ސަބަބު
ސަބަބު

ބުދަ ދުވަހާ ގުޅޭ

"ދެން ކޮބާ މައްސަލައަކީ؟" އަޝްރާން ސުވާލުކުރިއެވެ.

"ނޭނގެ!" އަހަރެން ބުނީމެވެ. "އެނގޭ ނަމަ ބުނީމުސް."

އަހަރެންގެ ދަރިން ތިބެނީ ރާއްޖެއިން ބޭރުގައި ކިޔަވާށެވެ. ކިޔެވުމަށް އެ ކުދިން ނުލާހިކު މޮޅެވެ. އަހަރެންގެ ފިރިމީހާއަކީ އަންބަކަށް ލިބޭނެ އެންމެ ހެޔޮ ފިރިއެވެ. ކުށެއް ނުކުރެޔެކޭ ނޫނެވެ. ކުށް ނުކުރާ މީހަކު އުޅޭ ހެއްޔެވެ؟ އަހަންނަކީ ފުދުންތެރި މީހެކެވެ. ފައިސާގެ ދަތިކަމެއް ނެތެވެ. އެހެންނަމަވެސް، ހިތުގެ ބައްޔެއް އަހަރެން ސިކާރަކޮށްފިއެވެ. ކިހިނެއް ހެއްޔެވެ؟ މައްސަލައަކީ، މަންމަގެ ލޯބިން އަހަރެން މަހުރޫމުވުން ހެއްޔެވެ؟ އެ ލޯބީގެ އުނިކަން އަހަންނަށް އެހާ ބޮޑަށް އިހުސާސްކުރެވޭ ހެއްޔެވެ؟ އާއިލާގެ އެހެން މީހުންނާއި އަހަރެންގެ ގުޅުން ރަނގަޅެވެ. ގާތްކަން އޮވެއެވެ. ވީއިރު، އަހަރެން ޑިޕްރެޝަނަށް ދިޔަ އަސްލު ސަބަބަކީ ކޮބައި ހެއްޔެވެ؟ ސަބަބު ނޭނގި މީހަކު ޑިޕްރެޝަނަށް ދޭ ހެއްޔެވެ؟ ކަމާ ކަން ފަށައިފައި އަހަރެން އެ ކަމާ ވިސްނަން ފެށީމެވެ. އެ ވަގުތު ޒުވާބުގެ އަޑު ގަދަވާން ފެށިއެވެ. ދުންފުހުގެ ތެރެއިން ހަގީގީ ސަބަބު، ފާޅުވާން ފެށީ ވެސް އެ ވަގުތުއެވެ.

ކައިވެނިކޮށްގެން އަހަރެއް ނުވަނީސް އަހަރެން ދިޔައީ ލަންކާއަށެވެ. އަޝްރާންގެ ވަޒީފާ ލަންކާއަށް ބަދަލުވީމައެވެ. ދެން އޭނަގެ ވަޒީފާ ބަދަލުވީ މެލޭޝިޔާއަށެވެ. އަހަރެން ވެސް ހުރީ އެ ތަނުގައެވެ. ދޭތެރެއަކުން މާލެއަޔަސް، ގިނައިން އަހަރެން އުޅުނީ މެލޭޝިޔާގައެވެ. ކުދިން ވެސް ބޮޑުވީ މެލޭޝިޔާގައެވެ. އަނެއްކާ ވެސް އަޝްރާންގެ ވަޒީފާ މާލެއަށް ބަދަލުވުމުން، ދަރިން ކިޔަވަން ސިންގަޕޫރުގައި ބައިތިއްބައިފައި އަހަރުމެން އައީ މާލެއަށެވެ. މައްސަލައިގެ ފެށުމަކީ އެއީއެވެ.

