16 އޯގަސްޓް 2021 - 11:29

މިނާސް ޖެރައީސް، ބްރެޒިލް (އޯގަސްޓް 16) - ހަތް މަސް ވަންދެން އެއްވެސް ކްލަބަކާ ނުގުޅެ ހުރުމަށް ފަހު ޑިއޭގޯ ކޮސްޓާ އެންމެ ފަހުން ބްރެޒިލްގެ އެތުލެޓިކޯ މިނޭރޯ އަށް ސޮއިކޮށްފި އެވެ.
ކޮސްޓާ، 32، މިނޭރޯ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ކޮސްޓާގެ އެދުމުގެ މަތިން އެ ކްލަބުން ވަނީ އޭނާގެ ކޮންޓްރެކްޓް މިދިޔަ ޖެނުއަރީ މަހު ބާތިލުކޮށްފަ އެވެ.
ކޮސްޓާ އެންމެ ފަހުން މެޗެއް ކުޅުނީ ޑިސެމްބަރު 22، 2020 ގަ އެވެ. އެތުލެޓިކޯ އަށް މިދިޔަ ސީޒަންގައި ހަތް މެޗު ކުޅެ ދެ ގޯލް ޖެހި އެވެ. ލަ ލީގާގެ ޗެމްޕިއަންކަން އެތުލޓީކޯ ހޯދުމުން ޗެމްޕިއަނެއްގެ ގޮތުގައި ކޮސްޓާގެ ނަން ވެސް ވަނީ ލިސްޓުކޮށްފަ އެވެ.
ބްރެޒިލަށް އުފަން، ކޮސްޓާ ވަނީ އެ ގައުމުގެ ގައުމީ ޓީމަށް ދެ މެޗު ކުޅެފަ އެވެ. ނަމަވެސް އޭނާ ކުޅުނު ދެ މެޗަކީ ފީފާގެ ދެ މެޗެއް ނޫނެވެ. ފަހުން އޭނާ ވަނީ ސްޕެއިންގެ ރަށްވެހިކަން ހޯދައި އެ ގައުމުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.
ބްރެޒިލްގެ ލީގުގެ އެއް ވަނައިގައި ލީޑު ކުރަމުންދާ މިނޭރޯގެ އެޓޭކިން ފޯސް ކޮސްޓާއާ އެކު އިތުރަށް ވަރުގަދަ ވެގެންދާނެ އެވެ. އެ ޓީމުގައި މިހާރު ވެސް ބްރެޒިލްގެ ހަލްކު އާއި އެޑްއާޑޯ ޝާސާ ވެސް އެބަހުއްޓެވެ. އަދި ޗިލީގެ އެޑްއާޑޯ ވާގަސް، ވެނެޒުއޭލާގެ ޖެފާސަން ސަވާރިނޯ، އާޖެންޓީނާގެ އިގްނާސިއޯ ފެނާންޑޭޒް ވެސް ކުޅެމުންދެ އެވެ.