ޓީބިލް ވިއްކުމުގެ އިދާރީ ކަންކަން ފިނޭންސް އަށް
ޓީބިލް ވިއްކުމުގެ އިދާރީ ކަންކަން ފިނޭންސް އަށް

ކުރިން އެމްއެމްއޭގެ ދަށުން ކުރަމުން އައި ޓީބިލާއި ބޮންޑު ވިއްކުމުގެ އިދާރީ ހުރިހާ މަސައްކަތް ފިނޭންސް މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިބަދަލު ގެނެސްފައި ވަނީ ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ ލަފާގެމަތިން ފިނޭންސް މިނިސްޓްރީން ގެނައި ބަދަލެކެވެ.

ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ފައިސާ ޗާޕްކުރުމުގެ ބަދަލުގައި، ސެކިއުޓީ މާކެޓު ތަރައްގީކުރުމަށާއި، ދަރަނީގެ ޕޯޓްފޯލިއޯ ޑައިވާސިފައި ކުރުމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. ހަމައެކަނި ކޮންވެންޝަނަލް އުސޫލުން ފައިސާ ހޯދުމުގެ ބަދަލުގައި ފިނޭންސް އިން އަންނަނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ވެސް ފައިނޭންސް ހޯދަމުންނެވެ.

ދައުލަތުން ޓީބިލާއި ބޮންޑް ފުރަތަމަ ތައާރަފް ކުރީ ސެޕްޓެމްބަރު 10، 2006 ގަ އެވެ. މިކަން ކުރުމަށް މިނިސްޓްރީގައި އެކަށީގެންވާ ވަސީލަތާއި ފަންނު ނެތުމުން، އެކަން ހަވާލުކުރީ ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއަށެވެ.

އެމްއެމްއޭއިން ވަނީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އޭޖެންޓެއްގެ ހައިސިއްޔަތުން ޓީބިލް އަދި ބޮންޑުވިއްކުމުގެ އިދާރީ މަސައްކަތްތައް ކޮށްފަ އެވެ.

ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ އިދާރީ މަސައްކަތް މިނިސްޓްރީން ކުރަން ފެށި ނަމަވެސް އެމްއެމްއޭ އާ އެކު އިގްތިސާދު ހަރުދަނާ ކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ދައުލަތުގެ ސެކިއުރިޓީތަކުގެ ރެގިއުލޭޓަރަކީ އެމްއެމްއޭ އެވެ. އެހެން ކަމުން ޓީބިލާއި ބޮންޑުގެ ސެޓްލްމަންޓް ވެސް ހިންގާނީ މަރުކަޒީ ބޭންކުންނެވެ.