ޔޫރަޕުގެ ޓީޓީ ތަރި ޖިއޯނިސް ދިވެހި ކުޅުންތެރިންނާ އެކު އިވެންޓެއް
ޔޫރަޕުގެ ޓީޓީ ތަރި ޖިއޯނިސް ދިވެހި ކުޅުންތެރިންނާ އެކު އިވެންޓެއް

ޔޫރަޕުގެ ޓޭބަލް ޓެނިސް ތަރި، ޕެނަޖިއޯޓިސް ޖިއޯނިސް ދިވެހި ޓީޓީ ކުޅުންތެރިންނާ އެކު އިވެންޓެއް ބާއްވަން ޓީޓީ އެސޯސިއޭޝިއަނުން ތާވަލް ކޮށްފި އެވެ.

ޔޫރަޕުގެ ރޭންކިންގެ 21 ވަނަ ޖެއޯނިސް ޗުއްޓީ ހޭދަކުރުމަށް މިހާރު ހުރީ ރާއްޖޭގަ އެވެ. އޭނާ ވަނީ ފަސް ފަހަރު އޮލިމްޕިކްސްގައި ވާދަކޮށްފަ އެވެ. އަދި 2024 ގައި ޕެރިހުގައި ބާއްވާ އޮލިމްޕިކުސްގައި ވެސް އޭނާ ކުޅޭނެ އެވެ.

ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް، އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި ޖިއޯނިސްއާ އެކު ދިވެހި ކުޅުންތެރިން ގެންދާ އިވެންޓުގައި އޭނާއާ އެކު ކުޅުމުގެ ފުރުސަތާއި އޭނާގެ ތަޖުރިބާ ކުޅުންތެރިންނަށް ކިޔައި ދޭނެ އެވެ.

"މިއީ ރާއްޖޭގެ ޓީޓީ އަށް ލިބޭނެ ރަނގަޅު އެކްސްޕޮޝާއެއް،" ޝިއުރީ ވިދާޅުވި އެވެ. "މި ފެންވަރުގެ ކުޅުންތެރިޔަކު ރާއްޖޭގެ ޓިޓީ ހޯލަށް އައިސް ދިވެހި ކުޅުންތެރިންނާ އިންޓަރެކްޓިވް ސެޝަނެއް ކުރިއަށް ގެންދިއުމަކީ ދިވެހި ކުޅުންތެރިންނަށް ވެސް ރަނގަޅު ތަޖުރިބާއަކަށް ވާނެ."

މިއަދު މެންދުރު ފަހު ކުރިއަށް ގެންދާ ސެޝަން އޮންނާނީ ހުޅުމާލޭގައި ހުންނަ އިންޑޯ ޓީޓީ ހޯލްގަ އެވެ. ޖިއޯނިސް ވަނީ ޔޫރަޕުގެ ގިނަ ގައުމުތަކުގެ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބުތައް ހޯދައިފަ އެވެ. ދުނިޔޭގެ 41 ގައި މި ވަގުތު ރޭންކޮށްފައިވާ ޖިއޯނިސް އަކީ ޑެންޓިސްޓެކެވެ. ރާއްޖޭގެ ގައުމީ ޓީޓީ ކޯޗަކީ، ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޯލޫސް އެވެ.