ކާބުލް ވައިގެ ބަނދަރުގައި ހަމަނުޖެހުން އުފެދިއްޖެ
ކާބުލް ވައިގެ ބަނދަރުގައި ހަމަނުޖެހުން އުފެދިއްޖެ

އަފްގާނިސްތާނުގައި ތިބި ހުޅަނގުގެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި ރައްޔިތުން އެ ގައުމުން ބޭރަށް ގެންދިއުމަށް، މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ބަޔަކު ޖަމާވެ، އެ ތަނުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މީހުން މަރުވެއްޖެ އެވެ.

ހުޅަނގުގެ ޑިޕްލޮމޭޓުން އަފްގާނިސްތާނުން ބޭރުކުރާ އިރު، ތަރުޖަމާނުންގެ ގޮތުގަ އާއި އެހެން ގޮތްގޮތުން އެމެރިކާ އާއި ނޭޓޯ ސިފައިންނަށް އެހީތެރިވެދިން އަފްގާނިސްތާނުގެ ރައްޔިތުންވެސް، ރައްކާތެރިކަމާ އެކު އަފްގާނުން ބޭރުކޮށްދޭނެ ކަމަށް އެ ގައުމުތަކުން އޮތީ ބުނެފަ އެވެ. އެހެންކަމުން، ހުޅަނގުގެ ޑިޕްލޮމޭޓުންނާއި ރައްޔިތުން އެގައުމުން ބޭރު ކުރުމަށް، އެމެރިކާ އާއި އިނގިރޭސި ސިފައިން އިއްޔެ މަސައްކަތް ފެށުމާ އެކު، ގިނަ އަދަދެއްގެ ބަޔަކު ކާބުލްގެ ވައިގެ ބަނދަރަށް ޖަމާވި އެވެ.

ތާލިބާނުންނަށް ބާރު ލިބުމާ އެކު، ގިނަ އަދަދެއްގެ އާންމުން އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވަނީ، 1996-2001 އަށް ތާލިބާނުން އެ ގައުމުގައި ވެރިކަން ކުރި އިރު، ތާލިބާނުންގެ ފަރާތުން ކުރިމަތިވި އަނިޔާވެރިކަން ތަކުރާރުވެދާނެ ކަމުގެ ބިރު އުފެދިފައިވާތީ އެވެ.

ތާލިބާނުންގެ ވެރިކަން އޮތް އިރު، އިސްލާމީ ޝަރީއާ ތަންފީޒުކުރަން ކަމަށް ބުނެ، އިންސާނީ އަސާސީ ބައެއް ހައްގުތައް ވެސް އޭރު އޮތީ ހިފަހައްޓައިފަ އެވެ. އެ ގޮތުން އަންހެނުން ވަޒީފާ އަދާކުރުން މަނާ ކުރުމާއި، އަންހެނުންނަށް ކިޔަވައިދިނުން ހުއްޓާލައި، އަންހެން ކުދިން ސްކޫލް މަދަރުސާތަކަށް ފޮނުވުން ވެސް އޮތީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، އެކި ކަންކަމުގައި މަރުގެ އަދަބު ދިން ވެސް އޭރު އޮތީ އާންމު ކަމަކަށް ހަދައިފަ އެވެ.

ކާބުލްގެ ވައިގެ ބަނދަރުގައި މިހާރު ހިނގަމުންދާ ކަންތަކާ ބެހޭ ގޮތުން، މަންޒަރު ދުށް މީހަކު ބީބީސީ އަށް ކިޔައިދިން ގޮތުގައި، ފުރަން ތައްޔާރުވެފައި އޮތް މަތިންދާބޯޓަކަށް އަރަން އުޅުނު މީހުންތަކެއްގެ ތެރެއިން، މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު ނެރެގެން އެއްގަމު އުޅަނދަކަށް އަރުވާ މަންޒަރު ފެނުނެވެ.

ރޮއިޓާސް ނޫސް އޭޖެންސީން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު އެއަށް ވުރެ ގިނަވާނެ އެވެ. މަންޒަރު ދުށް މީހަކާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި ފަސް މީހެއްގެ ހަށިގަނޑު އެއްގަމު އުޅަނދަކަށް އަރުވާ މަންޒަރު ފެނުނެވެ. ނަމަވެސް އެމީހުން މަރުވީ ބަޑީގެ ހަމަލާތަކެއްގައި ކަމެއް ނުވަތަ، ބޯޓަށް އަރަން އުޅުމުގެ ތެރޭގައި ފިތި ބާރުވެގެން ކަމެއް ނޭނގެ އެވެ.

ހުޅަނގުގެ ޑިޕްލޮމޭޓުން ގޮވައިގެން މިއަދު ހެނދުނު ފުރަން ތައްޔާރުވެފައި އޮތް އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކަށް އެރުމަށްޓަކައި، ބަޔަކު ބޯޓާ ދިމާއަށް ދުވެފައި ދާން ފެށުމުން، އެ މީހުން މައިތިރި ކުރުމުގެ ގޮތުން، އެމެރިކާ ސިފައިން ވައިގެ ތެރެއަށް ބަޑިޖެހި އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމެރިކާ ސިފައިން ބުނެ އެވެ.

ހުޅަނގުގެ ރައްޔިތުން އަފްގާނިސްތާނުން ބޭރު ކުރުމަށްޓަކައި، އެމެރިކާ ސިފައިން ވަނީ ކާބުލްގެ ވައިގެ ބަނދަރު އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ވައިގެ ބަނދަރުގެ ކޮންޓްރޯލް ޓަވަރު ވެސް މިހާރު ހިންގަމުން އަންނަނީ އެމެރިކާ ސިފައިންނެވެ.

މީހުން ބޭރުކުރުމަށް ފަށާފައިވާ އަސްކަރީ ހަރަކާތް، ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އިތުރަށް ފުޅާކުރަން ޖެހިފައިވާތީ، އެ މަސައްކަތުގައި އުޅޭ ސިފައިންގެ އަދަދު 6000 އަށް އިތުރުކުރުމަށް އެމެރިކާ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. ކުރިން އެކަމަށް ކަނޑައެޅި އަދަދަކީ 5000 ސިފައިންނެވެ.

ވައިގެ ބަނދަރުގެ ތެރޭގައި މީހުން ތޮއްޖެހި ހަމަނުޖެހުން ހިނގަމުން ދާތީ، ފުރަން ބޭނުންވެފައި ތިބި އެމެރިކާ ރައްޔިތުން ވެސް މިވަގުތު ކާބުލްގެ ވައިގެ ބަނދަރަށް ނުދިޔުމަށް ވަނީ އަންގައިފަ އެވެ. ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީން ޓުވިޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވައިގެ ބަނދަރަށް ދާނީ، އެކަން ކުރުމަށް އެމްބަސީގެ ފަރާތުން އެންގުމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން، ކާބުލްގެ ވައިގެ ބަނދަރުގައި ޕާކް ކޮށްފައި ހުރި ބައެއް މަތިންދާބޯޓުތަކަށް އެރުމަށް ގިނަ އަދަދެއްގެ ބަޔަކު ދުވާ މަންޒަރު ފެނެ އެވެ. ވައިގެ ބަނދަރުގައި މަތިންދާބޯޓުތައް ޕާކް ކޮށްފައި އޮތް ސަރަހައްދަށް މީހުން ވަނަނުދިނުމަށްޓަކައި، ކަށިނަރު ދަމާފައިވާ އިރު، ކަށިނަރުތަކުގެ ބިއްދޮށުގައި ގިނަ އަދަދެއްގެ އާންމުން އެއްވެފައި އެބަ ތިއްބެވެ.