ފްލެޓްގެ މައްސަލައިގައި ޔޫނިއަންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި
ފްލެޓްގެ މައްސަލައިގައި ޔޫނިއަންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތައް ލިބުނު މީހުންނާ މެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު ހިޔާ ފްލެޓް ޔޫނިިއަނުގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި އެވެ.

އެ ޔޫނިއަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މަހުގެ 11 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފްލެޓްގެ އިންޓީރިއާ ފިނިޝިން ނިންމުމަށް "އިތުރު" ތިން މަސް ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އެކަމަކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެންމެ ފަހުން ދެއްވި އިންޓަވިއުގައި ވިދާޅުވި ގޮތުގައި އަގު ނުނަގާ ގޮތަށް ފިނިޝިން ނިންމުމަށް ލިބޭނީ ސެޕްޓެމްބަރު 1 އިން ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެގޮތަށް ބަލައި ނަމަ، ރައީސް ވިދާޅުވި ގޮތަށް އިތުރު ތިން މަހެއް ނުލިބެ އެވެ.

"މިފަދަ ގޮތަކަށް މީޑިއާގައި ވާހަކަފުޅު ދައްކަވައި ފްލެޓް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދެއްވުމަކީ މި ޔޫނިއަންގެ ފަރާތުން އެކަމާ ހިތާމަކުރާކަމެކެވެ." ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ޔޫނިއަންގެ އަނެއް ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުންތަކާ އެކު މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް މިހާތަނަށް ވެސް ރަސްމީ ޖަވާބެއް ސަރުކާރުންދީފައި ނުވުމެވެ. ޔޫނިއަނުން ބުނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވިސްނުމެއް ނެތި ސަރުކާރުން ޖަވާބުދިނުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެކަން ކުށްވެރިކޮށް ބަޔާނުގައި ފާހަގަކުރި އަނެއް ކަންބޮޑުވުމަކީ ބޭންކުން ދޫކުރާ ހޯމް އިމްޕްރޫވްމަންޓް ލޯނަކީ ހިޔާ ފްލެޓްތަކަށް ހާއްސަ ލޯނެއް ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ ލޯނަށް ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.

ހޯމް އިމްޕްރޫވްމަންޓް ލޯނަކީ ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފްލެޓް/ އެޕާޓްމަންޓް މަރާމާތުކޮށް އަދި އެތަނަށް ބޭނުންވާ އެހެނިހެން ތަކެތި ގަތުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނަށް ފްލެޓް ލިބުނު ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ޔޫނިއަންގެ ފަރާތުން ބޭންކުގެ ލޯނު ޑިޕާޓްމަންޓާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށާއި އެކަމަކު އެކަމަށް ވެސް ހައްލެއް ނުލިބުނު ކަމަށް ބުންޏެވެ.

ޔޫނިއަނުން ބުނި ގޮތުގައި ފްލެޓް ލިބުނު ފަރާތްތަކަށް ލުއި އިންތިޒާމުތަކެއް ހޯދައިދިނުމަށް ގުޅުންހުރި ވުޒާރަތަކުން އެއްވެސް މަަސައްކަތެއް ކުރަމުންދާކަން ޔޫނިއަނަށް ފާހަގައެއް ވެސް ނުކުރެވެ އެވެ. އަދި ފްލެޓް ލިބުނު މީހުންނަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ފެންނަނީ ތަފާތު އުޒުރުތައް ދައްކައި ފްލެޓް ލިބުނު މީހުންނަށް އިތުރު ތަކްލީފު ޖައްސާތަން ކަމަށް ބުންޏެވެ.

ހިޔާ ޔޫނިއަނުން ވަނީ ފްލެޓްތަކުގެ ކުލި ކުޑަކުރެވެން ނެތް ކަމަށް ސުހައިލް ވިދާޅުވެފައިވާތީ އެއީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް ބުނެފަ އެވެ. އެގޮތުން ސަރުކާރަށް ކުރިމަތިވެދާނެ މާލީ ބުރައަކަށް ބަލައި ސަލާމަތްވުމަށް ސޯޝަލް ހައުސިންގެ ގޮތުގައި ތައްޔާރުކުރި ފްލެޓްތަކަކުން އިންޓީރިއާ އެއްވެސް މަސައްކަތެއް ނުކޮށް، ފްލެޓް ލިބުނު މީހުންނަށް ބުރަ ޖެއްސުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

އެ ޔޫނިއަނުން ބުނީ މަހު ކުލީގެ ގޮތުގައި 5،600ރ. ހެދުމަށް ކުރަންޖެހޭ އިދާރީ އަދި ފައިސާ މެނޭޖްކުރުމުގެ އިންތިޒާމުތަކަކީ ދައުލަތުގެ ކަމާއި ގުޅުންހުރި ވުޒާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އެކަންކަން ކޮށް އިންތިޒާމުތައް ފަހިނުކޮށްދެވުމަކީ ވުޒާރާތަކުގެ ނާގާބިލްކަމެވެ. އެހެންކަމުން، ކުއްޔާއި ގުޅޭ ގޮތުން މިފަދަ ވާހަކަތައް ފަތުރައި ފްލެޓްތަކުގެ ވެރިންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ނުރުހުން އުފައްދައި ޖަޒުބާތުތަކާ ކުޅެ ނުހެދުމަށް ގުޅުންހުރި އިދާރާތަކަށް މި ޔޫނިއަންގެ ފަރާތުން އިލްތިމާސްކުރަމެވެ." ހިޔާ ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހިޔާ ޔޫނިއަނުން އެދިފައި ވަނީ ރައީސަށް ހުށަހެޅި ޕެޓިޝަނާ އެއްގޮތަށް 5،600ރ. އަށް މަހު ކުލި ކުޑަކޮށްދީ ގްރޭސް ޕީރިއަޑް 12 މަސް ދުވަހަށް އިތުރުކޮށް، އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ހަރަދަށް ބަލައި އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށެވެ.

ހިޔާގެ ދަށުން އެޅި 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މާދަމާ އަކީ ފްލެޓްތަކަށް ކަރަންޓު ގުޅައި ނިމޭނެ ކަމަށް ބުނި ތާރީހެވެ.