އެނބުރި އައިއިރު ޕޮގްބާ މާ ތަފާތު
އެނބުރި އައިއިރު ޕޮގްބާ މާ ތަފާތު

މެންޗެސްޓާ (އޮގަސްޓް 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ މިޑްފީލްޑްގައި ދައްކާ ޖާދޫ، މެންޗެސްޓާ ޔުނައިޓެޑްގައި ނުދެއްކޭ ކަމަށް ބުނެ ޕޯލް ޕޮގްބާ އަށް ފާޑުކިޔުން ބޮޑުވި އެވެ. އެ ހުރިހާ ފާޑު ކިޔުމަކަށް ޖަވާބު ދިނީ ސީޒަންގެ ފުރަތަމަ މެޗުންނެވެ. ޕާސިން ގޭމާއި ބޯލް ޕޮސެޝަންގެ އެކްސްޕާޓް މާސެލޯ ބިއެލްސާގެ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އިނގިރޭސި މިޑީއާތަކުގެ ސުރުހީތަކުގައި އޮތީ ޕޮގްބާ އާއި އޭނާ ތަނަވަސްކޮށްދިން ފުރުސަތުތަކާ އެކު ހެޓްރިކު ހެދި ބުރުނޯ ފެނާންޑޭޒްގެ ވާހަކަ އެވެ.

އެނބުރި އައިއިރު ޕޮގްބާ މާ ތަފާތު
އެނބުރި އައިއިރު ޕޮގްބާ މާ ތަފާތު

ޕޮގްބާގެ ޕާސިން ރޭންޖާއި ލަނޑު ޖަހަން އޭނާ ފޯރުކޮށްދިން ފުރުސަތުތަކާ އެކު އެއް މެޗުން އޭނާ ރެކޯޑް ހެދީ އެވެ. ޔުނައިޓެޑް މެޗު ފެށީ ޕޮގްބާއާ އެކު ފްރާންސްގެ ގައުމީ ޓީމަށް ކުޅޭ ޑިފެންޑަރު ރަފޭލް ވަރާން، ޔުނައިޓެޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި ތާރަފްކޮށް ދިނުމަށް ފަހު އެވެ. ސަޕޯޓަރުން އެނބުރި ދަނޑަށް ވަދެ ދިން ފޯރީގައި ޔުނައިޓެޑުން، ލީޑްސް ބަލިކުރީ 5-1 އިންނެވެ.

"ވަރަށް ފުރިހަމަ،" ޕޮގްބާގެ ކުޅުމާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްސަޔާ ބޭނުން ކުރި "އިމްޕްރެސިވް"، މި ލަފުޒު އެންމެ ރަނގަޅަށް ތަރުޖަމާ ކުރެވޭނެ ގޮތަކީ އެއީ އެވެ.

"ޕޯލް (ޕޮގްބާ) ގެ ކިބައިގައި އެ އަޒުމު އެބަހުރި. އޭނާގެ ކިބައިގައި އެ ކޮލިޓީ ވެސް އެބަހުރި."

ޕޮގްބާގެ ހަތަރު އެސިސްޓާއި ހެޓްރިކް ހެދި ބުރުނޯ އާއި އަނެއް ދެ ލަނޑު ޖެހި މޭސަން ގްރީންވުޑާއި ފްރެޑްގެ އިތުރުން މުޅި ޓީމުގެ ވާހަކަ ދެއްކުން ސޮލްސަޔާ އަށް މުހިންމެވެ. އޭނާ އެދުނީ މީޑީއާ އިން ވެސް މުޅި ޓީމުގެ ވާހަަކަ ދެއްކުމަށެވެ.

"އަހަންނަށް އެނގޭ ހެޑްލައިންގައި އޮންނާނީ ބުރުނޯ އާއި ޕޯލްގެ ވާހަކަކަން. އެކަމަކު މިއީ މުޅި ޓީމުގެ މަސައްކަތެއް. މޭސަން [ގްރީންވުޑް] ކުޅުނު ގޮތުން ބުރުނޯ އަށް އެ ޖާގަ މެޗުގައި ލިބުނީ. އެ ދިމާލުން އެ ފުރުސަތުތައް ތަނަވަސްވީ. އަހަރެން ވަރަށް ހިތްހަމަ ޖެހޭ ޕޯލްގެ ފިޓްނަސް ލެވަލްއާ މެދު. ބުރުނޯ އާއި ޕޯލް އަދި މި ހުރިހާ ކުޅުންތެރިންގެ މޫނު މަތިން އުފާވެރިކަން ފެންނާތީ އަހަރެން ވަރަށް ހިތްހަމަޖެހޭ."

ރޭ ކުޅުނު އެހެން މެޗުތަކުގައި ޗެލްސީން ވަނީ ކްރިސްޓަލް ޕެލަސްގެ މައްޗަށް 3-0 އިން މޮޅުވެފަ އެވެ. ލިވަޕޫލް ވެސް ނޯވިޗް ސިޓީގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ. ޗެމްޕިއަން މެންޗެސްޓާ ސިޓީން މިރޭ ޓޮޓެންހަމް އާ ދެކޮޅަށް ނުކުނާނެ އެވެ.