ފޭކް ސްލިޕުން ކުރާ ވިޔަފާރި ހުއްޓުވާނެ ގޮތް މާލޭގެ 147 ފިހާރައެއްގެ ސޭޓުންނަށް ކިޔައިދީފި
ފޭކް ސްލިޕުން ކުރާ ވިޔަފާރި ހުއްޓުވާނެ ގޮތް މާލޭގެ 147 ފިހާރައެއްގެ ސޭޓުންނަށް ކިޔައިދީފި

ބޭންކެއްގެ ސައްހަ ސްލިޕެއް ކަމަށް ބުނެ އޮޅުވާލައިގެން މިލިއަނެއްހާ ރުފިޔާގެ މުދާ ގެންދިޔަ ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މީހަކު ހައްޔަރު ކޮށްފައި ވަނިކޮށް، އެފަދަ ސްލިޕް ބޭނުން ކޮށްގެން ފިހާރަތަކުން ކުރާ ވައްކަންތައް ހުއްޓުމަށް، ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ފުލުހުން މާލޭގައި އިއްޔެ ކުރިއަށް ގެންގޮސްފި އެވެ.

މާލޭގެ އުތުރުފަރާތުގެ ބަނދަރު ސަރަހައްދުގެ 147 ފިހާރައަކަށް ފުލުހުން ގޮސް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ކަންކަން ކިޔައި ދީފައިވާއިރު، ބޭންކެއްގެ ސައްހަ ސްލިޕެއް ކަމަށް ބުނެ އޮޅުވާލައިގެން މިލިއަނެއްހާ ރުފިޔާގެ މުދާ ގެންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން އުމުރުން 47 އަހަރުގެ މީހަކު ހައްޔަރުކުރީ ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އޮޅުވާލައިގެން ތިން ފިހާރައަކުން އެ މީހާ މުދާ ނަގާފައިވާ ކަމަށާއި ވެރިފަރާތް އެނގޭ މީހުންނާ އެ ތަކެތި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާތީ އަދިވެސް ހުރީ ބަންދުގަ އެވެ.

ބޭންކްތަކުގެ ސައްހަ ސްލިޕެއް ކަމަށް ބުނެ އޮޅުވާލައިގެން މުދާ ނަގާ މައްސަލަ އަށް ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށްޓަކައި ފުލުހުން ފެށި ޕްރޮގްރާމުގައި އިއްޔެ ވަނީ މުދާ ވިއްކުމަށް ފަހު، އެކައުންޓަށް ފައިސާ ޖަމާކުރިކަމަށް ސްލިޕް ފޮނުވިޔަސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީން ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސޭޓުންނަށް ނަސޭހަތްތެރި ވެފައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ ފައިސާ ލިބުނުކަން ޔަގީން ކުރުމަށް ފަހު ނޫނީ މުދާ ދޫނުކުރުމަށާއި ސްލިޕްގައިވާ މައުލޫމާތު ރަނގަޅަށް ޗެކު ކުރުމުގެ އިތުރުން އެކައުންޓު ނަންބަރާއި ފައިސާގެ އަދަދު ކަށަވަރު ކުރަން އެދިފަ އެވެ.

އަދި ފައިސާ ޓްރާންސްފާ ކުރި ތާރީހާއި ގަޑީގެ ސައްހަކަން ކަށަވަރުކޮށް، ޓްރާންސްފާ ކުރި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރާއި ފޯނު ނަންބަރު ނޯޓު ކުރުމަށް ފުލުހުން އެދެ އެވެ.

ވިޔަފާރިވެރިންގެ ކިބައިން ފުލުހުން އެދޭ އަނެއް ކަމަކީ ފައިސާ ޓްރާންސްފާ ކުރި ސައްހަ ސްލިޕް ލިބުނު ކަމުގެ ޔަގީންކަން ލިބުމުން، ޗެޓްލޮގްގެ ސްކްރީން ޝޮޓް ނަގައި ސޭވް ކުރުމަށެވެ. އަދި އެ މުއާމަލާތުގައި ޝައްކު ކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވޭ ނަމަ ފުލުުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކުރެ އެވެ.