14 އޯގަސްޓް 2021 - 12:40

މީހަކު ހަވާލުކުރި ކަމަށް ބުނާ ވެޑިން ޑްރެސް ފޮއްޓެއްގެ ތެރޭ ކިލޯއެއްހާ ޑްރަގްސް ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ދާދިފަހުން މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މީހާގެ އަތުން ޑްރަގްސް ފެނުނީ ވެޑިން ޑްރެސްއެއް އޮތް ފޮށިގަނޑެއްގެ ކަރުދާސްގަނޑުގެ ދެ ލޭޔާ ދޭތެރޭގައި ފޮރުވާފައި ހުއްޓަ އެވެ. އޭގެ ބަރުދަނުގައި 955 ގްރާމް ހުއްޓެވެ. އެ ފޮށިގަނޑު ގެންގުޅުނު މީހާ ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
ހައްޔަރު ކޮށްފައިވާ މީހާ ބުނާ ގޮތުން އޭނާއާ މަގުމަތިން އެ ފޮށިގަނޑު ހަވާލުކުރީ އެހެން މީހެކެވެ. އަދި އެ ފޮށިގަނޑުގައި އޮންނާނީ ވެޑިން ޑްރެސްއެއް ކަމަށް އެ ފޮށިގަނޑުގެ ވެރިމީހާ ބުނެފައިވާ ކަމަށް އެ މީހާ ކޯޓުގައި ބުނެފައިވެ އެވެ.
އެ ފޮށިގަނޑު ހިފައިގެން އޭނާއާ އެކު އެހެން މީހަކު މަގުމަތީގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންނަށް ލިބިފައިވެ އެވެ. އެކަމަކު ދެވަނަ މީހާ މިހާތަނަށް ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ.
ކޯޓުގެ ނިންމުމުގައިވަނީ އެ މައްސަލާގައި ޔަގީން ކުރަންޖެހޭ ކަންކަން ޔަގީންކުރަން މިހާތަނަށް ބަޔާންތައް ނަގާފައިނުވާ ކަމަށެވެ. ނަމަވެސް ފޮށިގަނޑުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ ކޯޓުން ނިންމީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށެވެ.