ދެން އޮތީ ދީޕިކާގެ "އެންމެ ތަފާތު ފިލްމަށް" ނަމެއް ދިނުން
ދެން އޮތީ ދީޕިކާގެ "އެންމެ ތަފާތު ފިލްމަށް" ނަމެއް ދިނުން

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން މިހާތަނަށް ކުޅުނު އެންމެ ތަފާތު ފިލްމުގެ ގޮތުގައި ސިފަކޮށް އަދި ބެލުންތެރިން ހައިރާންކޮށްލާވަރުގެ ޕްލޮޓެއް އޮތް ފިލްމެއް ކަމަށް ތަކުރާރުކޮށް ބުނަމުން އަންނަ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.

މިއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް، ޝަކުން ބަޓްރާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ޑާކް ރިލޭޝަންޝިޕް ތުރިލާއެކެވެ. ހުކުރު ދުވަހު ފިލްމުގެ ޝޫޓިން ނިންމައިލި ވާހަކަ މީގެ މައިގަނޑު ހުރިހާ ކާސްޓުން ފޮޓޯތަކާ އެކު، އެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކޮށްފައިވެ އެވެ

އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ފިލްމަށް ދެން ނަމެއް ދޭންވެއްޖެ ކަމަށް ބުނެ، އެކްޓަރު ސިދާންތު ޗަތުރަވެތީ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކުރި ފޮޓޯ އެވެ. މިދިޔަ އަހަރު ޝޫޓިން ފަށައި، ގޯއާގައި ވަރަށް ބޮޑު ބައި ޝޫޓްކުރި ފިލްމުގެ ލީޑް ތަރިންނަކީ ދީޕިކާ އާއި ސިދާންތުގެ އިތުރުން އަނަންޔާ ޕާންޑޭ އާއި ދައިރިއާ ކަރްވާ އެވެ.

ޝޫޓިން ނިންމައިލި ވާހަކާއާ އެކު ދީޕިކާ ބުނީ މި ފިލްމަށް ކުރި މަސައްކަތަކީ ހަނދާނުން ނުފިލާނެ ހިތްގައިމު ތަޖުރިބާއެއް ކަމަށެވެ.

މީޑިއާތަކުން ކުރިން މީގެ ޕްލޮޓާ ބެހޭ ބައެއް ވާހަކަ ތިލަކޮށްފައިވާ އިރު، ބުނެފައި ވަނީ ދީޕިކާގެ ކެރެކްޓާ އަކީ އަނަންޔާގެ ދައްތަ ކަމަށާއި އެއީ އަޑި ނޭނގޭ ވަރަށް ސިއްރުވެރި ކެރެކްޓާއެއް ކަމަށެވެ. އަދި އެ ކެރެކްޓާ އަކީ ކޮއްކޮގެ ލޯބިވެރިޔާއާ އެކު ދީޕިކާ ހިންގާ ސިއްރު ގުޅުންތަކެއްގެ ސަބަބުން ކުރިމަތިވާ ހާޖާނުގަނޑެއްގެ ތެރޭގައި އުޅޭ ކެރެކްޓާއެއް ކަމަށެވެ.

މި ފިލްމާ ބެހޭ ގޮތުން ދީޕިކާ ކުރިން ބުނެފައި ވަނީ މިއީ ބެލުންތެރިން ވަރަށް އުންމީދުނުކުރާ ކަހަލަ ފިލްމަކަށްވާނެ ކަމަށެވެ. މީގެ ޑައިރެކްޓަރު ޝަކުން އެންމެ ފަހުގެ ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2016 ގެ "ކަޕޫރް އެންޑް ސަންސް" އެވެ.

މިދިޔަ އަހަރު "ޗަޕާކް" އިން ފެނިގެން ދިޔަ ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ފިރިމީހާ ރަންވީރު ސިންގްގެ "83" އާއި ޝާހްރުކް ޚާންގެ "ޕަތާން" އާއި ޕްރަބާސްގެ ނަން އިއުލާން ނުކުރާ ފިލްމަކާއި އަމީތާބް ބައްޗަނާ އެކު ކުޅޭ "ދި އިންޓާން" އަދި ރިތިކް ރޯޝަންގެ "ފައިޓާ" ހިމެނެ އެވެ.