13 އޯގަސްޓް 2021 - 23:42

ތަރައްގީވެފައިވާ ބޮޑެތި ގައުމަތަކުން މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގައުމުތަކުގެ ދަރަނި ރީސްޓްރަކްޗާކޮށް ލުއި ގޮތެއް ހަމަޖައްސައިދޭން، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ޗެއާ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ގޮވާލައްވައިފި އެވެ.
އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން މިދިޔަ ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ވަނީ ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް ދުނިޔެ ހޫނުވަމުންދާ ކަމަށެވެ. އަދި ގައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް ވަރަށް އަވަހަށް މަދު ނުކުރާ ނަމަ ގުދުރަތީ ކާރިސާތައް ގިނަވެ، އިންސާނިއްޔަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
އެ ރިޕޯޓާ ގުޅިގެން ޝައިހް ހަސީނާ އަންގާރަ ދުވަހު ނެރުއްވި ބަޔާނުގައި ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވެ، މޫސުމަށް އަންނަ ބަދަލުތައް އިތުރުވާއިރު، އެއީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ސީވީއެފްގެ 48 ގައުމަށް އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
މީގެ ކުރިން ބޭއްވި ކޮޕް ސަމިޓްތަކުގައި އެއްބަސްވި ވަރާ ގާތަށް ވެސް، ދުނިޔެ ހޫނުވުމުގެ ޒިންމާ އުފުލަންޖެހޭ ގައުމުތަކުން ކުދި ގައުމުތަކަށް އެކަށީގެންވާ ވަރަށް ކްލައިމެޓް ފައިނޭންސް ފޯރުކޮށް ނުދޭ ކަމަށް ވެސް ހަސީނާގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން، މިހާރު ކުރިމަތިވެފައިވާ ކްލައިމެޓް އިމަޖެންސީއާ ގުޅިގެން ސީވީއެފް ގައުމުތަކުގެ ދަރަންޏާ މެދު އަލުން ވިސްނައި ބައިނަލްއަގުވާމީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި ލޯނު ދޫކުރާ އެހެން ފަރާތްތަކުން އެފަދަ ގައުމުތަކުގެ ލޯނުތައް ރީސްޓްރަކްޗާކޮށްދޭން ތާއީދު ކުރުމަށް ބަޔާނުގައި ގޮވާލެއްވި އެވެ.
އެކަމާ ބެހޭގޮތުން ވީ20 ގްރޫޕް އޮފް މިނިސްޓްރާސް އޮފް ފައިނޭންސްގެ ޗެއާ، ބަންގްލަދޭޝްގެ ފައިނޭންސް މިނިސްޓަރު މުސްތަފާ ކަމާލްއާ ވެސް ވާހަކަ ދައްކަވާފައިވާ ކަމަށާއި، ސީވީއެފްގެ ގައުމުތަކުގެ ލީޑަރުންނާ ވެސް ވާހަކަ ދައްކަވާނެ ކަމަށް ހަސީނާ ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރާނެތީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސީވީއެފްގެ އެމްބެސެޑަރު މުހައްމަދު ނަޝީދު ވަނީ ހަސީނާގެ ބަޔާން ޓްވިޓްކުރައްވާފައިވެ އެވެ. އެ މަނިކުފާނަކީ ރާއްޖެ ޗައިނާއަށް ދަރާފައި އޮތް މިންވަރު ބޮޑު ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާ ބޭފުޅެކެވެ.
އައިޕީސީސީގެ ރިޕޯޓުގައި ވަނީ މިދާ ރޭޓުގައި ދާ ނަމަ ޕްރީއިންޑަސްޓްރިއަލް ޒަމާނާ އަޅާބަލާއިރު ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް އަރާފާނެ ކަމަށެވެ.
ހޫނުމިން 1.5 ޑިގްރީގެ އިތުރުވުއްޖެ ނަމަ ހީޓްވޭވްތައް ވަރަށް ބޮޑަށް އިތުރުވެ، ހޫނު މޫސުންތައް ދިގުވެ، ފިނި މޫސުންތައް ކުރުވާނެ ކަމަށް ސައިންސުވެރިން ބުނެ އެވެ. އެވަރަށް ހޫނުމިން އިތުރު ވެއްއްޖެ ނަމަ ހޫނުގަދަވާއިރު އިންސާނާގެ ސިއްހަތަށް ސީދާ ގެއްލުންވާ މިންވަރަށް އަދި ދަނޑުގޮވާން ކުރުމަށް އުނދަގޫވާ ހިސާބަށް ދާނެ ކަމަށްވެ އެވެ.
ޕެރިސް އެގްރީމަންޓުގައި ސޮއިކޮށް 2015 ވަނަ އަހަރު 196 ގައުމަކުން އެއްބަސްވީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށެވެ. އަދި ދުރު ރާސްތާގައި ކޮންމެހެން ވެސް ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށެވެ.