ވެރިކަން ބަދަލުކުރުމުގެ ވާހަކަތައް ތާލިބާނުންނާއި ސަރުކާރުން ފަށައިފި
ވެރިކަން ބަދަލުކުރުމުގެ ވާހަކަތައް ތާލިބާނުންނާއި ސަރުކާރުން ފަށައިފި

އަފްގާނިސްތާނުގެ އެކި ކަންކޮޅުތަކަށް ވެރިވެގަތުމަށް ފަހު، ވެރިރަށް ކާބުލް އަށް އަރައިގަތުމަށް ތައްޔާރުވެގެން އޮތް ތާލިބާން ޖަމާއަތުގެ އިސް ވެރިންނާއި، ސަރުކާރުގެ އިސް ވެރިންނާ ދެމެދު، އެ ގައުމުގެ ވެރިކަން ބަދަލުކުރުމުގެ މަޝްވަރާތައް މިއަދު މެންދުރު ފަހު ފަށައިފި އެވެ.

ތާލިބާންގެ ހަނގުރާމަވެރިން ވެރިރަށް ކާބުލް ވަށާލާފައިވާ އިރު، އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވެރިރަށް ކާބުލް ހިފަން ބޭނުންވަނީ އެއްވެސް ލޭއޮހޮރުވުމެއް ނެތި އެވެ. އަދި ކާބުލްގައި ދިރިއުޅޭ އެއްވެސް މީހެއްގެ ފުރާނަ އަދި މުދަލަށާއި ގެދޮރަށް ވެސް ގެއްލުމެއް ދޭން ބޭނުން ނުވާ ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަފްގާނިސްތާނުގެ ރިއާސީ ގަނޑުވަރުްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރައީސް އަޝްރަފު ޣަނީ ގައުމު ދޫކުރައްވައި ވަޑައިގެންނެވި ވާހަކައަކީ ދޮގެކެވެ. ރައީސް އަޝްރަގު ޣަނީ މިއަދު ގިނަ ވަގުތު ހޭދަކުރެއްވީ ރިއާސީ ގަނޑުވަރުގެ ތެރޭގައި، ސަލާމަތީ މުޝީރާއި އަނބިކަނބަލުންނާ އެކު، މިހާރުގެ ހާލަތާ ބެހޭ ގޮތުން އެކި ފަރާތްތަކާ މަޝްވަރާ ކުރެއްވުމުގަ އެވެ.

އެ ގޮތުން އެމެރިކާގެ އިސް ވެރިންނާ އެކު މަޝްވަރާ ކުރައްވައި، ތާލިބާނުންގެ އިސް ވެރިންނާ އެކުގައި ވެސް މަޝްވަރާ ކުރެއްވި ކަމަށް ރިއާސީ ގަނޑުވަރުގެ އޮފިޝަލް ވިދާޅުވި އެެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

މިއަދު މެންދުރު ވާން ކައިރިވެފައި ވަނިކޮށް ކާބުލްގެ ތެރެއިން ބަޑީގެ އަޑުފައްގަނޑެއް އިވުނަސް، އެއީ ތާލިބާނުންގެ ހަމަލާތަކެއް ނޫންކަން ސަރުކާރުން ކަށަވަރުކޮށްދެ އެވެ. ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެ ހަމަލާތަކަކީ، ބޭންކުން ފައިސާ ނަގަން ދިޔަ ގިނަ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް ހުއްޓުވުމަށް، ސަރުކާރު ސިފައިން ވައިގެ ތެރެއަށް ބަޑި ޖެހި އަޑެވެ.

އަލް ޖަޒީރާ އިން ރިޕޯޓްކުރާ ގޮތުގައި ކާބުލްގެ މަގުތަކުން އެއްވެސް ވަރަކަށް ސިފައިންނެއް މިއަދު ނުފެނެ އެވެ. ނަމަވެސް ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންގެ އާދައިގެ ބަޔަކު ހަރަކާތްތެރިވާ ކަމަށާއި، މީގެ ކުރިން އޮންނަ ސަލާމަތީ އެއްވެސް ފިޔަވަޅެއް މިއަދު ނުފެންނަ ކަމަށް ވެސް އަލްޖަޒީރާ އިން ރިޕޯޓްކުރެ އެވެ.

ތާލިބާނުން ބުނި ގޮތުގައި، މިހާރު ވެރިކަމުގައި ތިބި މީހުން އެއް ފަރާތަށް ޖެހި، ތާލިބާން ޖަމާއަތުގެ މައްޗަށް ވެރިކަން ދޫކޮށްލުމުގެ ވާހަކަތައް ކުރިއަށް ދާހާ ހިނދަކު، ބާރުގެ ބޭނުންކޮށްގެން ކާބުލް އަށް ވަންނަން މަސައްކަތެއް ނުކުރާނެ އެވެ.

"ވެރިކަން ބަދަލުވުމުގެ ކަންތައް ފުރިހަމަވުމާ ހަމައަށް ކާބުލްގެ ސަލާމަތީ ކަންތައް ކަށަވަރުކޮށްދިނުމުގެ މަސްއޫލިއްޔަތު އޮންނާނީ ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި،" ތާލިބާނުންގެ ތަރުޖަމާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ ދާހިލީ ވަޒީރު އަބްދުއްސައްތާރު މިރްޒަކްވާލް ވިދާޅުވި ގޮތުގައި، ތާލިބާންގެ ހަނގުރާމަވެރިން ބާރުގެ ބޭނުންކޮށްގެން ކާބުލް އަށް ވަދެގަތުން ހުއްޓައިލުމާ ގުޅިގެން، ސުލްހަވެރި ގޮތުގައި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ.

"އަފްގާނިސްތާނު ރައްޔިތުން ޖެހިލުންވެ ބިރުގަންނަންވީ ސަބަބެއް ނެތް. މި ސަހަރުގެ ތެރޭގައި ހަމަލާތަކެއް ބަދަލެއް ނުކުރާނެ. ވަގުތީ ސަރުކާރާ ވެރިކަން ހަވާލު ކުރުމުގެ މަސައްކަތް ސުލްހަވެރިކަމާ އެކު ކުރިއަށް ދާނެ،" ރެކޯޑް ކުރައްވައި އާންމު ކުރެއްވި މެސެޖެއްގައި ދާހިލީ ވަޒީރު ވިދާޅުވި އެވެ.

ވެރިރަށް ކާބުލްގައި އާންމުންގެ ގެތަކަށް ވަދެ މަގުތައް ފަޅުވެފައިވާ އިރު، ތާލިބާން ހަނގުރާމަވެރިން މިހާރު ތިބީ ފުރިހަމަ ހަތިޔާރާ އެކު، ކާބުލްގެ ވަށައިގެންވާ ރަށްބޭރު ސަރަހައްދުގަ އެވެ. އެމީހުން ކާބުލްގެ އެންމެ އެތެރެއަށް ނުވަނަސް، އެއްވެސް ވަރަކަށް ހަމަލާ ދޭން ނުޖެހި، ބައެއް ހިސާބުތަކުން ކާބުލްގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވަދެފައިވާ ކަމަށް ތާލިބާނުންގެ ތަރުޖަމާނު ވިދާޅުވި އެވެ.