ކަރަންގެ ދަރުމާ އަށް ވަތަނީ ފިލްމުގެ ފޯރިއެއް
ކަރަންގެ ދަރުމާ އަށް ވަތަނީ ފިލްމުގެ ފޯރިއެއް

ވަތަނީ ފިލްމުތައް ހޯދަމުން އަންނަ ކާމިޔާބީތަކާ ގުޅިގެން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަނެއްކާ ވެސް އެކަހަލަ ފިލްމަކަށް ތައްޔާރުވަމުން އަންނަ މީޑިއާތަކުން ބުނެފި އެވެ.

ކަރަންގެ ދަރުމާ އަށް ވަތަނީ ފިލްމުގެ ފޯރިއެއް
ކަރަންގެ ދަރުމާ އަށް ވަތަނީ ފިލްމުގެ ފޯރިއެއް

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފަހަރުގެ ފިލްމަކީ އިންޑިއާ އަށް އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންކަން ހޯދުމުގައި އެންމެ އިސް ރޯލެއް އަދާކުރި މަހާތުމާ ގާންދީގެ ދުވަސްވަރުގެ ފާހަގަކޮށްލެވޭ އަންހެން ޝަހުސިއްޔަތެއް ކަމަށްވާ އޫޝާ މެހެތާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭނާ އަކީ އިނގިރޭސިންނާ ދެކޮޅަށް ކުރިއަށް ގެންދިޔަ "ކްއިޓް އިންޑިއާ މޫވްމަންޓް" ގެ ވާހަކަތައް އަންޑަގްރައުންޑް ޕައިރޭޓް ރޭޑިއޯ، ކޮންގްރެސް ރޭޑިއޯ ހިންގުމުގައި އެންމެ އިސްކޮށް އުޅުނު މީހާ އެވެ. އިންޑިއާ އަށް 1947 ގައި މިނިވިންކަން ލިބި، ސަރުކާރުން ދޭން ފެށި މަތީ ޝަރަފުގެ ތެރެއިން ދެވަނަ އަށް އެންމެ މަތީ ޝަރަފު، ޕަދުމާ ވިބުޝަން ވެސް އޫޝާ އަށް ލިބިފައި އެވެ. އޭނާ މަރުވީ 2000 ވަނަ އަހަރު އެވެ.

ހަންގާމާ އިން ބުނި ގޮތުގައި އޫޝާގެ ވާހަކަ ކިޔައިދޭ ފިލްމުގެ ވާހަކަ ބިނާކުރަނީ ލިޔުންތެރިން ކަމަށްވާ އަމަތިއާ ގޮރާޑިއާ އާއި ޕްރިތޭޝް ސޮދާ ލިޔެފައިވާ ޕްލޭ "ޚާރް ޚާރް" އެވެ. އަދި މިއަށް ބިނާކޮށް ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ދަރާބް ފާރޫގީ އެވެ.

ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ 2013 ގެ "އޭކް ތީ ޑާޔަން" ގެނެސްދިން ކަންނާން އައްޔަރެވެ.

މިޑިއާތަކުން ބުނީ ދަރުމާ އިން މިހާރު އަންނަނީ ފިލްމުގެ ކާސްޓް ވެސް ފައިނަލްކުރުމުގެ މަސައްކަތްކުރަމުން ކަމަށާއި ވަރަށް އަވަހަށް މި ފިލްމު ރަސްމީކޮށް، އިއުލާންކޮށް އޭގެ ޝޫޓިން ވެސް ފަށާނެ ކަމަށެވެ.

ދަރުމާ އިން އެންމެ ފަހުން ގެނެސްދިން ވަތަނީ ފިލްމަކީ މި މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ކަރްގިލް ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަތުރާގެ ވާހަކަ ކިޔައިދޭ ފިލްމު "ޝޭރްޝާހް" އެވެ. މީގެ ޓައިޓްލް ރޯލު ކުޅުނީ ސިދާތު މަލްއުތުރާ އެވެ.

ދަރުމާ އިން ގެނެސްދީފައިވާ އިތުރު ވަތަނީ ފިލްމުތަކަކީ މިދިޔަ އަހަރު ޖާންވީ ކަޕޫރާ އެކު ގެނެސްދިން "ގުންޖަން ސަންސޭނާ: ދަ ކަރްގިލް ގާލް" އާއި އަކްޝޭ ކުމާރާ އެކު 2019 ގެ "ކޭސަރީ" ގެ އިތުރުން އާލިއާ ބަަޓާ އެކު 2018 ގެ "ރާޒީ" އެވެ.

އޫޝާގެ ވާހަކަ ފިލްމަކަށް ހަދަން ނިންމި އިރު ދަރުމާ އިން ޖޫން މަހުގެ ތެރޭގައި ވެސް ވަތަނީ ފިލްމެއް އިއުލާންކުރި އެވެ. އެއީ އިނގިރޭސީންގެ ރަސްކަމާ ދެކޮޅަށް ވަރުގަދަ ކޯޓް ކޭހެއް ކުރިއަށް ގެންދިޔަ ސީ ސަންކަރަން ނައިރްގެ ވާހަކަ ކިޔައިދޭ "ދި އަންޓޯލްޑް ސްޓޯރީ އޮފް ސީ ސަންކަރަން ނައިރް" އެވެ. މިއީ ކަރަން ސިންގް ތިއާގީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.