16 އޯގަސްޓް 2021 - 17:14

އިންތިގާލީ އިންސާފުގެ އޮފީހަށް މިދިޔަ މަހެއްހާ ދުވަހު 105 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ މަސައްކަތް ކުރުމުގެ ހައްގާ ގުޅޭ މައްސަލަތައް ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން މައްސަލަ ހުށަހެޅުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖޫން 13 އިން ޖުލައި 13 ވަނަ ދުވަހަށެވެ. އެއީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ނުވަތަ މަސައްކަތް ކުރަމުން އަންނަ މީހެއްގެ ކިބައިން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ ޖުލައި 14 އިން އޮގަސްޓު 12 ގެ ނިޔަލަށް މައްސަލަ ހުށަހަޅަން ހުޅުވާލުމުން މަސައްކަތްކުރުމުގެ ހައްގާ ގުޅޭ 44.80 ޕަސެންޓް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި 40 ޕަސެންޓް ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތައް ހުށަހެޅިއިރު ގާނޫނާ ހިލާފަށް ހައްޔަރުކުރުމާ ގުޅޭ 11.40 ޕަސެންޓް މައްސަލަ ހުށަހެޅި ކަމަށް ބުންޏެވެ.
އެ އޮފީހަށް ޕެންޝަން ލިބުމުގެ ހައްގާއި މުދާ ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭ މައްސަލަތަކެއް ވެސް ހުށަހަޅާފައިވެ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅަން އެންމެ ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެންމެ ގިނަ ބަޔަކު ހުށަހެޅީ ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ. އެއީ އެ އޮފީހަށް ހުށަހެޅި 59 މައްސަލައިގެ ތެރެއިން 54 މައްސަލަ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނު މި ސަރުކާރުގައި ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގްސަދުގަ އެވެ. މި އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމަންޖެހެ އެވެ.