އަޝްރާންގެ ގެ ހުންނަނީ، ކޮޅު ބެދިފައިވާ ގޯޅިގަނޑެއްގެ ކޮޅުގައެވެ. ގޯޅިގަނޑުގެ ދެ ފަރާތުން ކުރެ ކޮންމެ ފަރާތެއްގައި ހަތަރު ބައި ނުވަތަ ހަތަރު ދޮރު ހުރެއެވެ. އެއް ހަތަރުބައި ތާއީދުކުރަނީ ސަރުކާރަށެވެ. އަނެއް ހަތަރުބައި އިދިކޮޅު ޕާޓީއަށެވެ. މުޅީން ވެސް އަންހެނުންނެވެ. ދެ ޕާންފޮތި މެދުގައި އަހަރެން ތާށިވީއެވެ. އަހަންނަކީ އެއްވެސް ޕާޓީއަކަށް ތާއީދުކުރާ މީހެއް ނޫނެވެ. މީހުންނާ ޒުވާބުކޮށް، އެހެން މީހުން މައްސަލަތަކުގެ ތެރެއަށް ވަންނަ މީހެއް ނޫނެވެ. އަމިއްލަ މަންމަގެ މައްސަލަތައް ވެސް އަހަރެން ހުންނަނީ އަޑިއަށް ހިންދައިލައިގެންނެވެ. އެކަމަކު ކޮންމެ ބަޔަކު ވެސް ހީކުރަނީ އަހަންނަކީ އަނެއް ބަޔަށް ތާއީދުކުރާ މީހެއް ކަމަށެވެ.

ކޮންމެ ބަޔަކު ވެސް ތިބެނީ އެ ބަޔެއްގެ ގޭގެ ދޮރުމަތީގައި ގޮނޑި އަތުރައިގެން ނުވަތަ ޖޯލި ބަހައްޓައިގެންނެވެ. އެއް ބަޔަކު ކައި، ސައިބޮއި، ކޮފީބޮއި ހަދަނީ ވެސް އެ ތަނުގައެވެ. ޖަނގިޔާކޮޅެއް ލައިގެން އުޅޭ ކުދިންނާއި، ނެޕީޖަހައިގެން އުޅޭ ކުދިންނާއި، އެއްޗެއް ނުލައި އުޅޭ ކުދިން ވެސް ބައިވަރެވެ. އުކާލަން ނެރެފައި ހުންނަ ކުންޏާއި، ތަރުތީބެއް ނެތި އަތުރައިފައި ހުންނަ ސައިކަލުތަކުން ގޯޅިގަނޑު އޮންނަނީ ދަތިވެފައެވެ. ނުވާތާކަށް، އެއްޗެއް ރޫޅައިލައިގެން ބަޔަކު ނޫޅޭ ވަގުތެއް ވެސް ނުދެއެވެ. އޭގެ އިތުރަށް، ކޮންމެވެސް ގެއެއްގެ ކޮންމެވެސް ތަނެއް ތަޅައިލާނެއެވެ. ނޫނީ މަރާމާތު ކުރާނެއެވެ. ސިނގެރޭޓާއި، ކޯޗެއްކަން ނޭނގޭ އެއްޗެހީގެ ދުމުން މާހައުލު އޮންނަނީ އެއްވަސްވެފައެވެ. ކުދިވެރިން ފުޓުބޯޅަ ވެސް ކުޅެންވީ އެ ގޯޅިގަނޑުގައެވެ. ފުރޮޅުލީފައިވާން ވެސް ދުއްވަންވީ އެ ތަނުގައެވެ. އެ ގޯޅިއަކީ، އޭގެ ޒާތުގައި ކުޑަ އަވަށެކެވެ.

