15 އޯގަސްޓް 2021 - 11:06

ޕެރިސް (އޮގަސްޓް 15) - ލިއޮނެލް މެސީ އަށް ޕީއެސްޖީގެ ސަޕޯޓަރުން މަރުހަބާ ކިޔުމަށް ފަހު ފެށި މެޗުގައި ސަޕޯޓަރުންގެ ފުރައްސާރަ އާއި މަލާމާތް ޓީމުގެ ތަރި ކިލިޔަން އެމްބާޕޭ އަށް ރައްދުވެއްޖެ އެވެ.
މެސީގެ އިތުރުން ޓީމަށް އަލަށް ސޮއިކުރި ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ފަހު، ސްޓްރަސްބާގް އާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދީ އަދި އިތުރު ލަނޑެއް ޖަހަން އެމްބާޕޭ ފުރުސަތު ތަނަވަސްކޮށްދިން ނަމަވެސް ސަޕޯޓަރުންގެ ތުން ފުމުމާއި ކުރި މަލާމާތުން އެމްބާޕޭ އަށް ސަލާމަތް ވެވޭގޮތެއް ނުވި އެވެ.
ޕީއެސްޖީގެ ސަޕޯޓަރުން ހިތްހަމަ ނުޖެހުންތައް، އެމްބާޕޭއާ މެދު ފެންމަތިވީ އެ ޓީމުގެ ކޮންޓެރެކްޓް އާ ކުރަން އޭނާ ބޭނުން ނުވާތީ އެވެ. ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާނެ އެވެ.
ކޯޗް މައުރީޝިއޯ ޕޮޗެޓީނޯ އާއި ކްލަބުގެ ރައީސް ނާސިރު އަލް ހަލީފީ ވެސް ވަނީ އެމްބާޕޭ ޕީއެސްޖީ ދޫކޮށް ނުދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އާ ކޮންޓްރެކްޓްގައި އޭނާ ސޮޮއި ނުކުރާހާ ހިނދަކު އެކަން ގަބޫލު ކުރަން ޕީއެސްޖީގެ ސަޕޯޓަރުންނަށް ފަސޭހައެއް ނޫނެވެ.
ރެއާލް މެޑްރިޑް އަދި ލިވަޕޫލުން ވެސް އޮތީ އެމްބާޕޭ ގެންދަން ތައްޔާރަށެވެ. ފަހަރެއްގައި އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި އެއިން ކްލަބަކަށް އޭނާ ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.