަވަސް އިންތިޚާބެއް ބޭއްވިދާނެ ކަމަކަށް ނުބެލެވެ އެވެ. ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތް ބޭފުޅަކަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ހަވާލު ކުރުމުގެ ބާރު ގާނޫނު އަސާސީން ވަނީ ރަސްގެފާނަށް ދީފަ އެވެ. މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް މުހްޔިއްދީން މިދިޔަ އަހަރުގެ މާޗް މަހު ވަޑައިގެންނެވީ ވެސް އިންތިޚާބަކާ ނުލަ އެވެ. އޭނާ އަށް ވެރިކަން ލިބިވަޑައިގެންނެވީ ގިނަ ޕާޓީތަކެއް ގުޅިގެން އުފެއްދި ސަރުކާރުގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތްކަން ރަސްގެފާނަށް ޔަގީންކޮށްދިނުމުންނެވެ.
މެލޭޝިޔާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދަށަށް ދިޔުމަށް ފަހު، މި އަހަރުގެ މާޗް މަހުން ފެށިގެން އަނެއްކާ ވެސް އެ އަދަދުތައް ވަނީ އިތުރުވާން ފަށައިފަ އެވެ.
މާޗް 2020 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުހްޔިއްދީންގެ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި ފެއިލްވެފައިވާ ކަމަށްބުނެ، މުހްޔިއްދީން އިސްތިއުފާ ދިނުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ގޮވާލަމުން ދާތާ ކިތަންމެ މަހެއް ވެއްޖެ އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވީ އެވެ.
މުހްޔިއްދީންގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ބައެއް މެމްބަރުން، ސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް، މި މަހުގެ ކުރީކޮޅު ބުނަން ފެށުމާ ގުޅިގެން، ސަރުކާރާ މެދު އިތުބާރު އޮތްތޯ ބެލުމުގެ ވޯޓެއް، މި މަހުގެ ފަހުކޮޅު ނަގާނެ ކަމަށް، އޮގަސްޓް 4 ވަނަ ދުވަހު މުހްޔިއްދީން ވިދާޅުވި އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ، ބޮޑުވަޒީރުގެ ނައިބު އިސްމާއީލް ސަބްރީ ޔައުގޫބް ނުވަތަ ޓެންގްކޫ ރަޒާލިޔާ ހަމްޒާ އެވެ. އެއިން ބޭފުޅަކު ވެރިކަން ކުރާ އުމްނޯ ޕާޓީގެ ލީޑަރުގެ މަގާމަށް ހަމަޖެހިއްޖެ ނަމަ، ސަރުކާރު އެކުވައިލެއްވުމުގެ ދައުވަތު ލިބިވަޑައިގަތުން އެކަށީގެންވެ އެވެ. ބޮޑުވަޒީރުގެ ކުރީގެ ނައިބް އަންވަރު އިބްރާހިމަށް ވެރިކަން ލިބިވަޑައިގަތުމަކީ ވެސް ދުރު ކަމެއް ނޫނެވެ.