އަހަރެން ފެނިއްޖެއްޔާ އަހަންނަށް އިއްވަން އެއްޗެއް ބުނެ ނުލާ ހަމަ އެންމެ ފަހަރެއް ވެސް ނުދެއެވެ. ކޮންމެ ކުލައެއްގެ ހެދުމެއް ލިޔަސް، އެ މީހުންނަށް ހެދުން ފެންނަނީ، ދެ ކުލައަކުން ކުރެ ކޮންމެވެސް އެއް ކުލައެއްގައެވެ. އެކަކު ވެސް އަހަންނާ ދިމާއަކަށް އެއްޗެއް ނުބުނެއެވެ. މަސްކާށި ނޫނީ މަޖާ ކާން ތިބެފައި، އަހަންނަށް ދައުވަތު ދީފާނެއެވެ. އަހަންނަކީ، ފިރިމީހާޔާ އެކުގައި ނޫނީ، އެއްޗެއް ކާން ބޭނުންވާ މީހެއް ނޫނެވެ. އަހަރެން ޖެހެނީ އިންކާރުކުރާށެވެ. އެ ހިސާބުން އެ ގޯސްވީއެވެ. ދެން ސަމާސާއަކަށް ކަމަށް ހަދައިފައި ބުނެލާނީ އަހަރެން ފޫހިވާ ކަހަލަ އެއްޗެކެވެ. އެއްޗެއް ނުބުނަންޏާ އެންމެން ތިބޭނީ، އާ ވައްތަރެއްގެ މަހުލޫގެއް ފެނިގެން ބަލާހެން އަހަންނާ ދިމާއަށް ބަލާށެވެ. ބައެއް ފަހަރު އަޝްރާން ހުއްޓައި ވެސް އެއްޗެހި ބުނެލައެވެ. އަޝްރާން ކޮންމެވެސް މަޖާ އެއްޗެއް ބުނެފައި އެ ހިސާބުން ނިންމައިލަނީއެވެ. އަހަރެން ހިތްހަމައެއް ނުޖެހެއެވެ. އަޝްރާނަށް އެ ކަން ނޭނގެނީ އަހަރެން އެ ޝަކުވާ ވެސް ނުކުރާތީއެވެ.

އޮފީހުން ގެއަށް އަތުވެއްޖެއްޔާ، އަޝްރާން އަންނަންދެން އަހަރެން އިންނާނީ އެކަންޏެވެ. އެއްވެސް މީހަކު ގެޔަކު ނޫޅެއެވެ. އަބަދުވެސް އިވޭނީ ގޯޅިގަނޑު ތެރޭގައި މީހުން ސިޔާސީ ވާހަކަދައްކައިފައި ޒުވާބުކުރާ އަޑެވެ. އެ އަޑު ވަރަށް ގަދައެވެ. ބައެއް ފަހަރު ތަޅައިގަނެއެވެ. ފުލުހުން އާދެއެވެ. ޓީވީ ހުޅުވައިލިޔަސް، ނޫހެއް ބަލައިލިޔަސް ސިޔާސީ ވާހަކަ ނޫން ވާހަކައެއް ނޯވެއެވެ. އެއިން އެއްވެސް ކަމަކާ ވިސްނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ނުވިސްނަން ކުރެވޭނެ ކަމެއް ނޯވެއެވެ. ނަތީޖާއަކަށްވީ، ސިކުނޑީގައި ބޮޑު ހައިޖާނުގަނޑެއް އުފެދުމެވެ. އެއީ ނަފުސާނީ ވަރުގަދަ ހަގުރާމައެކެވެ.

އަހަރެންގެ ލޯމައްޗަށް އަނދިރިވާން ފެށިއެވެ. ދޭތެރެދޭތެރެއިން ރޯނާވާން ފެށިއެވެ. އެއް ދުވަހަކު އޮފީސް މޭޒު ކައިރިއަށް އަހަރެން ވެއްޓުނެވެ. މީހަކަށް ނުފެނުނުކަން ނަސީބެކެވެ. ތިމާގެ މީހަކު ނިޔާވެގެން ސަހަރާގައި ހުއްޓައި، އަހަރެންގެ ލޯމަތިން ރިހިކުލައިގެ ރޮނގެއް ހުރަސްކުރިހެން ހީވިއެވެ. ދެން ހޭއެރީ ހޮސްޕިޓަލުގައި އޮއްވައެވެ. ނިތްކުރިއާއި، އަތްތިލައިގައި ހުރީ ބޭސްއަޅައިފައެވެ. މަތީ ތުންފަތް ހުރީ ފަޅައިގެން ގޮސްފައެވެ. ކަކުލާއި ބޮލުގައި ހުރި ރިހުން، އެއް ދުވަސްވީ އިރު ވެސް ނުފިލައެވެ. އޭގެ ފަހުން އަހަރެންގެ މޫނުގެ އެއް ފަޅީގައި ކުޑަ އައްސިކަމެއް ހުރެއެވެ. އޭރު ވެސް އެއީ ޑިޕްރެޝަންގެ ސަބަބުން ވާ ކަމެއް ކަމަކަށް އެކަކު ވެސް ނުބުނެއެވެ. ބޭސްދެނީ ކޮންމެވެސް އެހެން ކަމަކަށެވެ. ދޭ ބޭހަކުން ރަނގަޅެއް ނުވެއެވެ.

