ހުއްދަނެތި ޓޫރިސްޓުން ބެހެއްޓުމަކީ ހިއުމަން ޓްރެފިކިން: މައުސޫމް
ހުއްދަނެތި ޓޫރިސްޓުން ބެހެއްޓުމަކީ ހިއުމަން ޓްރެފިކިން: މައުސޫމް

ހުއްދަ ނެތި ޓޫރިސްޓުން ގެންގުޅުމަކީ ޓޫރިޒަމް ނޫން ކަމަށާއި އެއީ ހިއުމަން ޓްރެފިކިން ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މައުސޫމް މިހެން ވިދާޅުވީ ރާއްޖެ އައި ބިދޭސީންތަކަކަށް އޮޅުވާލައި، އެ މީހުން މަގުމަތިކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެކަމަށް ރައްދު ދެއްވައި މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިއުމަން ޓްރެފިކިން އާއި ޓޫރިޒަމްއާ ވަރަށް ތަފާތު ކަމަށާއި ތަންތަނުގައި ޓޫރިސްޓުން ހުއްދަ ނެތި ބޭތިއްބުމަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް ކަމަށެވެ.

"ކަމާ ގުޅޭ އިދާރާތަކުން އެފަދަ ކަންތައްތައް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ހަބަރު ލިބުމުން ކުޑަކޮން ހިތްހަމަޖެހިއްޖެ،" މައުސޫމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ހެންވޭރުގެ މަގެއްގައި ރޭ މަގުމަތިވެފައި ތިބީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައި ބައެކެވެ. އެ މީހުން ވަނީ ހޮޓަލަށް ދައްކަން ޖެހޭ ފައިސާ ކަމަށް ބުނެ އެޖަންޓަކު އެ މީހުން އަތުން ފައިސާ ވެސް ނެގި ކަމަށްވެ އެވެ.

ކުޑަކުދިންނާ އެކު އެ މީހުން ފޮށިތައް ހިފައިގެން މާލޭ މަގުމަތީގައި ތިބުމުން އާންމުން ވަނީ ފުލުހަށް ގުޅައިގެން ޝަކުވާ ހުށަހަޅައިފަ އެވެ.

ބައެއް ރަށްރަށުގެ ގެސްޓް ހައުސްތައް މި ދުވަސްވަރު ފުރިފައި ވަނީ އިންޑިއާ މަގުން އެހެން ގައުމުތަކަށް ނުދެވޭތީ ރާއްޖޭ މަގުން ދަތުރުކުރަން އަންނަ އިންޑިއާ މީހުންނާ އެކުގަ އެވެ. ގެސްޓް ހައުސްތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ގެނެސް އާންމުންގެ ގޭގޭގައި ވެސް ޓޫރިސްޓުން ބައިތިއްބާ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެކަމާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.