13 އޯގަސްޓް 2021 - 20:08

ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލެޓިން އެމެރިކާ (ލަޓާމް) ގެ ވާޗުއަލް ފެއާގައި ރާއްޖޭން ބައިވެރިވިވެއްޖެ އެވެ.
މި ޓްރެވަލް ފެއާގައި ބްރެޒިލްގައި ރާއްޖެ އިޝްތިހާރުކޮށްފައިވެ އެވެ. މި ފެއާގެ ތެރެއިން މަސަައްކަތްކުރީ ކޮވިޑްގެ މިހާލަތުގައި ވެސް ރާއްޖެ އަކީ ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށެވެ. ފެއާ ކުރިއަށް ދިޔައީ މިމަހުގެ 10 އިން 12 އަށެވެ.
މިއީ ލެޓިން އެމެރިކާގައި އެންމެ މަގްބޫލު އެއް ފެއާ އެވެ. މިފެއާގައި 50 ގައުމެއްގެ 600 އަށް ވުރެ އެގްޒިބިޓަރުން ބައިވެރިވި އެވެ. އެމްއެމްޕީއާރްސީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެހެން ކުންފުނިތަކުން ވެސް މިފެއާގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ގެސްޓްހައުސް، ސަފާރީތައް ވެސް ހިމެނެ އެވެ.
ލެޓިން އެމެރިކާގެ ގައުމުތަކަށް އަމާޒުކޮށް ރާއްޖެ ޕްރޮމޯޓްކުރަން ފަށާފައިވާ އިރު އެ ސަރަހައްދުގެ ބްރެޒިލް ފަދަ މަންޒިލްތަކުގައި ރާއްޖެއަކީ ހަނީމޫން އާއި ލަގްޒަރީ ރިސޯޓުތަކަށް ޗުއްޓީ ހޯދުމަށް މަގްބޫލުކަން އިތުރުވަމުން އަންނަ މަންޒިލެކެވެ.
އެމްއެމްޕީއާރްސީއިން އަންނަނީ ދުނިޔޭގެ އެކި ސަރަހައްދުގައި ބާއްވާ ފެއާތަކުގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓުކުރަމުންނެވެ. މި މަސައްކަތާ ގުޅިގެން ކޮވިޑްގެ ހާލަތަށް ފަހު ޓޫރިސްޓުން އަންނަ ވަރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.
މިއަހަރުގެ މިހާތަނަށް ހަ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ލައްކައެއްހާ ޓޫރިސްޓުން ގެނައުމެވެ.