15 އޯގަސްޓް 2021 - 10:50

މެންޗެސްޓާ (އޮގަސްޓް 15) - ކޮންމެ ކްލަބެއްގައި ވެސް އަމިއްލަ ގޮތެއް އޮންނާނެ ކަމަށް ބުނެ މެންޗެސްޓާ ސިޓީން ކުރާ ބޮޑު ހޭދަ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ދިފާއުކޮށްފި އެވެ.
އިނގިރޭސި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޖެކް ގްރިލީޝް ވަނީ މެންޗެސްޓާ ސިޓީ އަށް ބަދަލުވެފަ އެވެ. އޭނާގެ ޓްރާންސްފާ އަށް ސިޓީން ވަނީ 117 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އެފްސީ ބާސެލޯނާގައި ގާޑިއޯލާގެ ޖާދޫ މުޅި ޔޫރަޕުގައި ދެއްކި އިރު އޭނާގެ ޓީމުގައި އަގުބޮޑު ތަރިންނެއް ނެތެވެ. އެ ޓީމުގައި އޮތީ ބާސެލޯނާގެ އަމިއްލަ އެކެޑެމީން އުފެއްދި އެ ޓީމުގެ 100 ޕަސެންޓް ޕްރޮޑެކްޓެވެ. އެ ޓީމުން އޭރު އުފެއްދީ ވޯލްޑް ކްލާސް ތަރިންނެވެ.
ސިޓީގައި ތާފާތެވެ. އޭނާ އަށް ޖެހިފައި އޮތީ ދުނިޔޭގެ ފެންވަރުގެ ތަރިން އަގުބޮޑުކޮށް ގަނެގެން ގެންނާށެވެ. މިރޭ ސިޓީ އާ ދެކޮޅަށް ނުކުންނަ ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވަޑް ހެރީ ކޭން ގަންނަން ސިޓީން މިހާރު ވެސް އޮތީ ވިއްދައިފަ އެވެ.
"ކޮންމެ ކްލަބެއްގައި ވެސް އޮންނާނެ އެ ކްލަބެއްގެ އަމިއްލަ ހަގީގަތެއް. އެ ކްލަބެއްގެ އަމިއްލަ ތާރީހެއް. އަދި ކޮންމެ ކްލަބެއްގެ އޯނަރު ވެސް ނިންމާނެ އޭނާ ކުރިއަށްދާނެ ގޮތެއް. އަހަރެމެން ކްލަބުގެ އޯނަރުން ބޭނުމެއް ނުވޭ ކްލަބަކުން ފައިދާއެއް. އެމީހުން ބޭނުން ވަނީ ކްލަބަށް އިންވެސްޓް ކުރަން،" ގާޑިއޯލާ ބުންޏެވެ.
"(ރޯމަން) އަބްރޮމޮވިޗްއާ އެކު އެއޮތީ ޗެލްސީ. އަހަރެމެން ކްލަބުގައި ޝައިހް މަންސޫރު. އެ މީހުން މި ދުނިޔޭގައި ދިރިއުޅެން ބޭނުން ވަނީ އެގޮތަށް. އެމީހުން ބޭނުން ވަނީ ފުޓްބޯޅައަށް ޓަކައި ކުޅުންތެރިން ގަންނަން. ދެން ކޮބާތަ މައްސަލައަކީ؟"
ގާޑިއޯލާ ބުނީ ބޮޑު ހޭދަކުރާ ވެރިން ކްލަބުތަކުގައި ތިބީ މިހާރު ނޫން ކަމަށެވެ. އޭނާ މިސާލަކަށް ދެއްކީ އޭސީ މިލާންގެ ކުރީގެ އޯނަރު ސިލިވިއޯ ބާލުސްކޯނީ އެވެ. ގާޑިއޯލާ ބުނީ ކޯޗެއްގެ ގޮތުގައި އޭނާ ބޮޑެތި ކާމިޔާބުތައް ހޯދީ އަގުބޮޑުކޮށް ކުޅުންތެރިން ގަނެގެން ނޫން ކަމަށެވެ.
"އަހަރެންގެ މުޅި ހަޔާތުގައި ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ. އެކަމަކު އަހަރެމެންނަށް ހޯދުނީ ޗެމްޕިއަންސް ލީގު ދެ ފަހަރު. މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފައިނަލު މެޗުގައި (ބާސާ ޓިމުގެ) ހަތް ކުޅުންތެރިންނަކީ އަމިއްލަ އެކެޑެމީން އައި ކުޅުންތެރިން، ކްލަބުން ޓްރާންސްފާ އަށް ހަރަދެއް ނުކޮށް. އެ ހާލަތުގައި މޮޅުވީ އެގޮތަށް މުޅިން ތަފާތު ސްކޮޑެއް. އެކަމަކު ވެސް ކާމިޔާބު ޔަގީނެއް ނުވާނެ."