އެމްޕީއެލް އިން ފައިސާ ބަލައިގަތުން ޑިޖިޓަލްކޮށް
އެމްޕީއެލް އިން ފައިސާ ބަލައިގަތުން ޑިޖިޓަލްކޮށް

މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ހޯދާ ހިދުމަތްތަކަށް ޑިޖިޓަލް ކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަމަޖައްސައިފި އެވެ.

އެ ކުންފުނީގެ އޮންލައިން ޕޯޓަލް "މައި ބަނދަރު" މެދުވެރިކޮށް ޑިޖިޓަލް ފައިސާ ދެއްކޭ ގޮތް އިއްޔެ ވަނީ ހަމަޖައްސައިފަ އެވެ.

މި ބަދަލާ އެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދޭ މާލީ ހިދުމަތްތައް އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބަދަލު ގެނެސްފައިވަނީ ރާއްޖޭގެ އިގުތިސާދުގައި ޗެކާއި ނަގުދު ފައިސާ އަށް އާންމުން ބަރޯސާވާ މިންވަރު ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުމާއި ވެސް ގުޅިގެން ކަމަށް އެމްޕީއެލް އިން ބުންޏެވެ. ފިނޭންސް މިނިސްޓްރީން އަންގާފައިވަނީ ފައިސާ ބަލައިގަތުމުގައި ޑިޖިޓަލް/އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރުމަށެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެން ހުންނަ ހިދުމަތްތަކަށް އެ ކުންފުނީގެ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށްގެން ފައިސާ ބަލައިގަތުން އިއްޔެ އިން ފެށިގެން ވަނީ ހުއްޓާލާފައި އެވެ. ޕޯޓަލް މެދުވެރިކޮށް ދައްކަމުންދާ ފައިސާ ދެއްކި ކަމުގެ ސްލިޕް ކޮޅު ޕޯޓަލް އިން ފެންނަން ހުންނާނެ އެވެ.

އޮންލައިން ޕޯޓަލް އިން ފޯރުކޮށްދޭ ހިދުމަތްތައް ފިޔަވައި އެ ކުންފުނިން ދެމުން އަންނަ އެހެން ހިދުމަތްތައް ހޯދާފަރާތްތަކާއި އަދި ބޯޓުފަހަރުގެ އެޖެންޓުން ފައިސާ ދެއްކުމަށް އަމަލު ކުރާނީ މިހާރުވެސް އަމަލު ކުރަމުންދާ އުސޫލު ތަކަށެވެ.

ފައިސާ ދެއްކުމަށް އެ ކުންފުނިން ގެނައި މި ބަދަލާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް 7226682 މޮބައިލް ނަމްބަރާ ގުޅުމުން ނުވަތަ މެސެޖު ކުރުމުން އިތުރު މައުލޫމާތު ލިބޭނެ އެވެ.