ކަމަކުން ސަލާމަތްވާން ބޭނުން ނަމަ ޖެހެނީ އެ ކަމަކާ މެދު ނުވިސްނާށެވެ. އެ ވާހަކަ ނުދައްކާށެވެ. އަހަރެން ހުއްޓައި ނުލައި ކުރި މަސައްކަތަކީ އެއީއެވެ. އިއަރފޯނު ޖަހައިގެން ލަވައަޑުއަހަމެވެ. ވާހަކަ ކިޔަމެވެ. ޓީވީ ބަލަމެވެ. ރައްޓެހިންނަށް ގުޅައިގެން ވާހަކަދައްކަން ވެސް އިންނަމެވެ. އެކަމަކު އަހަރެން ކަމެއް ނުކޮށް އިނދެއްޖެއްޔާ ހީވަނީ ބޮލުގައި އެއްޗަކުން ތަޅާހެންނެވެ. އަބަދާއަބަދު ޒުވާބުގެ އަޑު އިވިއިވި ހުންނާތީއެވެ. އޭގެ ޒާތުގައި އެއީ ވެސް މައްސަލައެއް ނޫނެވެ. އެކަމަކު، އަހަންނާ ދޭތެރޭގައި މަންމަ ކަންތައްކުރަމުންދިޔަ ގޮތާއި، އަޝްރާން އެހެން އަންހެނަކާ ގުޅުމެއް ބާއްވާކަން އެނގުނު ހިސާބުން އަހަރެން ހުރީ ވަރަށް ބަލިކަށިވެފައެވެ. އޭގެ މައްޗަށް ތިންވަނަ ސަބަބެއް މެދުވެރިވުމުން އަހަރެންގެ ސިކުނޑިއަށް ކެތްނުކުރެވުނީއެވެ.

މީހުންގެ ތެރެއަށް ނުކުމެއުޅެން ޑަކުޓަރު ނަސޭހަތްދިނެވެ. އަހަރެން ނުކުންނަން އޮތީ ގޯޅިގަނޑެވެ. މައްސަލައަކީ ވެސް ހަމަ އެ ގޯޅިގަނޑެވެ. އަހަރެން "ބަލިވުމުން" އޮފީސް އެކުވެރިން އަހަންނަށް ގޮވައިލަން އާދެއެވެ. އަހަންނާ ބައްދަލުކުރަން އާ ރައްޓެއްސަކު އަތުވެއްޖެއްޔާ، އޭނަ ނުކުންނަ ވަގުތު ގޯޅިގަނޑުގައި މީހުން، ދެ ބަރިއަށް އެތުރިގެން ތިބެއެވެ. އަންހެނަކު އަތުވެއްޖެއްޔާ، ފުށްކުދިކޮށް އޭނަގެ ހެދުމަށް ފާޑުކިޔައެވެ. ފިރިހެނަކު އަތުވެއްޖެއްޔާ، ކޮންމެވެސް އާ ވާހަކައެއް ހަދައެވެ. އެކި ކަހަލަ ސުވާލު އޭނަޔާ ކުރިމަތިކުރެއެވެ. އެންމެ ފަހުން ރައްޓެހިން އައުން ހުއްޓުނީއެވެ.

