ޔުވެންޓަސް އަށް ހިތްދަތި ރެޔެއް
ޔުވެންޓަސް އަށް ހިތްދަތި ރެޔެއް

ޖެނޯއާ، އިޓަލީ (ނޮވެމްބަރު 28) – އިޓާލިއަން ލީގުގައި ރޭ ޖެނޯއާ އަތުން 3-1 އިން ޗެމްޕިއަން ޔުވެންޓަސް ބަލިވި މެޗުގައި އެ ޓީމުގެ ޑެނީ އަލްވެސް އާއި ލިއޮނާޑޯ ބޮނޫޗީ އަށް އަނިޔާވުމާ ގުޅިގެން ކޯޗު މަސިމޯ އެލެގްރީ އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބްރެޒިލްގެ ފުލްބްކް އަލްވެސްގެ ވާތު ފައިގެ ކަށިގަނޑެއްގައި ރެނދުލާފައިވާއިރު އޭނާ ދެ މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އިތުބާރު ޑިފެންޑަރު ބޮނޫޗީގެ ފަލަމަސްފަނޑަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އެނގޭނީ މިއަދު ހަދާ ޓެސްޓްތަކަށް ފަހު އެވެ. މުހިއްމު ދެ ޑިފެންޑަރުންނަށް އަނިޔާވެފައިވާއިރު ސެންޓްރަލް ދެ ޑިފެންޑަރުން ކަމަށްވާ އަންދްރޭ ބަރްޒާލީ އާއި ޖޯޖިއޯ ކިއެލީނީ އަށް ވެސް ވަނީ އަނިޔާވެފަ އެވެ. މީގެ ތެރެއިން ބަރްޒާލީގެ ކޮނޑުހުޅު ނެއްޓި މި އަހަރު ދެން ކުޅުމުގެ ފުރުސަތު ނެތްއިރު ކިއެލީނީގެ އުޅެނީ ފަލަމަސްގަނޑުގެ އަނިޔާއެކެވެ.

މީގެ އިތުރުން ޔުވެންޓަސްގެ ކްރޮއޭޝިއާ ފޯވާޑް މާކޯ ޔަކާ އާއި އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑީބަލާ ވެސް ތިބީ އަނިޔާގަ އެވެ.

ރޭގެ މެޗުން ޔުވެންޓަސް ބަލިވުމާ އެކު، އެ ޓީމަށް ވަނީ ތާވަލުގެ އެއް ވަނައިގައި ތަފާޑު ބޮޑުކުރަން ފުރުސަތު ގެއްލިފަ އެވެ. އެ ޓީމު 33 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ހަތަރު ޕޮއިންޓް ފަހަތުން ދެ ވަނައިގައި 29 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ރޯމާ އެވެ. ތިން ވަނައިގައި އޮތީ 29 ޕޮއިންޓާ އެކު އޭސީ މިލާނެވެ.

ރޭ ޔުވެންޓަސް ކޮޅަށް ޖެނޯއާގެ ފުރަތަމަ ދެ ގޯލް ޖެހީ އެތުލެޓިކޯ މެޑްރިޑުގެ އާޖެންޓީނާ ކޯޗު ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު ޖިއޮވާނީ ޕަބްލޯ ސިމިއޯނީ އެވެ. ތިން ވަނަ ލަނޑަކީ ޔުވެންޓަސްގެ އެލެކްސް ސެންޑްރޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޔުވެންޓަސްގެ ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅު ޖެހީ މިރެލަމް ޕިޔަނިޗެވެ.