16 އޯގަސްޓް 2021 - 10:10

ބާސެލޯނާ (އޮގަސްޓް 16) - ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ރޭ ބާސެލޯނާ ކުޅުނު މެޗަށް ވަން ސަޕޯޓަރުންތަކެއް، ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ އާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފި އެވެ.
ސަޕޯޓަރުންގެ ރުޅިވެރިކަން ލަޕޯޓާއާ މެދު އުތުރިއެރީ، ޓީމުގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ޓީމުގައި މަޑު ކުރުމުވުގައި ލަޕޯޓާ އަށް ކާމިޔާބު ނުހޯދުމުންނެވެ. މެސީ މިހާރު ވަނީ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ބާސާގެ ޓީމުގައި މެސީ މަޑު ނުކުރެވުނީ އޭނާ އަށް ދޭން ޖެހޭ މުސާރައާ އެކު ޓީމުގެ ވޭޖް ބިލް 100 ޕެސެންޓަށް ވުރެ މަތި ވާތީ އެވެ.
ކޭމްޕް ނޯ ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ސަޕޯޓަރުން ވަނީ ބެނާތަކެއް ހަރުކޮށްފަ އެވެ. އެއް ބެނާއެއްގައި ލިޔެފައި ވަނީ ލަޕޯޓާ އަކީ ވާދަވެރި ރެއާލް މެޑްރިޑް ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އަޅެއް ކަމަށެވެ.
ލަ ލީގާގެ 10 ޕަސެންޓް ހިއްސާ ސީވީސީ ކެޕިޓަލް އަށް ވިއްކާލުމަށް އެންމެ ފުރަތަމަ ދެކޮޅު ހެއްދެވީ، ޕެރޭޒް އެވެ. އޭގެ ފަހުން ލަޕޮޓާ ވެސް ވަނީ ހިއްސާ ވިއްކާލުމަށް ދެކޮޅު ހައްދަވައިފަ އެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި ލަ ލީގާގެ 42 ކްލަބުގެ ތެރެއިން ހިއްސާ ވިއްކާލުމަށް ދެކޮޅު ހެދީ ރެއާލް އާއި ބާސާގެ އިތުރުން އެތުލެޓިކް ބިލްބާއޯ އެވެ.
"ލަޕޯޓާ، މެސީ އަށް އޮޅުވާލީ،" އެއް ބެނާއެއްގައި ލިޔެފައިވެ އެވެ.
ސީޒަންގެ ފުރަތަމަ މެޗުގައި ސޮސިއެޑާޑް އަތުން 4-2 އިން ބާސާ މޮޅުވި ނަމަވެސް އެ ޓީމުގެ ސަޕޯޓަރުން ތިބީ ޓީމުގެ މެނޭޖްމެންޓާ މެދު ހިތްހަމަނުޖެހިފަ އެވެ. ބާސާގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ މާޓިން ބްރައިތުވެއިޓް އެވެ. އަނެއް ދެ ލަނޑު ޖެހީ ޖެރާޑް ޕީކޭ އާއި ސާޖީ ރޮބާޓޯ އެވެ. ސޮސިއެޑާޑްގެ ލަނޑުތައް ޖެހީ ހުލެން ލޮބެޓޭ އާއި މިކެލް އަޔާޒަބަލް އެވެ.
ސެލްޓަ ވީގޯއާ ދެކޮޅަށް ރޭ ކުޅުނު މެޗު ޗެމްޕިއަން، އެތުލެޓިކޯ މެޑްރިޑް ކާމިޔާބު ކުރީ 2-1 އިންނެވެ. އެތުލެޓިކޯގެ ދެ ލަނޑު ވެސް ޖެހީ އޭންހަލް ކޮރެއާ އެވެ. ސެލްޓަ ވީގޯގެ ލަނޑު ޖެހީ އިއާގޯ އެސްޕަސް އެވެ.