އޭވީސީ މުބާރާތް ރާއްޖެ އަށް ކާމިޔާބުކުރެވޭނެ: ނިޒާރު
އޭވީސީ މުބާރާތް ރާއްޖެ އަށް ކާމިޔާބުކުރެވޭނެ: ނިޒާރު

ރާއްޖޭގެ ވޮލީބޯޅައިގެ މިހާރު ފެންވަރަށް ބަލާއިރު އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ކާމިޔާބުކުރެވޭނެ ކަމަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަދި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ނިޒާރު އިބްރާހިމް ބުނެފި އެވެ.

އޭވީސީ މުބާރާތް ރާއްޖެ އަށް ކާމިޔާބުކުރެވޭނެ: ނިޒާރު
އޭވީސީ މުބާރާތް ރާއްޖެ އަށް ކާމިޔާބުކުރެވޭނެ: ނިޒާރު

އަންނަ މަހުގެ 23 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ފަށާ މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމު ވަނީ އިއްޔެ ސްރީ ލަންކާ އަށް ފުރައިފަ އެވެ. ލަންކާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސިސިރާ ކުމާރުގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދާ ޓީމުން މި ދަތުރުގައި 11 މެޗު ކުޅޭނެ އެވެ.

"އަޅުގަނޑުމެން ކުޅުނުއިރާ ބަލާއިރު މިހާރު ކުޅުންތެރިންގެ ފެންވަރު ވަރަށް ރަނގަޅުވެއްޖެ. އިސްކޮޅުން ދިގު އަދި ޖަމްޕް ހައި ގިނަ ކުޅުންތެރިން ޓީމުގައި މިތިބީ. ރާއްޖެ އަށް މިހާރު ހަމައެކަނި މަދުވަނީ މިފަދަ ޕްރެކްޓިސް މެޗުތަކެއް ކުޅެ ތަޖުރިބާ ހޯދުން. މި ދަތުރުގައި އެ ފުރުސަތު ލިބޭނެ. އެހެންވެ ރަނގަޅު ތައްޔާރީތަކާ އެކު މުބާރާތުގެ ޗެމްޕިއަންކަން ހޯދޭނެ ކަމުގެ އިތުބާރު އެބައޮތް،" ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު ހޯދާފައިވާ ނިޒާރު ބުންޏެވެ.

އޭނާ ބުނީ ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިން ވެސް ކާމިޔާބަކާ އެކު ކެރިއަރު ނިންމާލަން ބޭނުންވާނެ ކަމަށާއި މިއީ އެކަމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ބޭރުގެ ކޯޗަކާ އެކު ގައުމީ ޓީމުގައި މަސައްކަތްކުރަން ލިބުމަކީ އުފަލެއް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ވެސް ކޯޗިންގައި ދަސްކުރަން ބޭނުންވާ ބައިވަރު އެއްޗެހި އެބަހުރި. އެގޮތުން ބޭރުގެ ކޯޗަކާ އެކު މިގޮތަށް މަސައްކަތްކުރަން ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ،" ނިޒާރު ބުންޏެވެ.

ނިޒާރާ އެކު އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރާ ކުރީގެ ކުޅުންތެރިޔާ އަދި ތަޖުރިބާކާރު ކޯޗު އިބްރާހިމް ޝިހާމް (ސަޑިއްކެ) ބުނީ ދިވެހި ކުޅުންތެރިންގެ އިސްކޮޅު އެބަހުރި ކަމަށާއި ޝޮޓްތައް ވެސް އެހާމެ ބާރު ކަމަށެވެ. އެކަމަކު އަދިވެސް ބޭސިކް ބައެއް ކަންކަން ރަނގަޅުކުރަން ޖެހޭކަން އޭނާ ފާހަގަކުރި އެވެ.

"އެކަންކަން ރަނގަޅުކޮށްފިއްޔާ ރަނގަޅު ކާމިޔާބެއް ލިބޭނެ. ތަމްރީން ދަތުރުގައި ވެސް ހެނދުނު އޮންނާނީ ބޮޑަށް ޓީމުގައި ހުރި މައްސަލަތައް ރަނގަޅުކޮށް ޓްރެއިނިން ހެދުން. އެއަށް ފަހު މެންދުރުފަހު އޮންނާނީ ޖިމްގެ ތަމްރީންތައް. މި ދަތުރުގައި 11 މެޗު ކުޅެން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކޮންމެ މެޗަކަށް ފަހު، ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކުރެވޭނެ އަނެއް މެޗުގެ ކުރިން،" ސަޑިއްކެ ބުންޏެވެ.

އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރަނީ ކިރްގިސްތާން، އުޒްބެކިސްތާން، ތުރުކުމެނިސްތާން، ނޭޕާލް، އަފްގާނިސްތާން އަދި ބަންގްލަދޭޝް އެވެ. ރާއްޖޭން ވަނީ މި މުބާރާތުގެ ދެ ވަނަ މަގާމް 2014 ވަނަ އަހަރު ހޯދައިފަ އެވެ.