ތާލިބާނުން ހުރިހާ ދިމާލަކުން ކާބުލް ވަށާލައިފި
ތާލިބާނުން ހުރިހާ ދިމާލަކުން ކާބުލް ވަށާލައިފި

އަފްގާނިސްތާނުގެ ބޮޑެތި ހުރިހާ ސިޓީތައް ހިފުމަށް ފަހު ތާލިބާނުން އެ ގައުމުގެ ވެރިރަށް ކާބުލްގެ ރަށްބޭރު ސަރަހައްދުތަކަށް ވަންނަން ފަށައިފި އެވެ.

އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ބައިނަލްއަގުވާމީ ނިއުސް އެޖެންސީތަކުން ބުނީ ކާބުލްގެ ހުރިހާ ދިމާލަކުން ތާލިބާނުން އެ ސިޓީ އަށް ވަންނަމުންދާ ކަމަށެވެ.

ކާބުލްގެ ހާލަތު ވަގުތުން ގެނެސްދެމުން އަންނަ އަލް ޖަޒީރާ އިން ބުނީ އެ ސިޓީގެ އެކި ތަަންތަަނުން ބަޑީގެ އަޑު އިވެމުންދާ ކަމަށާއި ގިނަ އަދަދެއްގެ ހެލިކޮޕްޓަރުތައް ވެސް ކާބުލްގެ މަތިން އުދުހެމުންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ހެލިކޮޕްޓަރުތަކަކީ އެމެރިކާގެ އެމްބަސީގައި ތިބި އެ ގައުމުގެ ރައްޔިތުންް އެހެން ތަނަކަށް ގެންދިއުމަށް ދިޔަ ހެލިކޮޕްޓަރުތައް ކަމަށް ވެސް ބުންޏެވެ. ސަރުކާރުގެ އޮފީސްތަކުގައި ތިބި މުވައްޒަފުން އެތަންތަން ދޫކޮށް ދާން ފަށާފައިވާ ކަމަށާއި އާއްމުންގެ ގިނަ ބަޔަކު ވެސް ޕާކްތަކާއި ހުސްބިންތަކަށް ނުކުންނަން ފަށާފައިވާ ކަމަށް ވެސް ރިޕޯޓްތަައް ބުންޏެވެ.

ތާލިބާނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބާރުގެ ބޭނުންކޮށްގެން ކާބުލް އަށް ވަންނަން އެމީހުން ބޭނުންނުވާ ކަމަށެވެ. އޭގެ ބަދަލުގައި ކާބުލް އަށް ވަންްނަން ހުރި ދޮރާށިތަކުގެ ކައިރީގައި މަޑުކުރުމަށް އެމީހުންގެ ހަނގުރާމަވެރިންނަށް އަންގާފައިވާނެ ކަމަށް ވެސް ތާލިބާނުންގެ ބަޔާނުގައި ބުންޏެވެ.

"މީހުންގެ ފުރާނަ އާއި މުދަލާއި ކަރާމަތަށް ގެއްލުންވުމެއް ނެތި ބަދަލުވުުމުގެ މަރުހަލާ (ވެރިކަން ބަދަލުވުމުގެ މަރުހަލާ) ސުލްހަވެރިކަމާއި އަމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ޓަކައި މަޝްވަރާތައް ދަނީ ކުރިއަށް،" ތާލިބާނުންގެ ބަޔާނުގައި ބުންޏެވެ.

ތާލިބާނުންގެ ބައިނަލްއަގުވާމީ ތަރުޖަމާާނު ސުހައިލް ޝާހީން އަލްޖަޒީރާ އަށް ބުނިގޮތުގައި ތާލިބާނުން ކާބުލް އަށް ވަނުމަށް ފަހު ބަދަލުހިފުމުގެ އެއްވެސް ކަމެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި އެންމެންނަށް ވެސް އަމާންކަންދޭނެ ކަމަށް އޭނާ ބުންޏެވެ.

ކާބުލްގެ ބައެއް ރައްޔިތުން ސޯޝަލް މީޑިއާ ޓްވިޓާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ތާލިބާނުން ދަނީ ހަނގުރާމަކުރުމަކާ ނުލައި ކާބުލްއަށް ވަންނަމުންނެވެ.

އަފްގާނިސްތާނު ސަރުކާރުގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި ގޮތުގައި ތާލިބާނުން ދަނީ ކާބުލްގެ ހުރިހާ ދިމާލަކުން އެ ސިޓީއަށް ވަންނަމުންނެވެ. އެކަމަކު އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ސަރުކާރުގެ އެހެން އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި ކާބުލްގެ ތިން ޑިސްޓްރިކްޓެއްގައި ތާލިބާނުން މިހާރު އެބަ ތިއްބެވެ. އެއީ ކަލްކަންއާއި ގަރަބާގް އަދި ޕަގްމާން އެވެ.

އަފްގާނިސްތާނުގެ ވެރިކަން ތާލިބާނުންނަށް ގެއްލުނީ އެމެރިކާ އިން 2001 ވަނަ އަހަރު އެ ގައުމު ހިފުމުންނެވެ. އެމެރިކާއިން އަފްގާނިސްތާން ހިފީ އެމެރިކާގެ ޓްވިން ޓަވަރަށް ދިން ހަމަލާއަށް ފަހު، އަލްގައިދާގެ އޭރުގެ ލީޑަރު އުސާމާބިން ލާދިން އަށް ތާލިބާނުން ހިޔާމަތް ދިނުމުންނެވެ. އޭގެ ފަހުން ފާއިތުވި 20 އަހަރު ތާލިބާނުންނާ ހަނގުރާމަކުރުމަށް ފަހު އެމެރިކާ ސިފައިން ފޭބީ ތާލިބާނުންނާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.