ކުރިމަތިލުމަކަށް ހިނގައްޖިއްޔާ ބޮޑު ލޭއޮހޮރުވުމަކަށް ހިނގައިދާނެ: ޣަނީ
ކުރިމަތިލުމަކަށް ހިނގައްޖިއްޔާ ބޮޑު ލޭއޮހޮރުވުމަކަށް ހިނގައިދާނެ: ޣަނީ

ގައުމު ދޫކުރައްވައި ވަޑައިގަތީ އެހެން ގޮތެއް ނެތިގެން ކަމަށާއި ތާލިބާނުންނާ ހަނގުރާމަ ކުރަން ގަސްތުކޮށްފިނަމަ ބޮޑު ލޭއޮހޮރުވުމަކަށް ހިނގައިދާނެ ކަމަށް، އަފްގާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ވިދާޅުވެއްޖެ އެވެ.

ރައީސް ޣަނީ އަފްގާނިސްތާނު ދޫކުރައްވައި ވަޑައިގަތީ އުޒުބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓަށް ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ގައުމުން ބޭރަށް ވަޑައިގަތުމަށް ފަހު ފޭސްބުކްގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި، ގައުމު ދޫކުރައްވައި ވަޑައިގަތީ، މަގާމުގެ ދިފާއުގައި އިތުރަށް ހަނގުރާމަކުރަން ގަސްދު ކޮށްފިއްޔާ، ބޮޑު ލޭއޮހޮރުވުމެއް ހިނގައިފާނެތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމު ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތީ، ތާލިބާނުންގެ ފިއްތުންތަކުގެ ކުރިމަތީގައި އިތުރު ގޮތެއް ނެތުމުންނެވެ. ސަބަބަކީ ތާލިބާނުން ކާބުލް ވަށައިލީ، ކޮންމެ ގޮތަކުން ވިޔަސް އޭނާ މަގާމުން ދުރުކޮށް ސަރުކާރު ވައްޓައިލުމަށް ފަހު އަފްގާނިސްތާނުގައި ވެރިކަން ކުރުމަށެވެ.

ތާލިބާނުން ބުނި ގޮތުގައި އެޖަމާއަތުގެ ހަނގުރާމަވެރިން ކާބުލް އަށް ވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި ކާބުލް އަށް ވަންނަން ޖެހުނީ، ރަށު ތެރޭގެ ސަލާމަތީ ކަންތައް ބަލަހައްޓަން ތިބި ފުލުހުންނާއި ސިފައިން، ވަޒީފާ އާއި މަސްއޫލިއްޔަތުތައް ދޫކޮށްލާފައި، ގެތަކަށް އެނބުރި ދިއުމުން، ރަށުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ މަގްސަދުގަ އެވެ.

ބީބީސީން ރިޕޯޓްކުރާ ގޮތުގައި، އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މަގުތަކުން ރޭ ފެންނަން ތިބީ ތާލިބާންގެ ހަނގުރާމަވެރިންނެވެ.

ތާލިބާނުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގައި ތިބި ބޭރުގެ ޑިޕްލޮމޭޓުންނަށް އެއްވެސް ބިރެއް ނެތް ކަމަށާއި، އެ މީހުންގެ މަސައްކަތާއިގެން ކުރިއަށް ދެވޭނެ ކަމަށެވެ. އަދި ތާލިބާނުން ވެރިކަމާ ހަވާލުވާނީ ކުރިން ވެރިކަން ކުރި އިރު ހެދި ފަދަ ގޯސްތަކެއް ތަކުރާރު ކުރަން ނޫން ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ތާލިބާނުން ބުނި ގޮތުގައި އެޖަމާއަތުގެ މަގްސަދަކީ ބައިނަލްއަގުވާމީ މުޖްތަމައާ އެކު ރަނގަޅު ގުޅުމެއް ބޭއްވުމެވެ. އަދި އެ ގައުމުގައި އުފައްދާނީ ހަމައެކަނި ތާލިބާނުން ބައިވެރިވާ ސަރުކާރެއް ނޫން ކަމަށް ވެސް ބުނެ އެވެ.