އަޝްރާން ހުރީ އަހަރެން ބުނި ކޮންމެ ކަމެއް ކުރާ ގޮތަށެވެ. ތަނެއް ކުއްޔަށް ހިފައިގެން ދާން ވެސް އޭނަ ހުރީ ތައްޔާރަށެވެ. އަހަންނަށް ޓަކައެވެ. އެކަމަކު، އަހަރެން ކުރަން ބޭނުން ނޫން ކަމެއް ކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެހެން ބަޔަކާ ހެދި، އަހަރެން އެހެން ހިސާބަކަށް ބަދަލުވާންވީ ކީއްވެގެން ހެއްޔެވެ؟ އެ ވިސްނުމުގައި ތާށިވެފައި އަހަރެން ދުވަސްކޮޅަކު ހުރީމެވެ. އެންމެ ފަހުން، ކުރަން ބޭނުން ނުވި ކަންތައް ވެސް އަހަރެން ކުރީއެވެ. އަޝްރާންގެ ބައި ކުއްޔަށްދީފައި، އަހަރެންގެ ބައްޕަގެ ގެއަށް އަހަރުމެން ބަދަލުވީއެވެ. އެ ގެއަކީ، ކުރިން އުޅުނު ތަނަށް ވުރެ މާ ތަނަވަސް ތަނެކެވެ. އުޅެން ފަސޭހަ ތަނެކެވެ. އެކަމަކު ހިތަށްފަސޭހައެއް ނުވިއެވެ. އާންމު ހާލަތަކަށް އަހަރެން ރުޖޫއައެއް ނުވިއެވެ.

އަހަރެން ހޭންޖެހެނީ ގަދަކަމުންނެވެ. ނޭނގި ހުއްޓައި އަހަންނަށް ރޮވެއެވެ. ނޭވާ އަވަސްވެއެވެ. އަރުން އެއްޗެއް ދިރުވުމަކީ ހަނގުރާމައެކެވެ. ތިން މީހުންނަށް ވުރެ ގިނަ މީހުންގެ ތެރެއަށް އަހަރެން ނުކުމެއްޖެއްޔާ، ނޭވާލުމަކީ އަނެއް ހަނގުރާމައެވެ. ވަޒީފާ ދޫކޮށްލީމެވެ. އެކަހެރިކަން އެކުވެރިޔަކަށް ހެދީމެވެ. އަޝްރާން ޗުއްޓީނެގިއެވެ. އެ ޗުއްޓީ ނިމޭނެ ދުވަހެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންނަށް ހުރެވެނީ، ކުޑަކުއްޖަކު މަންމަގެ ހެދުމުގެ ފަސްބައި އިނގިއްޔަށް އޮޅައިލައިގެން ހުންނަހެން އަޝްރާންގެ ޓީޝާޓުގެ ފަސްބައި އިނގިއްޔަށް އޮޅައިލައިގެންނެވެ. ފާހާނަ ތަށިމަތީގައި ވެސް އަހަރެން އިންނަނީ، ކައިރީގައި އަޝްެރާން ބަހައްޓައިގެންނެވެ. ލަދުގަނެއެވެ. ފޫހި ވެސް ވެއެވެ. އެކަމަކު ޓީޝާޓުގެ ފަސްބައިން ދުލެއް ނުކުރެވެއެވެ. އަހަންނަކީ ބޮޑުވެފައި ހުރި އަންހެނެކެވެ. އަޝްރާނަކީ، ހީވާގި ސިފައިންގެމީހެކެވެ. ހަތަރުދަމު އަހަރެން ކައިރީގައި އިންނަންޖެހުމުން އޭނަ ކިހާ ފޫހިވާނެ ހެއްޔެވެ؟ އެކަމަކު، ދުވަހަކު ވެސް އޭނަ ޝަކުވާއެއް ނުކުރެއެވެ. އަހަރެން ހުރިހައި ވެސް ނަސީބަކީ އެއީއެވެ.