އިންގްލެންޑް ދޫކޮށް ޒަހާ އައިވަރީ ކޯސްޓަށް ކުޅެން ނިންމައިިފި
އިންގްލެންޑް ދޫކޮށް ޒަހާ އައިވަރީ ކޯސްޓަށް ކުޅެން ނިންމައިިފި

ލަންޑަން (ނޮވެމްބަރު 28) - ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ވިލްފްރިއެޑް ޒަހާ އިންގްލެންޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ފަހު އައިވަރީ ކޯސްޓަށް ބަދަލުވެއްޖެ އެވެ.

ޒަހާ ވަނީ މީގެ ކުރިން އިންގްލެންޑުގެ 19 އަދި 21 އަހަރުން ދަށުގެ ޓީމަށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. އަދި ސީނިއާ ޓީމަށް 2012 ވަނަ އަހަރު ދެ މެޗު ކުޅުނެވެ.

ޔޫތު ޓީމަށް ގިނަ މެޗުތަކެއް ކުޅުނު ނަމަވެސް އިންގްލެންޑް ސީނިއާ ޓީމަށް ޒަހާ ކުޅުނު ދެ މެޗަކީ ރަސްމީ ދެ މެޗަށް ނުވާތީ އަދި އޭނާ އުފަންވެފައިވަނީ އައިވަރީ ކޯސްޓަށް ކަމަށްވާތީ ފީފާ ގަވާއިދުގެ ދަށުން އޭނާ އަށް ގައުމީ ޓީމު ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ. އައިވަރީ ކޯސްޓް އެފްއޭ އިން ވަނީ ޒަހާ އެ ގައުމަށް ކުޅެން ނިންމާފައިވާކަން އިއުލާން ކޮށްފަ އެވެ.

އުމުރުން 24 އަހަރުގެ ޒަހާ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ 2010 ވަނަ އަހަރު ކްރިސްޓަލް ޕެލަސް އިންނެވެ. އެ އަށް ފަހު 2013 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި އެވެ. އެހެން ނަމަވެސް ޔުނައިޓެޑުން އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީ ލޯން އެއްބަސްވުމެއްގެ ދަށުން ޒަހާ ވަނީ ޕެލަސް އާއި ކާޑިފް ސިޓީ އަށް ކުޅެފަ އެވެ. އޭނާ ދާއިމީ އެއްބަސްވުމެއްގެ ދަށުން ޕެލަސް އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

ޕެލަސްގެ ކޯޗު އެލަން ޕާޑިއު ބުނީ ޒަހާ އަށް އިންގްލެންޑުން ފުރުސަތު ދިން ނަމަ އޭނާ ތަފާތު ދައްކާނެ ކަމަށާއި އެ ފުރުސަތު ނުލިބުމުން އޭނާ އައިވަރީ ކޯސްޓް ގައުމީ ޓީމަށް ބަދަލުވާން ނިންމުމަކީ ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.