އެމްބެސެޑަރު ބްރޭންޑުގެ ވެޖިޓަބަލް ކްރީމް ފިޔަވައި އެހެން އެއްޗިއްސަށް ހުއްދަދީފި
އެމްބެސެޑަރު ބްރޭންޑުގެ ވެޖިޓަބަލް ކްރީމް ފިޔަވައި އެހެން އެއްޗިއްސަށް ހުއްދަދީފި

އެތިލީން އޮކްސައިޑް ހިމެނޭ ކަމަށް ބެލެވިގެން، މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން އެތެރެކުރުން މަނާކުރި "އެމްބެސެޑަރު" ބްރޭންޑުގެ "ގޯލްޑް އެންޑް ވިޕިން ކްރީމް" ގެ ދަށުން ހިމެނޭ "ވެޖިޓަބަލް ކްރީމް" ފިޔަވައި އެހެން ބާވަތްތައް ބޭނުންކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފި އެވެ.

މިމަހުގެ ފަސްވަނަ ދުވަހު އެ އޮތޯރިޓީން ނެރުނު ބަޔާނުގައިވާ ގޮތުން އެމްބެސެޑަރު ބްރޭންޑުގެ ވެޖިޓަބަލް ކްރީމް އުފައްދަން ބޭނުންކޮށްފައިވާ "ލޯކަސްޓް ބީމް ގަން" ގައި ކެމިކަލެއް ކަމަށްވާ އެތިލީން އޮކްސައިޑް ހިމެނޭ ކަމަށް ބުނެ ވިލާތުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރުއެސްއޭއެފްއެފް) އިން އެ އޮތޯރިޓީއަށް އެންގުމުން އެމްބެސެޑަރު ބްރޭންޑުގެ ކާބޯތަކެތި ރައްކާތެރިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

އެހެންވެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ވެޖިޓަބަލް ކްރީމްގެ ވިޔަފާރި ނުކުރުމަށާއި ބޭނުންނުކުރުމަށް އެ އޮތޯރިޓީން ވަނީ އޭރު އަންގައިފަ އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިއްޔެ ބުނީ އެމްބެސެޑަރު ބްރޭންޑުގެ ވެޖިޓަބަލް ކްރީމަކީ އެ ބްރޭންޑުގެ ގޯލްޑް އެންޑް ވިޕިން ކްރީމްގެ ދަށުން ހިމެނޭ ބައެއް ކަމަށާއި، އެ އުފެއްދުމުގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ މާޗް 26 އަށް ކަމަށެވެ.

އެހެންވެ ގޯލްޑް އެންޑް ވިޕިން ކްރީމްގެ ދަށުން ހިމެނޭ ވެޖިޓަބަލް ކްރީމް ފިޔަވައި އެހެނިހެން ބާވަތްތައް ބޭނުންކުރަން އެ އޮތޯރިޓީން އިން ވަނީ ހުއްދަ ދީފަ އެވެ.