15 އޯގަސްޓް 2021 - 14:20

ލުބުނާނުގެ އުތުރުގައި އޮންނަ އައްކާރް ކިޔާ ސަރަހައްދުގައި މިއަދު ހެނދުނު ތެޔޮ ތާނގީއެއް ގޮވައި، މަދުވެގެން 20 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ރެޑް ކްރޮސް އިން ބުނެފި އެވެ.

ލުބުނާނުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ތުލައިލް އަވަށުގައި ބަޔަކު ސިއްރުން ތެޔޮ ރައްކާކޮށްފައި ހުރި ތާނގީ ގޮވީ، ލުބުނާނުގެ ސިފައިން އެ ތެޔޮ ތާނގީ އެ މީހުންގެ ބެލުމުގެ ދަށަށް ގެނެސް، އާންމުންނަށް ތެޔޮ ދޫކުރަމުން ދަނިކޮށެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި، ތެޔޮ ތާނގީ ގޮވި ވަގުތު އެ ސަރަހައްދުގައި 200 ވަރަކަށް މީހުން ކިޔޫގައި ތިއްބެވެ. ތާނގީ ގޮވި ސަބަބެއް މިހާތަނަށް ވެސް ނޭނގޭ އިރު، މި ހާދިސާގައި 80 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ބައެއް މީހުން ލަފާކުރާ ގޮތުގައި ތެޔޮ ތާނގީ ގޮވީ ބަޑީގެ އުންޑައެއް އަރައިގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ، އެ ތާނގީން އާންމުންނަށް ތެޔޮ ދޫކުރާކަމުގެ ހަބަރު ލިބުމުން، ގިނަ އަދަދެއްގެ ބަޔަކު ތެޔޮ ހޯދުމަށް އެތަނަށް ޖަމާވެ، ވަކި މިންވަރަކަށް ތެޔޮ ދޫކުރާތީ، އެ މީހުންގެ މެދުގައި ދެބަސްވުން އުފެދި، އެ ދެބަސްވުމުގެ ތެރޭގައި ކޮންމެވެސް ބަޔަކު ބަޑި ޖެހި އަޑު ވެސް އިވިފައިވާތީ އެވެ.
މަންޒަރު ދުށް އެހެން ބައެއް މީހުން ބުނާ ގޮތުގައި، ތެޔޮ ތާނގީގައި ރޯވީ، ސިފައިންގެ ބެލުމުގެ ދަށުން ހަންހަމަށް ތެޔޮ އަޅައިދެމުން ދަނިކޮށް، ކައިރީގައި ހުރި މީހަކު ސިނގިރޭޓް ރޯކުރަން ވެގެން ލައިޓަރު އެޅުމާ ގުޅިގެންނެވެ.
އެހެން ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ތެޔޮ ތާނގީގައި ރޯވީ، އެ ތެޔޮ ތާނގީއާ މާ ދުރު ނޫން ހިސާބެއްގައި، ހަލާކުވެފައި އޮތް ދެ ލޮރީއެއްގައި ބަޔަކު ހުޅުޖެހުމުގެ ސަބަބުން ކަމަށް ވެދާނެ އެވެ. ތެޔޮ ދޫކުރާ ހަބަރު ލިބުމާ ގުޅިގެން، ތަންކޮޅެއް ފަހުން އެ ސަރަހައްދަށް ދެވުނު ބައެއް މީހުންނަށް، ދިގު ކިޔޫ ފެނިގެން، ތެޔޮ ނުލިބިދާނެ ކަމަށް ގަބޫލުކުރެވި، އައި ރުޅީގައި އެމީހުން ދެ ލޮރީގައި ހުޅުޖެހީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޒަހަމްވި ބައެއް މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަ އައްސަލާމް ހޮސްޕިޓަލުގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި، އެ ތަނުގައި ޖާގަ ނެތް ވަރަށް، ޒަހަމްވެފައިވާ މީހުން ގެނައުމުން، ހިދުމަތް ދިނުމުގައި ވަރަށް ގިނަ ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. އަދި އެ ހޮސްޕިޓަލަށް ގެނައި ގިނަ މީހުންގެ ހާލު ވަރަށް ދެރަ ކަމަށާއި ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ލުބުނާނަށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި، މިހާރު ލުބުނާނަށް ކުރިމަތިވެފައި އެވަނީ، 1985 ވަނަ އަހަރަށް ފަހު އެ ގައުމަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ހީނަރުކަމެވެ.